ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޭ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވި އެކަން އެންޓި ސްކޭމް ސްންޓަރުން މިދިޔަ ހަފްތާގައި އާންމުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް، އާ އެކައުންޓެއް ހަދައިގެން އަނެއްކާވެސް އެޕާޓްމަންޓް ކުއްޔަށް ދޫކުރަން ޖަހަން ފަށައިފި އެވެ. 

ޓިކްޓޮކްގައި "ހުޅުމާލޭ ޑެއިލީ ރެންޓް އެޕާޓްމަންޓް"ގެ ނަމުގައި ފޭކް އެކައުންްޓް ހިންގަމުން އައީ  7217905 ނަމްބަރު ބޭނުންކޮށްގެންނެވެ. އެ އެކައުންޓުން، ހުޅުމާލެއިން ދުވަހު ކުއްޔާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރަން ޖަހަމުންދާތާ ގިނަ ދުވަސްތަކެއް ފަހުން އެއީ ސްކޭމް އެކައުންޓެއްކަން ފަޅާ އަރާފައި ވަނީ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެޕާޓްމަންޓް ހަވާލުނުކުރާ މައްސަލަތަކެއް ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ. 

އެ ޕޯސްޓަށް ކޮމެންޓްކުރި ގިނަ ބަޔަކު ވަނީ އެ އެކައުންޓް މެދުވެރިކޮށް އެ މީހުން ސްކޭމްގެ ޝިކާރައަކަށްވި ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެ މައްސަލަ ފުލުހުން ސޯޝަލް މީޑިއާގައި އާންމުކޮށް އެއީ މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ އެކައުންޓެއްކަމަށް އާންމުކުރުމާ އެކު އެ އެކައުންޓް ވަނީ ޑިއެކްޓިވޭޓްކޮށްފަ އެވެ. 

އެ ނަމްބަރުން މިހާރު ވަނީ އާ އެކައުންޓެއް ހަދައިފަ އެވެ. އެޕާޓްމަންޓް ކުއްޔަށް ދޭން "ބަންޑާރަ ލޮގް" ނަމުގައި ޓިކްޓޮކްގައި ހިންގާ އެ އެކައުންޓް 700 އާ ގާތްކުރާ އަދަދަކަށް ފޮލޯކުރެ އެވެ.

ދީނީ އަޑުތައް ވެސް ބޭނުންކޮށްގެން އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރަން ޖަހާފައިވާއިރު އެތަން ނެގުމަށް އެ ނަމްބަރަށް މެސެޖުކުރުމަށް ޕޯސްޓުގައި ޖަހާފައިވެ އެވެ. އެއިން އެއްވެސް ޕޯސްޓަކަށް ކޮމެންޓެއް ނުކުރެވެ އެވެ. 

މަކަރާއި ހީލަތް ހަދާ ގޮތް

  • އޮޅުވާލައިގެން އިޝްތިހާރުކުރުން: މީހުން ޝައުގުވެރި ކުރުވަން އެހެން މީހުންގެ އެޕާޓްމަންޓްތަކުގެ ވީޑިއޯ އާއި ފޮޓޯ ވަގަށް ނަގައިގެން ބޭނުންކުރުމާއި އެކަށީގެން ނުވާ ހެޔޮ އަގުތަކުގައި ކުއްޔަށްދޭ ކަމަށް ބުނެ އިޝްތިހާރުކުރުން.
  • އަވަސްއަރުވާލައިގެން ފައިސާ ހޯދަން އުޅުން: މެސެޖިން ޕްލެޓްފޯމްތަކުން މުއާމަލާތް ކުރަން ފެށުމުން، އެޕާޓްމަންޓް ހޯދުމަށް އެހެން ކަސްޓަމަރުން ވެސް އެދެމުންދާ ކަމަށް ބުނެ އަވަސްއަރުވާލައި ބުކިން ކަށަވަރު ކުރުމަށް ވަގުތުން އެޑްވާންސް ފައިސާ ދެއްކުމަށް ޑިމާންޑްކުރުން.
  • އެޑްވާންސް ފައިސާ އަތުލުން: ވަކި ބޭންކް އެކައުންޓްތަކަކަށް 2،550ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން އެޑްވާންސް ފައިސާ ޖަމާކުރުމަށް ބުނުން.
  • ވަގު ލިޔެކިޔުމާއި އައިޑީ ބޭނުންކުރުން: އިތުބާރު ހޯދުމުގެ ގޮތުން، ވަގަށް ނަގާފައިވާ އައިޑީ ކާޑާއި ސައްހަ ނޫން ލިޔެކިޔުންތައް ޗެޓް މެދުވެރިކޮށް ފޮނުވުން.
  • ފައިސާ ލިބުމުން ރިޕްލައި ކުރުން ހުއްޓާލުން: ފައިސާ ޓްރާންސްފާ ކުރި ސްލިޕް ފޮނުވުމާ އެކު، އެ ފަރާތްތަކާ ކުރަމުންދިޔަ މުއާމަލާތްތައް ވަގުތުން ހުއްޓާލައި، އެޕާޓްމަންޓް ހަވާލުނުކޮށް އަދި ފައިސާ ވެސް އަނބުރާ ނުދިނުން.

އެޕާޓްމަންޓެއް ކުއްޔަށް ނެގުމުގެ ކުރިން ތަން ބަލައި ޔަގީންކޮށް، އިމާރާތުގެ ވެރިފަރާތް ނުވަތަ ހުއްދަ އޮތް އެޖެންޓާ ބައްދަލުނުކޮށް އެއްވެސް އެޑްވާންސް ފައިސާއެއް ނުވަތަ ބުކިން ފީއެއް ޓްރާންސްފާ ނުކުރުމަށް ފުލުހުން ވަނީ ކުރިން ވެސް އިލްތިމާސްކޮށްފަ އެވެ.