ޖިންސީ ގުޅުމުން އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގޮނޯރިއާ (ކިހުނު) ގެ މިހާތަނަށް ނުފެންނަ ވަރުގެ ނުރައްކާ ވައްތަރެއް އިނގިރޭސި ވިލާތުގެ މީހަކަށް ޖެހިއްޖެ އެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހާ އަށް ކިހުނު ޖެހުނީ އިރުމަތީ އޭޝިއާގެ ގައުމަކަށް ކުރި ދަތުރެއްގައި އަންހެނަކާ އެކު ހިންގި ގުޅުންތަކަކަށް ފަހުގަ އެވެ.

ޕަބްލިކް ހެލްތު އިންގްލެންޑުން ބުނީ މި މީހާ އަށް ޖެހިފައިވާ ކިހުނު ބަލި، އާންމުކޮށް ޖެހޭ ކިހުނަށް ފަރުވާ ކުރުމަށް ބޭނުންކުރާ އެންޓިބަޔޮޓިކުން ރަނގަޅު ނުކުރެވޭ ކަމަށެވެ. އަދި މިއީ މީގެ ފުރަތަމަ ކޭސް ކަމަށް އެ އިދާރާއިން ބުންޏެވެ.

ސިއްހީ އިދާރާތަކުން މިހާރު އަންނަނީ އިނގިރޭސި ވިލާތު މީހާ އަށް ބަލި އެރުމުގެ މެދުވެރިއަކަށްވި އަންހެން މީހާ ހޯދައި، މި ބަލި އިތުރަށް ފެތުރުނަ ނުދޭން ފިޔަވަޅުތައް އަޅަން މަސައްކަތްކުރަމުންނެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ކިހުނަށް ދޭ އެންޓިބަޔޮޓިކްގެ ފަރުވާއިން މި މީހާ ރަނގަޅެއް ނުކުރެވުނެވެ. އެކަމަކު އާންމުކޮށް ބޭނުންކޮށް ނޫޅޭ އެންޓިބަޔޮޓިކްގެ ފަރުވާއަކުން މި މީހާ ރަނގަޅު ކުރެވިދާނެ ކަމަށް ޓެސްޓްތަކުން ދައްކާ ކަމަށާއި އެކަން ޔަގީންވާނީ އަދި ދުވަސްކޮޅެއް ފަހުން، ނަތީޖާ އަށް ބެލުމަށް ފަހުގައި ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.

"މިއީ އާންމުކޮށް ބޭނުންކޮށްއުޅޭ އެންޓިބަޔޮޓިކްތަކާއި އެހެން ބޭސްތަކަށް ނުގުޑާ މިންވަރަށް ކިހުނު ބަލި ނުރައްކާ ވެފައި ވަނިކޮށް ފެނުނު ފުރަތަމަ ފަހަރު،" ޕަބްލިކް ހެލްތު އިންޑްލެންޑުގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. ވެންދާ ހިއުސް ވިދާޅުވި އެވެ.

މިކަން ފާހަގަވުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔޫރަޕިއަން ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލްއާ އެކު ކުރި މަޝްވަރާތަކަށް ފަހު އެ ދެ އިދާރާއިން ވެސް އެއްބަސްވެފައި ވަނީ މިއީ މިހާތަނަށް ފެނުނު، ކިހުނުގެ އެންމެ ނުރައްކާ ކޭސް ކަމަށެވެ.

ކިހުނު ބަލި ޖެހޭ މީހުންގެ އަދަދު މި ފަހަކަށް އައިސް އިތުރުވާން ފަށާފައި ވާއިރު މިއީ މިހާރު ބޭނުންކުރާ ބޭސްތަކަށް ނުގުޑާ ބައްޔަކަށް ބަދަލުވެދާނެ ނުރައްކާ ބައްޔަކަށް ވެދާނެ ކަމަށް ޑޮކްޓަރުން އިންޒާރު ދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ނެއިސީރިއާ ގޮނޯރިއާ ނަމަކަށް ކިޔާ ޖަރާސީމެއްގެ ސަބަބުން މި ބަލި ޖެހެނީ ޖިންސީ ގުޅުމުންނެވެ. މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާއިރު ތަދުވެ ދިލަ ނަގައި، ހިރުވައެވެ. ނުބައި ވަހާ އެކު، ލަދުވެތި ގުނަވަނުން ދޮސް އާދެއެވެ. އަދި ބައެއް ފަހަރު ލޭ ވެސް އާދެއެވެ. އަދި މައްސަރު ދުވަސްވަރުގައި ބައެއް ފަހަރު އާދަޔާ ޚިލާފަށް ގަދަޔަށް އަށް ވެސް ލޭ އަތުވެދާނެއެވެ. ބައެއް ފަހަރު އެއްވެސް އަލާމާތެއް ނުފެނި އެތައް ދުވަހަކު ވެސް ހުރެދާނެ އެވެ.

މި ބަލި ލަދުވެތި ގުނަވަނަށާއި ފުރަގަސް ފަރާތަށް ވެސް ޖެހެ އެވެ. ނުވަތަ އަނގަ ތެރެއަށާއި ލޮލަށް ވެސް ޖެހިދާނެއެވެ. އަދި ފަރުވާކުޑަކޮށްފި ނަމަ ކުރިމަތި ފަރާތުގެ އެހެނިހެން މައްސަލަތަކާއި، ދަރިން ނުލިބުމާއި، ދަށްބަނޑުގައި ރިއްސުމާއި، ލޮލުގެ ފެނުމަށް ބުރޫއެރުމާއި، ހުޅުހުޅުގައި ރިއްސުން ފަދަ އުނދަގޫތަކާ ކުރިމަތިލާން ޖެހުމަކީ މި ބަލީގައި ދިމާވާ ކަންކަމެވެ. އަދި އެކްޓޮޕިކް ޕްރެގްނަންސީ (ނުބައި ތަނެއްގައި ދަރިފުޅު އަށަގަތުން) އާއި ދުވަސްނުފުރާ ވިހެއުން ފަދަ ކަންކަން ވެސް ދިމާވުން އެކަށީގެންވެއެވެ. އަދި ފުރާނައަށް ވެސް ނުރައްކާވެ އެވެ.