މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރު 4-17 އަށް  ބަންގްލަދޭޝްގައި ބާއްވަން ނިންމިކަން، ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ (ސާފް) އިން އިއުލާން ކޮށްފި އެވެ. 

ސާފްގެ ފިރިހެން ޑިވިޝަނުގެ އެންމެ ބޮޑު މުބާރާތް، ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ ސެޕްޓަމްބަރު މަހުގަ އެވެ. ނަމަވެސް މެއި މަހު ސާފުން ނިންމީ ނޮވެމްބަރަށް މުބާރާތް ފަސް ކުރުމަށެވެ. 

އެއީ ސާފްގެ އެންމެ ބޮޑު ގައުމު އިންޑިއާ އަށް، ފީފާ އާސިއާން ކަޕްގައި ވާދަކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ޕާކިސްތާނުން ވެސް މިހާރު ވަނީ ހޯދާފަ އެވެ.

ސާފުން ކުރިން ރާވާފައި އޮތީ ސެޕްޓެމްބަރު 21 އިން އޮކްޓޯބަރު ހަޔަކަށް، ސާފްގެ މުބާރާތް ބޭއްވުމަށެވެ. ފުރަތަމަ ފަހަރަށް ބާއްވާ ފީފާ އާސިއާން ކަޕް ވެސް ބާއްވަން އޮތީ އެ ތާރީހުގަ އެވެ. 

ދެ އަހަރުގެ މެދެކެނޑުމަކަށް ފަހު، ބާއްވާ ސާފްގެ މުބާރާތް ފަށަނީ ފީފާގެ އިންޓަނޭޝަނަލް ބްރޭކަށް ވުރެ ހަ ދުވަސް ކުރިންނެވެ. ނޮވެމްބަރު މަހު ފީފާގެ އިންޓަނޭޝަނަލް ބްރޭކްގެ ޕީރިއަޑަކީ ނުވަ ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ސާފްގެ ހަތް ގައުމުގެ ތެރެއިން، ނޭޕާލް އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.

މުބާރާތުގެ ރަސްމީ ލޯގާ ލޯންޗު ކުރުމުގެ ރަސްމިއްޔާތު އަންނަ ހޮނިހިރު ދުވަހު، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވަން ސާފުން ވަނީ ނިންމައިފަ އެވެ.

ގުރު ނެގުމުގެ ރަސްމިއްޔާތު އަންނަ މަހު އެކެއްގައި ބާއްވަން ހަމަޖައްސާފައި އޮތީ ބޫޓާންގެ ވެރިރަށް ތިމްޕޫގަ އެވެ. އެ ތާރީހަށް ދާއިރު ނޭޕާލްގެ ސަސްޕެންޝަން ފިލާނެ ހާލަތެއް އަތުވެދާނެ ކަމަކަށް ނުބެލެވެ އެވެ. 

އެ ގައުމަށް ސަސްޕެންޝަނުގެ ފިޔަވަޅު އެޅީ، އެ ގައުމުގެ ސަރުކާރުން އޯލް ނޭޕާލް ފުޓްބޯޅަ އެސޯސިއޭޝަން (އަންފާ) ގެ ނިންމުނަތަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ އެވެ. 

ނޮވެމްބަރު މަހާ ހަމައަށްދާއިރު ވެސް އެ މައްސަލަތައް ހައްލުނުކޮށްފިނަމަ، ސާފްގެ އެންމެ ބޮޑު މުބާރާތުން ނޭޕާލް ފެންނާނެކަމުގެ ޔަގީން ކަމެއް ނެތެވެ. 

ވޯލްޑް ކަޕް ނިމުނުތަނާ ކައިރީގައި، ސާފްގެ އެންމެ ބޮޑު މުބާރާތުގެ ތާރިހާއި ބާއްވާނެތަން އިއުލާން ކުރުމުގެ މުނަސަބާތަ ދިމާވުމަކީ ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕުރުޝޯއްތަމް ކަޓޭލް ސިފަކުރިގޮތުގައި، މުޅި ދެކުނު އޭޝިއާގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ވެސް ވަރަށް އުފާވެރި ވަގުތެއްގައި ކުރެވުނު ރަނގަޅު ދަނޑިވަޅުގައި ކުރެވުނު މުހިންމު އިއުލާނެކެވެ. 

ނިމިދިޔަ ވޯލްޑް ކަޕްގައި ބަންގްލަދޭޝްގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ދުނިޔޭގެ މީޑިއާގެ ސަމާލުކަން ލިބުނެވެ. އެ ގައުމު ފާހަގަ ކުރެވިފައި ވަނީ ފައިނަލުގައި ކުޅުނު އާޖެންޓީނާ ސަޕޯޓްކުރުމުގައި އާދަޔާހިލާފް ފޯރިއެއް ފެނިގެން ދިޔަ ގައުމެއްގެ ގޮތުގަ އެވެ. 

ނޭޕާލަށް ނިސްބަތްވާ ކަޓޭލް ވަނީ ބަންގްލަދޭޝްގެ އެ ފޯރި އާއި ސާފް ޗެމްޕިއަންޝިޕް، އެ ގައުމުގައި ބާއްވާކަން އިއުލާން ކުރުމަކީ އުފާވެރި ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

"ފީފާ ވޯލްޑް ކަޕް ނިމުނުތާ މާ ގިނަ ދުވަހެއް ނުވެ މި ކުރެވުނު އިއުލާނަކީ ދެކުނު އޭޝިއާގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ވަރަށް އުފާވެރި ވަގުތެއްގައި ކުރެވުނު އިއުލާނެއް،" ސާފްގެ ވެބްސައިޓަށް ދިން އިންޓަވިއުގައި ކަޓޭލް ވިދާޅުވި އެވެ.

"މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި ބަންގްލަދޭޝް ހަމަޖެހިގެން ދިއުމަކީ، އެ ގައުމުގައި ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން ހަލުވިކަމާ އެކު އިތުރުވަމުންދާ ދަނޑިވަޅެއްގައި ވަރަށް އުފާވެރި ކަމެއް. ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތްތަކުގައި އަބަދަށް ދެމިއޮންނާނެ ފަދަ ކާމިޔާބު އަދި ކުލަގަދަ މުބާރާތެއް ބަންގްލަދޭޝުން ބާއްވައިދޭނެ ކަމަށް އަހަރެމެން އުންމީދުކުރަން."

ފީފާގެ އިންޓަނެޝަނަލް ބްރޭކްގެ ކުރިން މުބާރާތް ފެށުން؛ ބައެއް ޓީމުތަކަށް ގެންޖެހުމަކަށް ވެދާނެ

ފީފާގެ ވިންޑޯ އަށް ވުރެ އަވަހަށް މުބާރާތް ފަށާނަމަ، މައްސަލަ ކުރިމަތިވާނީ ގައުމުން ބޭރުގައި ކުޅޭ ކުޅުންތެރިން ގިނައިން ހިމެނޭ ޓީމުތަކަށެވެ. ހާއްސަކޮށް ސްރީ ލަންކާ އާއި ޕާކިސްތާން އަދި ބަންގްލަދޭޝްއަށް މި މައްސަލަ ކުރިމަތިވާނެ އެވެ.
އެ ތިން ގައުމަކީ ޔޫރަޕްގެ އެކި ގައުމުތަކުގައި ކުޅޭ ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ ސްކޮޑްތަކެއް އޮތް ޓީމުތަކެވެ. އެ ކުޅުންތެރިންނަށް ގައުމީ ޓީމުތަކަށް ދާން ކްލަބުން ރިލީޒް ދޭނީ ހަމައެކަނި ފީފާގެ ރަސްމީ ޕީރިއަޑްގަ އެވެ.

މިދިޔަ މަހު ކުރީކޮޅު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ދައުވަތު ލަންކާއިން ފުރަތަމަ ގަބޫލުކުރި އެވެ. ނަމަވެސް އެ ފުރުސަތު ފަހުން ދޫކޮށްލީ، އެ ގައުމުގެ މީޑިއާތަކުން ބުނިގޮތުގައި ރާއްޖޭގެ މުބާރާތް ނިމެންދެން ކުޅުންތެރިންނަށް ކްލަބްތަކުގެ ރިލީޒް ލިބުމުގައި ހުރި ގޮނެޖެހުންތަކާ ހެދި އެވެ. 

ޑައިމަންޑް ޖުބިލީ މުބާރާތުގެ ފައިނަލް މެޗު ކުޅުނީ މިދިޔަ 10 ގަ އެވެ. އޭގެ ކުރިން، ޖޫން މަހުގެ ފީފާ އިންޓަނޭޝަލް ބްރޭކް ނުވަވަނަ ދުވަހުގައި ނިމުނެވެ. އެހެންވެ ފައިނަލު މެޗާ ހަމައަށް ދިއުމުގެ ކުރިން ލަންކާގެ ބައެއް ކުޅުންތެރިންގެ ރިލިޒްގެ މުއްދަތު ހަމަވާތީ، އެ ގައުމުން ނިންމީ މުބާރާތުގައި ވާދަނުކުރުމަށެވެ. 

ފީފާގެ އިންޓަނޭޝަންލް ބްރޭކްތައް ފިޔަވައި، ކުޅުންތެރިން ގައުމީ ޓީމުތަކަށް ހާއްސަކޮށްފައި ބޭތިއްބުމަކީ އެއްވެސް ފެޑެރޭޝަނަކަށް އޮންނަ ހައްގެއް ނޫނެވެ. އެ ޕީރިއަޑް ނިމުމަށް ފަހު ކުޅުންތެރިން ގެންދަން ކްލަބްތަކުން ޑިމާންޑް ކުރާނަމަ، ދޫނުކޮށް ހިފެހެއްޓުމުގެ ހައްގެއް ގައުމީ ޓީމުތަކަށް ނޯވެ އެވެ.  

ފީފާގެ ވިންޑޯގެ ޕީރިއަޑަށް މުބާރާތް ފައްތާނަމަ، ސާފަށް ޖެހޭނީ ގުރޫޕް ފޯމެޓަށް މުބާރާތް ކުޅޭށެވެ. އެ ފޯމެޓަށް މީގެ ކުރިން ބޭއްވި ސާފްގެ މުބާރާތްތައް ގާތްގަނޑަކަށް 10 ދުވަުގެ ތެރޭގައި ނިންމާލާފައި ވެއެވެ. އެކަމަކު ބެލެވޭގޮތުގައި މުބާރާތް ކުރިން ފަށަނީ ގިނަ މެޗުތައް ޓީމުތަކަށް ލިބޭ ގޮތަށް ލީގު ފޯމެޓަށް މުބާރާތް ކުޅުމަށެވެ. 

މުބާރާޓުގެ ފޯމެޓާ ބެހޭގޮތުން ސާފުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ސާފް ޗެމްޕިއަންޝިޕް، އެންމެ ފަހުން ބަންގަލަދޭޝްގައި ބޭއްވީ 2018 ގަ އެވެ. އޭރު ބަންގްބަންދު ސްޓޭޑިއަމްގައި ނަން ދީފައިވާ މިހާރު "ޑާކާގެ ގައުމީ ސްޓޭޑިއަމް"ގެ ނަން ދީފައިވާ  ދަނޑުގައ ކުޅުނު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭންނެވެ.