ޖިންސީ ގުޅުމުން އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގޮނޯރިއާ (ކިހުނު ބަލި) އާ ދެކޮޅަށް ވެކްސިނެއް ކާމިޔާބު ވެދާނެ ކަމުގެ އުންމީދު ފުރަތަމަ ފަހަރަށް ލިބިފައިވާ ކަމަށް ޔުނިވަސިޓީ ސޮފް އޯކްލެންޑުގެ ދިރާސާ ޓީމަކުން ބުނެފި އެވެ.
ވެކްސިން ދީގެން ގޮނޯރިއާއިން ސަލާމަތް ވެވިދާނެ ކަމަށް ދިރާސާއަކުން ދައްކާފައި މި ވަނީ މިހާރު ބޭނުންކުރާ ބޭސްތަކަށް ނުގުޑާ ގޮތަށް މި ބަލި ބަދަލުވެ، ބަލީގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައި ވަނިކޮށެވެ.
ލޭންސިޓް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ ގޮނޯރިއާއާ ދެކޮޅަށް ބޭނުންކުރި ވެކްސިން 15،000 ޒުވާނަކަށް ދީފައި ވާއިރު ބަލީގެ ނުރައްކާ ތިން ބައިކުޅަ އެއްބަޔަށް ކުޑަކޮށްދޭ ކަމަށް ދައްކާ ކަމަށެވެ.
މި ރިޕޯޓްގައި ބުނެފައި ވަނީ ވެކްސިން އުފެއްދުނީ 2004 އިން 2006 އަށް ނިއު ޒީލެންޑުގައި މެނިންޖައިޓިސް ބީ ފެތުރުނު އިރު އެއާ ދެކޮޅަށް ކުރި މަސައްކަތުގެ ތެރެއިންކަމަށެވެ. އެގޮތުން މެނިންޖައިޓިސް ބީ އަށް ވެކްސިން ދިން ފުރާވަރުގެ އެތައް މިލިއަން ޒުވާނުންނެއް ފަހުން ޓެސްޓްކޮށް ބެލި އިރު މި ވެކްސިން ދިން މީހުންނަށް ގޮނޯރިއާ ޖެހުނު ނިސްބަތް 31 ޕަސެންޓް ދަށަށް ގޮސްފައިވާކަން އެނގުނެވެ.
މެނިންޖައިޓިސް ބީ އަށް ދޭ ވެކްސިނުން ގޮނޯރިއާއާ ދެކޮޅަށް މަސައްކަތްކުރަނީ މި ބަލި ޖައްސާ ބެކްޓީރިއަމްއާ ގޮނޯރިއާ ޖައްސާ ބެކްޓީރިއަމްއާ ވަރަށް އެއްގޮތް ސިފަތަކެއް ހުންނާތީ ކަމަށް ދިރާސާ ޓީމުން ބުންޏެވެ. އެހެންވެ މެޖިންޖައިޓިސް ބީގެ ވެކްސިން ދިނުމުން އެ ބައްޔާއި ގޮނޯރިއާއިން ވެސް ރައްކާތެރިކޮށްދޭނެ ކަމަށް ބެލެވޭ ކަމުގައި ބުނެފައިވެ އެވެ.
ދިރާސާ ޓީމުން ބުނީ މި ވެކްސިން އިތުރަށް ތަރައްގީކޮށް ގޮނޯރިއާއާ ދެކޮޅަށް ބޭނުންކުރާ ގޮތަށް ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ކޮންމެ އަހަރަކު 78 މިލިއަން މީހުންނަށް ގޮނޯރިއާ ޖެހެ އެވެ. ޖިންސީ ގުނަވަންތަކާއި އަނގަޔަށް ވެސް ޖެހޭ މި ބަލީގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިވެ އެވެ. އޭގެ ތެރޭގައި ދަރިން ނުލިބެން މެދުވެރިވުން ވެސް ހިމެނެ އެވެ.
ގޮނޯރިއާ ކިތަންމެ ގިނަ ފަހަރަކު ޖެހުނު ކަމުގައި ވިޔަސް އެ ބަލިން ދިފާއުކޮށްދިނުމުގެ ގާބިލްކަން ހަށިގަނޑުގައި އަމިއްލައަކަށް ނުއުފެދެ އެވެ.