ސެވިލް (ސެޕްޓެމްބަރު 5) - ސައުދީ އަރަބިއާގެ އަލް އިއްތިހާދާއި އެމެރިކާގެ މޭޖާ ލީގުން ވެސް ހުށަހެޅުން ލިބިފައި ވަނިކޮށް، ޑިފެންޑަރު ސާޖިއޯ ރާމޯސް އޭނާގެ ކުރީގެ ކްލަބް ސެވިއްޔާ އަށް ބަދަލުވެއްޖެ އެވެ.
ރެއާލް މެޑްރިޑްގެ ލެޖެންޑްރީ ޑިފެންޑަރު ދެ އަހަރު ކުރިން ޕީއެސްޖީ އަށް ބަދަލުވި އެވެ. އެ ކްލަބާ އެކު އޭނާ ހެދި ކޮންޓްރެކްޓް މިދިޔަ ޖޫން 30 ގައި ހަމަވުމުން ހިލޭ ޓްރާންސްފާގައި އޭނާ ގެންދަން ކްލަބްތަކަށް ފުރުސަތު ލިބުނެވެ.
އެމެރިކާ އާއި ސައުދީގެ ހުށަހެޅުންތަކުގެ އިތުރުން ތުރުކިޔޭގެ ގަލަތަސަރާއީ އަދި ޕޯޗުގަލްގެ އެފްސީ ޕޯޓޯއިން ވެސް އޭނާ ގެންދަން ޝައުގުވެރި ވި އެވެ.
އެކަމަކު 18 އަހަރު ފަހުން އޭނާ ސެވިއްޔާ އަށް ބަދަލުވީ، ސެވީލްގައި ދިރިއުޅެން ބޭނުންވާތީ އެވެ. ރެއާލް އަށް ރާމޯސް 2005 ގައި ބަދަލުވީ ސެވިއްޔާގައި އޭނާގެ ފުރާވަރު އުމުރު ހޭދަ ކުރުމަށްފަހު އެވެ. އުމުރުން 16 އަހަރުގައި ސެވިއްޔާގެ ޓީމަށް 2004 ގައި ކުޅެން ފަށައި އެ ސީޒަނުގައި 46 މެޗު އޭނާ ކުޅުނެވެ.
މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ޗެމްޕިއަންކަން ހޯދުމުން ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރުވި ކްލަބަށް ޗެމްޕިއަންސް ލީގުގައި ރާމޯސްގެ ހިއްސާ ބޮޑުވާނެ އެވެ.
ރެއާލާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ހޯދި ޑިފެންޑަރުގެ އެންމެ ހާއްސަ ވަގުތުކޮޅަކީ 2014 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް ކޮޅަށް އޭނާ ބޮލުން ވައްދާލި ލަނޑެވެ.
އެ ލަނޑުން މެޗު އެއްވަރުކޮށްދީ އެފަހަރުގެ ޗެމްޕިއަންސް ލީގު އެ ކްލަބަށް ހޯދައި ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އޭނާ އެވެ.