ކޮލަބްބިއާ އަށް އުފަން މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޝަކީރާ އޭނާގެ އާ އަލްބަމް "އެލް ޑޮރާޑޯ" މި މަހުގެ 26 ގައި ނެރެން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.
އުމުރުން 40 އަހަރުގެ ލަވަކިޔުންތެރިޔާ އިސްޓަގްރާމްގައި ވަނީ އަލްބަމްގެ ކަވަރު ވެސް ދައްކާލައިފަ އެވެ. އޭނާ ބުނީ އަލްބަމް ނެރޭކަން ހިއްސާ ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން "މެ އެނަމޯ" ވަނީ ކުރިން އެހުންތެރިންނަށް ދޫކޮށްލައިފަ އެވެ. ޝަކީރާ ލޯބިވެރިޔާ އަދި ކުދިންގެ ބައްޕަ ޖެރާޑް ޕިކޫ އަށް ޑެޑިކޭޓްކޮށްފައިވާ އެ ލަވަ ވެގެން ގޮސްފައި ވަނީ ވަރަށް މަގުބޫލް ލަވައަކަށެވެ.
"އެ ލަވައަކީ ޖެރާޑާއި އަހަރެން ބައްދަލުވި ގޮތާއި އޭނާ ދެކެވާ ލޯބި ހާމަކޮށްދޭ ލަވައެއް. އެހެން ގޮތަކަށް ބުނާ ނަމަ މެ އެނަމޯއަކީ އަހަރެންގެ ލޯބީގެ ވާހަކަ،" މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ ޝަކީރާ ބުންޏެވެ.
އޭނާ ބުނީ އޭނާގެ 11 ވަނަ އަލްބަމް ފޭނުންނާ ހަމައަށް މި އަންނަނީ ދަރިން ވެސް ދެމުން އަންނަ ހިތްވަރާ އެކުގައި ކަމަށެވެ."ބުރަކޮށް މަސައްކަތް ކުރަން ދަރިންގެ ފަރާތުން ވަރަށް ހިތްވަރު ލިބޭ،" އާ އަލްބަމް ރިލީޒްވާތީ އުފަލުން ހުރި ލަވަ ކިޔުންތެރިޔާ ބުންޏެވެ.
ޝަކީރާ އެންމެ ފަހުން އަލްބަމެއް ނެރުނީ 2014 ގަ އެވެ. އެއީ އޭނާގެ ނަމުން ނަން ދީފައިވާ އަލްބަމް "ޝަކީރާ" އެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތީމް ލަވަ "ވައްކާ ވައްކާ" ވެސް ކިޔައިގެން ބޮޑު މަޝްހޫރު ކަމެއް ހޯދި ޝަކީރާ މިހާރު އަންނަނީ "އެލް ޑޮރާޑޯ" ނެރުމަށް ފަހު ޓުއާއަކަށް ވެސް ނިކުންނަން ތައްޔާރުވަމުންނެވެ.