ގަސްދުގައި މެޗު ދޫކޮށްލީ ކަމަށް ކްލަބް ގްރީން ސްޓްރީޓްސް އަށް ކުރެވޭ ތުހުމަތުތައް އެ ކްލަބުން ދޮގުކޮށްފި އެވެ.

"މެޗު ގަސްދުގައި ނުކުޅެ ދޫކޮށްލީ ކަމަށް ކުރާ ހުރިހާ ތުހުމަތުތަކަކަށް ކްލަބުން އިންކާރު ކުރަން. އަދި މިއީ ހަގީގަތެއް އަދި ހެއްކެތް ވެސް ނެތި ކުރާ ތުހުމަތުތަކެއް،" ގްރީން އިން ރޭ ނެރުނު ބަޔާނުގައިވެ އެވެ.

"އެފްއޭއެމުން މި މައްސަލަ ބަލައި ގޮތެއް ނިންމަންދެން މީޑީއާ އާއި އާއްމުން ވެސް މިފަދަ ކަންކަމާ މެދު ގޮތްގޮތަށް ވާހަކަ ނުފެތުރުމަށް މި ކްލަބުން ނުހަނު އިހުތިރާމާ އެކު ދަންނަވަން." 

މީގެ އިތުރުން އެ ކްލަބުން އަބަދުވެސް ކުރިއަށް ދާނީ ދިވެހި ކްލަބް ފުޓްބޯޅައިގެ އުސޫލްތަކާ އެއްގޮތަށް ކަމަށާއި ކްލަބުން އަބަދުވެސް ނިންމާނީ މި ކުޅިވަރާއި ކުޅުންތެރިން އަދި ކުޅިވަރު ކޮމިއުނިޓީގެ މަސްލަހަތަށް ކަމަށް ވެސް ގްރީން އިން ބުންޏެވެ.

އިއްޔެ ހަވީރު ގްރީން އާއި ނިއު ރޭޑިއަންޓް ބައްދަލުކުރަން އޮތް ދިރާގު ދިވެހި ޕްރިމިއާ ލީގު މެޗަށް ގްރީންގެ ކުޅުންތެރިން ހާޒިރު ނުވުމުން، އެފްއޭއެމުން ވަނީ ނިއު ރޭޑިއަންޓް 2-0 އިން މޮޅުވީ ކަމަށް ނިންމައިފަ އެވެ.

ހަވީރުގެ މެޗުގެ ކުރިން އެފްއޭއެމުން ވަނީ ދެ ކްލަބްގެ ފުރަތަމަ 11 ވެސް މީޑިއާއާ ހާމަ ކޮށްފަ އެވެ. ގްރީންގެ ކޯޗު އަލީ ނިސްތާރު މުހައްމަދާ އެކު، މަދު ކުޅުންތެރިންކޮޅެއް ތިބި ނަމަވެސް، މެޗު ފަށަން އޮތް ގަޑިއަށް، ފެށޭ ވަރަށް ކުޅުންތެރިން ހަމައެއް ނުވި އެވެ.

މި މެޗުން ނިއު ރޭޑިއަންޓް ފަސް ގޯލުގެ ތަފާތަކުން ގްރީންގެ މައްޗަށް ކުރި ހޯދައިފި ނަމަ އެ ކްލަބް ނުވަވަނައަށް ވެއްޓި ރެލިގޭޓް ވެ، ނުވަވަނައިގައި އޮތް ވެލެންސިއާ ކުރިއަށް ޖެހިލައި ޕްލޭއޮފްގެ ޖާގަ ލިބޭނެ އެވެ.

ގްރީންއިން މެޗުގެ ނަތީޖާ ދުރާލައި ކަނޑައަޅަން މެޗު ފިކްސް ކޮށްފައިވާ ކަމަށް ވެލެންސިއާއިން ރޭ ނެރުނު ބަޔާނުގައި ތުހުމަތުކުރި އެވެ. ވެލެންސިއާ އާއި ގްރީންއަކީ ވެސް މެޗުތަކަށް ހާޒިރު ނުވެ މުބާރާތުގެ ވަކި މަރުހަލާތަކެއް ނުކުޅެ ދޫކޮށްލުމުގެ ސަގާފަތެއް އޮތް ދެ ކްލަބެވެ. 

ދިވެހި ޕްރިމިއާ ލީގުގައި 2023 ވަނަ އަހަރު ލީގުގެ ދެވަނަ ބުރު ނުކުޅެ ވެލެންސިއާ އާއި ގްރީން ވެސް ދޫކޮށްލި އެވެ.