ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ހޮލީވުޑް ފިލްމު "ކްރޭޒީ ރިޗް އޭޝިއަންސް" ނުކުތްތާ 8 އަހަރު ފަހުން، އެ ފިލްމުގެ ސީކުއެލް 8 އެޕިސޯޑުގެ ޓީވީ ސީރީޒެއްގެ ގޮތުގައި އުފެއްދުމަށް ނިންމާފައިވާކަން އެޗްބީއޯ އާއި ވާނޯ ބްރޯސް ޓެލެވިޜަން އިން މިއަދު އިއުލާންކޮށްފި އެވެ.
އެ ސީރީޒްގައި ފިލްމުގެ މައިގަނޑު ތަރިން ކަމަށްވާ ކޮންސްޓަންސް ވޫ، ހެންރީ ގޯލްޑިން އަދި ރޮނީ ޗިއެންގް އެމީހުންގެ ރޯލުތަކުން ސީރީޒް ރެގިއުލާސްގެ ގޮތުގައި ފެންނާނެ އެވެ.
މީގެ އިތުރުން، އޮސްކާ އެވޯޑު ހޯދާފައިވާ މަޝްހޫރު އެކްޓްރެސް މިޝެލް ޔޯ ވެސް "އެލިނޯ ޔަންގް"ގެ ރޯލުން ރިކަރިން ކެރެކްޓާއެއްގެ ގޮތުގައި މި ސީރީޒުން ފެންނާނެ އެވެ.
ފިލްމުގެ ކޯ-ރައިޓަރު އަޑެލް ލިމް މި ސީރީޒްގެ ޝޯރަނަރު އަދި އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާއިރު، ފިލްމުގެ ޑައިރެކްޓަރު ޖޯން އެމް ޗޫ އާއި ވާހަކަ ލިޔުނު ކެވިން ކުވާން ވެސް ވަނީ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ގުޅިފަ އެވެ.
އަޑެލް ލިމް ހާމަކުރި ގޮތުގައި، އެންމެ ފިލްމެއްގެ ބަދަލުގައި 8 އެޕިސޯޑުގެ ސީރީޒެއްގެ ގޮތުގައި ގެނެސްދިނުމުން ކެވިން ކުވާންގެ ފޮތްތަކުގެ މުއްސަނދި ދުނިޔެ އާއި ކެރެކްޓާތަކުގެ ވާހަކަތައް އިތުރަށް ފުންކޮށް ގެނެސްދިނުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ސީރީޒްގެ ޝޫޓިން އަންނަ އަހަރު ފެށުމަށް ތާވަލުކޮށްފައިވާއިރު، ސީރީޒް ނެރޭނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
މީގެ 8 އަހަރު ކުރިން 2018 ގައި ނުކުތް "ކްރޭޒީ ރިޗް އޭޝިއަންސް" ފިލްމަކީ ދުނިޔޭގެ ބޮކްސް އޮފީހުގައި 239 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދައި، އޭޝިއާގެ އެކްޓަރުންގެ ހުނަރު ބައިނަލްއަގުވާމީ ފެންވަރުގައި ދައްކުވައިދިން ތާރީޚީ އުފެއްދުމެކެވެ.