އިންޑިއާގައި ފުން ވަޅެއްގައި ތާށިވި ހާއްސަ އެހީ އަށް ބޭނުންވާ ކުޑަކުއްޖަކު ފަސް ދުވަސް ފަހުން ސަލާމަތްކޮށްފި އެވެ.
އުމުރުން 10 އަހަރުގެ ރާހުލް ސަހު ކިޔާ އެ ފިރިހެން ކުއްޖާ އަކީ ވާހަކަނުދެއްކޭ އަދި އަޑުއިވުމުން ވެސް މަހުރޫމްވެފައިވާ ކުއްޖެކެވެ.
އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޖަންޖުގިރުގެ ވަޅަކަށް އެ ކުއްޖާ ވެއްޓުނީ މިދިޔަ ހުކުރު ދުވަހު އެވެ. ސްޓެޗާއެއްގެ އެހީގައި އެ ވަޅުން އެ ކުއްޖާ ނެގީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަނިކޮށެވެ. ވަޅުން ނެގުމާ އެކު އެ ކުއްޖާ ވަނީ ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ހޮސްޕިޓަލާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އެ ކުއްޖާގެ ހާލު ރަނގަޅެވެ.
އެ ކުއްޖާ ސަލަމާތްކުރުމަށް، 500 އަށް ވުރެ ގިނަ މީހުންނާ އެކު ހިންގި 104 ގަޑިއިރުގެ ބޮޑު އޮޕަރޭޝަނެއްގަ އެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އާންމުންގެ ގިނަ ބަޔަކު ވެސް އެކަމުގައި ބައިވެރިވި އެވެ.
އެ ކުއްޖާ ނެގީ އެ ވަޅުގެ 80 ފޫޓު އަޑިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިންޑިއާގައި ދަނޑުވެރިކަން ކުރާ ވިލެޖުތަކުގައި މަތި ބަންދުނުކޮށް، އެގޮތަށް ވަރަށް ގިނައިން ފުން ވަޅުތައް ހުރެ އެވެ. އެ ވަޅުތައް ކޮނެފައި ހުންނަނީ ފެން ނެގުމަށެވެ. އެ ކުއްޖާ އެ ވަޅަށް ވެއްޓުނީ އެތަނާ ކައިރީގައި ކުޅެން އުޅެނިކޮށެވެ.