އެ މަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރަށް ހޮވިވަޑައިގެންފި ނަމަ ށ. ފީވަކުގައި ގިނަ މަސައްކަތްތަކެއް ކޮށްދިނުމަށް ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ށ. އަތޮޅަށް އިއްޔެ ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި، އާބަދީގައި 1،200 މީހުން ދިރިއުޅޭ ފީވަކުގައި ރައީސް ވިދާޅުވީ މި ރަށުގެ ބޮޑެތި މަގުތައް ހަދައި ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށެވެ. ގިރާ ސަރަހައްދުގައި ރިވެޓްމަންޓް ޖަހައި، އައުޓްޑޯ ޖިމަކާއި ވޮލީ ކޯޓެއް ހަދައިދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ސަރުކާރުން ފީވަކުގައި ހަދައިދިން ބަނދަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހުޅުވައިދެއްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފީވަކަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށެވެ. ޖެހިގެން އައި ޕީޕީއެމްގެ ސަރުކާރުން ފީވަކުގައި ތިން މަޝްރޫއެއް ހިންގުމުން، މި ސަރުކާރުން ވެރިކަމާ ހަވާލުވެ ގިނަ މަސައްކަތްތަކެއް ކޮށްދޭން ޖެހުނު ކަމަށް ވިދާޅުވި އެވެ.

ކޮވިޑްގެ ސަބަބުން ދަތިވި ދެ އަހަރާއެކު ވެސް މި ރަށުގައި 13 މަޝްރޫއެއް ހިންގާފައިވާކަން، ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވި އެވެ.

ފީވަކުގައި މިހާރު އަންނަނީ ފުޓްބޯޅަ ދަނޑެއް އަޅަމުންނެވެ. ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް މޫދަށް އެރޭ ސަރަހައްދެއް ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ޒުވާނުންގެ މަރުކަޒު ހަދަން ވެސް ވަނީ ހަވާލުކޮށްފަ އެވެ.

ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ގާތްގަނޑަށް ނިމިފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން ހުރިހާ ގެއަކަށް އެ ހިދުމަތް ދޭން ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސްކޫލުގެ މަސައްކަތް ހައްލުކުރަން ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލް އަޅައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަނިކުފާނު ބޭނުންވަނީ އުފާވެރި، އަމާން މުޖުތަމައެއް ބިނާކުރުމަށް ކަމަށެވެ. އެ މަގުސަދު ހާސިލްކުރުމަށް، އަންނަ މަހުގެ 9 ގައި ބާއްވާ އިންތިހާބުގައި އެ މަނިކުފާނަށް ދެ ވަނަ ދައުރެއް ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.