ދުވަހަކު ޖިންސީ ގުޅުމެއް ނުހިންގާ ފިރިހެނުންނަށް ވެސް އެޗްޕީވީ ނަމަކަށް ކިޔާ ކެންސަރު ޖައްސާ ވައިރަސްއެއް ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ފަހުގެ ހޯދުމަކަށް ފަހު ސައިންސްވެރިން ބުނެފި އެވެ. އެޗްޕީވީ ނުވަތަ ހިއުމަން ޕެޕިލޯމާވައިރަސް އަކީ ޖިންސީ ގުޅުމުން އެންމެ ފަސޭހައިން ޖެހޭ އިންފެކްޝަނެވެ. ޖިންސީ އަމަލުތައް ހިންގާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް މި ވައިރަހުގެ އަސަރު ފޯރަ އެވެ.
އެޗްޕީވީގެ 100 ވަރަކަށް ވައްތަރު މިހާތަނަށް ހޯދިފައިވާއިރު މީގެ ތެރެއިން 40 ވަރަކަށް ވައްތަރަކީ އަންހެނުންނާއި ފިރިހެނުންގެ ޖިންސީ ގުނަވަނަށް ބަލި ޖައްސާ ވައްތަރުތަކެވެ. އަދި މީގެ ތެރެއިން ގާތްގަނޑަކަށް 20 ވައްތަރުން ޖިންސީ ގުނަވަނާއި ބޮލާއި ކަރު އަދި ސާވިކަލް ކެންސަރު ޖެހުމަށް މަގުފަހިވެ އެވެ.
އެމެރިކާގައި ވަރަށް ފަހުން ހޯދި ހޯދުމަކުން ހާމަވެފައިވާ ގޮތުގައި އެއްގޮތަކަށް ވެސް ޖިންސީ ގުޅުން ނުހިންގާ މީހުންނަށް ވެސް މި ބަލި ފެތުރިދާނެ އެވެ. ޔުނިވަސިޓީ އޮފް ޓެކްސަސްގެ ތަޖުރިބާކާރުންގެ މި ހޯދުމުގައި މިފަހަރު ބައިވެރިކުރީ މެކްސިކޯ، ބްރެޒީލް އަދި އެމެރިކާގެ އުމުރުން 18 އަހަރާއި 70 އަހަރާ ދެމެދުގެ 87 ފިރިހެނުންނެވެ. މި އެންމެންނަކީ ވެސް ދިރާސާ ހިނގަމުން ދިޔަ ދުވަސްތަކުގައި ޖިންސީ ގޮތުން އެކްޓިވް ބައެއް ނޫނެވެ.
މި ހޯދުމުން ދައްކާ ގޮތުން އެޗްޕީވީ އިންފެކްޝަން ޖެހުމުގެ ފުރުސަތު ޖިންސީ ގުޅުން ހިންގާ މީހުންނަށް ދެ ގުނަ ބޮޑެވެ.
މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޑރ. އެލަން ނީއިޓްރޭ ވިދާޅުވީ ކުރީގެ ހޯދުންތަކުން ސާބިތުވެފައިވަނީ ބިކުރުވެރި އަންހެންކުދިންނަށް ވެސް އެޗްޕީވީ ޖެހޭ ކަމަށެވެ. މިފަދަ ފިރިހެނުންނަށް އެޗްޕީވީ ޖެހުމުގެ ފުރުސަތު އޮތްކަން ސާބިތުވީ މި ހޯދުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސައިންސްވެރިން ބުނަނީ ސީދާ ޖިންސީ އަމަލު ނުހިންގިޔަސް އަތުގެ ޒަރިއްޔާއިން ވެސް ވައިރަސް އަރާ ކަމަށެވެ.
އެޗްޕީވީ އަކީ ދުނިޔޭގައި އެންމެ ފުޅާކޮށް ފެތުރެމުންދާ ވައިރަހެވެ. އާބާދީގެ ކޮންމެ ފަސް މީހަކުން ހަތަރު މީހަކަށް ހަޔާތުގައި އެއް ފަހަރު ނަމަވެސް މި އިންފެކްޝަނާ ކުރިމަތިވެ އެވެ.
ގިނަ ފަހަރަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން ހަނގުރާމަކޮށް ވައިރަސްތަކުގެ ދުވަސް ދުއްވާލަ އެވެ. އިތުރަށް ޓެސްޓް ވެސް ކުރާކަށް ނުޖެހެ އެވެ. ބައެއް މީހުންގެ ހަށިގަނޑުގައި ވައިރަސް ހުރެ ނޭނގި ވެސް ހުރެ އެވެ.