އިންޑިއާގެ މުމްބާއީގައި ހުންނަ ސަލްމާން ހާންގެ ގެލެކްސީ އެޕާޓްމަންޓަށް ރޭ ފަތިހު ބަޔަކު ބަޑި ޖަހައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ފަތިހު ފަހެއް ޖަހާކަށް ހާއިރު ދިން މި ހަމަލާގައި ދެ މީހަކު ބައިވެރިވި އެވެ. އެ މީހުން ޖެހި ބަޑީގެ ވަޒަންތައް އެރީ ސަލްމާން ގޭގެ ފާރަށް ކަމަށް ރިޕޯޓްތައް ބުންޏެވެ.
އެ ގެއަށް އަމާޒުކޮށް ތިން ވަޒަން ޖަހާފައި ވާއިރު، އެ އެ ދެމީހުން ހަމަލާދޭ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ފެންނަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
މުމްބާއީ ޕޮލިސްގެ ކްރައިމް ބްރާންޗުން މި މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މި ހަމަލާއާ ގުޅިގެން ސަލްމާންގެ ގޭގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ސަލްމާން އާއި އޭނާގެ ބައްޕަ ސާލިމް ހާން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ގޭގެ ބެލްކަންޏަށް ނުކުމެ އެތަނަށް އެއްވެސް ތިބި ފޭނުންނާ ވެސް ބައްދަލުކޮށްފަ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވާއިރު، މުމްބާއީގައި މިފަހުން ވަނީ ބަޑީގެ ހަމަލާތައް އިތުރުވެފަ އެވެ.