ބެހޭ އުޅަނދާއި މީހުން ހޯދުމަށް ކޯސްޓްގާޑުން ސޮފްޓްވެއާއެއް ބޭނުން ކުރަން ނިންމައިފި އެވެ.
ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރު، ލެފްޓިނެންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ ސިފައިންގެ ސާޗު އެންޑް ރެސްކިއުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކަނޑުމައްޗަށް ގެއްލޭ ނުވަތަ ބެހޭ މީހުންނާއި އުޅަނދު، އޮޔާދާނެ ގޮތް ބެލުމަށް ސޮފްޓްވެއާއެއް ގާއިމުކޮށް އެއަށް މީހުން ތަމްރީނު ކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވި އެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ގާއިމު ކުރާ މި ސޮފްޓްވެއާއަށް ސިފައިން އަހުލުވެރިކުރާނީ ފްރާންސްގެ މީހެކެވެ.
ސަލީމް ވިދާޅުވީ ކޯސްޓްގާޑުގެ ސާޗު އެންޑް ރެސްކިއުގެ ހިދުމަތް ފުޅާކުރުމަށް އޮސްޓްރޭލިއާ ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މީގެ ތިން އަހަރު ކުރިން މެލޭޝިއަން އެއާލައިންސްގެ ބޯޓު އެމްއެޗް370 ގެއްލުމާ ގުޅިގެން، ސްރީލަންކާ އާއި މޮރިޝަސް އަދި ރާއްޖެ ހިމެނޭ ގޮތަށް ސާޗް އެންޑް ރެސްކިއު ކޭޕެބިލިޓީ ޕާޓްނާޝިޕް ޕްރޮގްރާމެއް އެ ގައުމުން ފަށާފައިވާ އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ދަށުން، ކޮންމެ ގައުމެއްގައި ވެސް ހުންނަ މެރިޓައިމް ރެސްކިއު ކޯޑިނޭޓިން ސެންޓަރުތައް އަޕްގްރޭޑްކޮށް، ދިވެހި ކަނޑުގެ ސިފައިން، ސިންގަޕޫރުންނާއި މެލޭޝިޔާއިން ތަމްރީނު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ފަހަކަށް އައިސް ކޯސްޓްގާޑުން ވަނީ ގެއްލޭ އުޅަނދާއި މީހުން ހޯދުމަށް ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފަ އެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އަދާރަން ޕްރެސްޓިޖް ވާދޫ ރިސޯޓު ކައިރިއަށް ގެއްލުނު ދެ ޓޫރިސްޓުން، 16 ގަޑިއިރު ފަހުން ކަނޑުމަތިން ސަލާމަތްކޮށްފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ހަ މީހުންނާއެކު ގެއްލުނު ސްރީލަންކާގެ ދެ މަސް ބޯޓެއް ކޯސްޓްގާޑުން ވަނީ ހޯދާފަ އެވެ. އަދި ދިހަ މީހުންނާ އެކު ދަތުރުކުރަނިކޮށް ރޯވެ، އޮޔާ ދިޔަ ދިވެހި ބޯޓަކުން މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.