އޮސްޓްރޭލިއާ އިން ރާއްޖެއަށް އެތެރެކުރާ އިތާގެ ބާވަތެއް ކެއުމުގެ ސަބަބުން ސިއްހަތަށް ނުރައްކާވާތީ، އެ ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) މިއަދު މަނާކޮށްފި އެވެ.
އެމްއެފްޑީއޭ ނެރުނު ބަޔާނެއްގައި ބުނީ އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ ފްރެސްޓިޖް ފުޑްސް އިންޓަަނޭޝަނަލް އިން އެކްސްޕޯޓުކުރާ އިތާގެ ބާވަތެއް ކަމަށްވާ "ރޯ ޕެސިފިކް އޮއިސްޓާ" ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ އިދާރާއިން ދީފައިވާ ކަމަށެވެ.
މި ބާވަތުގެ އިތާ، "ލިބްރިއޯ ޕެރަހެމޮލީޓިކްސް" ކިޔާ ޖަރީސީމަކުން ތަޣައްޔަރުވުމުގެ ފުރުސަތު އޮވެ އެވެ.
ޑަބްލިއުއެޗްއޯގެ އިންޒާރާ ގުޅިގެން މި އުފެއްދުމުގެ ރައްކާތެރިކަން ހުރި މިންވަރު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ. އަދި މިވަގުތު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ވަކި ގޮތެއް އަންގަންދެން މި ބާވަތުގެ އިތާ ނުވިއްކުމަށާއި ބޭނުންނުކުރުމަށް ވަނީ އަންގައިފަ އެވެ.
މި ބާވަތުގެ އިތާ ބޭނުން ނުކުރަން އޮސްޓްރޭލިއާގެ ކާބޯތަކެއްޗާ ބެހޭ އިދާރާ އިން ވެސް ވަނީ އަންގައިފަ އެވެ. އެ އިދާރާގެ ވެބްސައިޓުގައި ބުނެފައި ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރަކުން، މި މަހު 16 އާ ދެމެދު ބާޒާރަށް ނެރެފައިވާ މި ބާވަތުގެ އިތާ ކެއުމުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ދިމާވެ އެވެ. އެއީ ތާޒާކޮށް އަދި ގަނޑުކޮށްގެން ވިއްކި އިތާ ވެސް ހިމެނޭ ގޮތަށެވެ.
އޮސްޓްރޭލިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގައި މި ބާވަތުގެ އިތާ ކެއުމުގެ ސަބަބުން ހާލު ދެރަވެގެން މިދިޔަ ހަފުތާއާ ހަމައަށް 56 މީހަކަށް ފަރުވާ ދީފައިވެ އެވެ.
މި ބާވަތުގެ އިތާ ކެއުމުން ބޭރަށް ހިންގުމާއި ބަނޑުގައި ރިއްސުމާއި ހޮޑުލުމާއި ހުން އައުން އަދި ބޮލުގައި ރިއްސުން ފަދަ ސިއްހީ މައްސަލަތައް ދިމާވެ އެވެ.