ގްލަސްގޯ، ސްކޮޓްލެންޑް (އޭޕްރިލް 4) - ބާކީ އަށް މެޗު އޮއްވާ ސްކޮޓްލެންޑުގެ ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ސެލްޓިކް އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާނަމަ އެ ޓީމުން ތަފާތު ދައްކާނެ ކަމަށް ސެލްޓިކްގެ ކޯޗު އަދި ލިވަޕޫލުގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
ސްކޮޓްލެންޑް ލީގުގެ އެއް ވަނައިގައި ރޮޖާސްގެ ސެލްޓިކް އޮތީ މެޗަކުން ބަލިނުވެ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސެލްޓިކް ވަނީ ސްކޮޓްލެންޑްގެ ތާރީހުގައި އެންމެ އަވަހަށް ލީގު ކަށަވަރުކުރި ޓީމުގެ ރެކޯޑް ހަދައިފަ އެވެ.
މި ކާމިޔާބީ އަކީ އުމުރުން 44 އަހަރުގެ ރޮޖާސް އަށް ކޯޗިން ކެރިއަރުގައި ލިބުނު ފުރަތަމަ ތަށްޓެވެ. ރޮޖާސް ބުނީ މިއީ ފެށުމެއް ކަމަށެވެ.
"ލިވަޕޫލާ އެކު ވެސް އަހަރެން ލީގު ހޯދުމާ ގާތަށް ދިޔަ. އެކަމަކު އެ ފަހަރު ނަސީބު ވެސް އެހީނުވީ. އެކަމަކު އަަހަރެން ސެލްޓިކަށް އައީ ރަނގަޅު ޕްލޭނަކާ އެކު. އޭގެ ފެށުން މިއީ،" ސްވަންސީ ސިޓީ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދިން ރޮޖާސް ބުންޏެވެ.
އޭނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސެލްޓިކް ވާދަކުރާނަމަ ތަފާތު ދައްކާނެ ކަމަށެވެ.
"ޕްރިމިއާ ލީގަކީ ދުނިޔޭގެ އެންމެ އުނދަގޫ ލީގު. އެކަމަކު އަހަރެން ބުނާނީ ސެލްޓިކްގައި މިހާރު އޮތް ސްކޮޑަަށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހައެއް ނޫނީ ގަދަ ހަތަރެއްގައި ވެސް ވާދަކޮށްލެވޭނެޔޭ،" ރޮޖާސް ބުންޏެވެ.
ސެލްޓިކަށް މި ފަހަރު ސްކޮޓްލެންޑްގެ ލީގާއި ލީގު ކަޕް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއަކީ އުމުރުން 20 އަހަރުގެ ފްރާންސް ފޯވާޑް މޫސާ ޑެމްބެލޭ އެވެ. އޭނާ ވަނީ ސީޒަނުގެ މިހާތަނަށް 32 ލަނޑު ޖަހައިފަ އެވެ.
ޑެމްބެލޭ ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީން މިދިޔަ ޖެނުއަރީ މަހު ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.
ރޮޖާސް ބުނީ ޑެމްބެލޭ އަންނަ ސީޒަނުގައި ވެސް ފެންނަނީ ސެލްޓިކުން ކަމަށެވެ.
"މި ޓީމުގައި ހުރެ ޑެމްބެލޭ އަށް އޭނާގެ ހުނަރު އެބަދެއްކޭ. އަހަންނަށް ނުފެނޭ މި ވަރަށް އޭނާ އަށް ފުރުސަތުދޭނެ އިތުރު ކްލަބެއް. ޑެމްބެލޭ އަންނަ ސީޒަނުގައި ވެސް ފެންނަނީ ސެލްޓިކުން،" ރޮޖާސް ބުންޏެވެ.
އޭނާ ބުނީ އަމާޒަކީ ލީގު މެޗަކުން ބަލިނުވެ އަދި ސްކޮޓްލެންޑްގެ ކަޕް ވެސް ކާމިޔާބު ކޮށް އެންމެ ފުރިހަމަ އަށް ސީޒަން ނިންމާލުން ކަމަށެވެ.