އެލައިޑް އިންޝުއަރެންސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަތަރު ސްކޫލެއް ޑިޖިޓައިޒް ކުރުމަށް ބޭނުންވާ ސާމާނު އިއްޔެ ހަދިޔާކޮށްފި އެވެ.
ސްކޫލުތަކުގެ "ސްމާޓް އެޑިއުކޭޝަން" އަށް އެހީތެރިވުމުގެ ގޮތުން އެލައިޑުން ހަދިޔާކުރީ ޓީވީ އާއި ކޮމްޕިއުޓަރު ސިސްޓަމްތަކެކެވެ.
އެ ތަކެތި ސްކޫލްތަކުގެ ވެރިންނާ ހަވާލުކޮށްދެއްވީ އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާނާއި ނިޔާޒް މުހައްމަދެވެ.
މި ފަހަރު އެ ސާމާނު ހަދިޔާކުރީ ފ. އަތޮޅު ސްކޫލާއި ހުރަވީ ސްކޫލާއި އިއްޒުއްދީން ސްކޫލް އަދި ޖަމާލުއްދީން ސްކޫލަށެވެ.
އެލައިޑުގެ ޖެނެރަލް މެނޭޖަރު ފިރުޝާން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސްކޫލްތަކާއެކު، އަބަދުވެސް ބަދަހި ގުޅުމެއް ބާއްވަން އެ ކުންފުނިން މަސައްކަތްކުރާ ކަމަށެވެ. އަދި ވިދާޅުވީ، ކުދިންގެ ތައުލީމީ ހަޔާތް ކާމިޔާބުކަމާއިއެކު ނިންމާލުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދީ، ވަސީލަތްތައް ހަރުދަނާ ކުރުމަށް އެލައިޑުގެ އެހީތެރިކަން ވީ ވަރަކުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ފިރުޝާން ވިދާޅުވިގޮތުގައި، އުންމީދަކީ އިތުރު ސްކޫލުތަކަށް ވެސް އެހީތެރިކަން ފޯރު ކޮށްދިނުމެވެ.
އެލައިޑުގެ ސީއެސްއާރު ޕްރޮގްރާމް "ޕްރިމިއަމް ފޯ ގުޑް" ތައާރަފްކުރީ 2018 ވަނަ އަހަރު އެވެ. މި ޕްރޮގްރާމުގެ ދަށުން އެކި ދާއިރާތަކަށް އެލައިޑުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.