އައްޑޫގައި މީގެ ހަ އަހަރު ކުރިން އުމުރުން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ސާބިތުވެ، މީހަކު 10 އަހަރަށް ޖަލަށް ލާން އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ހުޅުމީދޫގައި ދިރިއުޅުނު އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ، އެ ކުއްޖާގެ ގޭގައި ބޮޑު މީހަކު ނެތުމުން، ގެއަށް އަންނަން އެ ކުއްޖާ ފިރިހެން މީހާއަށް ގުޅާފައި ބުނުމުން، އެ މީހާ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގައި ހުރެފައި ފެރީގައި ހުޅުމީދު އަށް ގޮސް، އެ ކުއްޖާގެ ގޭގައި ކަމަށް ވެ އެވެ.

އެ ކުއްޖާ ތަހުގީގުގައި ބުނެފައި ވަނީ އެ ދެ މީހުން އުޅުނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށެވެ. އޭރު ފިރިހެން މީހާގެ އުމުރުން 20 އަަހަރެވެ.

އެ ރޭ ފުލުހުން އެ ގެއަށް ދިޔައިރު ފިރިހެން މީހާ ހުރީ އެ ގޭގެ ބަދިގޭގެ ސިންކު ދަށަށް ވަދެ ފިލަ އެވެ. އޭނާ އެ ގެއަށް ދިޔައީ އެ ކުއްޖާގެ ދައުވަތަކަށް ކަމަށް އޭނާ ބުންޏެވެ. އަދި އުޅުނީ ރައްޓެހިވެގެން ކަމަށް ފުލުހެއް ގާތުގައި އޭނާ ބުންޏަސް ފަހުން އޭނާ އެ ވާހަކަ އަނބުރާ ގެންދިޔަ އެވެ.

މި މައްސަލައިގައި ދައުވާ ކުރީ ކުޑަކުއްޖާ ތަހުގީގަށް ދިން ބަޔާނުގައި ހާމަ ކުރި ކަންކަމުގެ މައްޗަށެވެ. އަދި އެކަމަށް ބާރު ދޭ ހެކި ދައުލަތުން ހުށަހެޅި އެވެ. ފިރިހެން މީހާ އެ ކުއްޖާއާ މެދު ޖިންސީ އަމަލުތައް ހިންގި ކަމަށް އެ ކުއްޖާ ކިޔައިދީފައިވެ އެވެ.

އެ މައްސަލައިގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ ދައުލަތުން އެ މީހާގެ މައްޗަށް ކުރުމުން އޭނާ ވަނީ ޖިންސީ ގޯނާ ނުކުރާ ކަމަށް ބުނެ ކުށަށް އިންކާރު ކޮށްފަ އެވެ.

އެކަމަކު، ހިތަދޫ މެޖިސްޓްރޭޓު ކޯޓުގެ ގާޒީ ރަފީއުއްދީން އަހުމަދު ކުރެއްވި ހުކުމުގައި ވަނީ އެ މައްސަލައިގައި ތަހުގީގުގައި ލިބިފައިވާ ހެކިތަކުން އެ ކުއްޖާ ކިޔައިދީފައިވާ ކަންތައްތައް ހިނގި ކަމަށް ބާރު ލިބޭ ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި އެ މީހާ ދެއްކި ވާހަކަތަކެއް އެއީ އިއުތިރާފެއް ކަމަށް ބެލޭނެ ކަމަށް ކަނޑައެޅި އެވެ.

އެހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، މި މަހުގެ 14 ވަނަ ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރީ 10 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ.

މި މައްސަލައިގައި ހުކުމާ ހަމައަށް ވާސިލުވި އިރު ކުއްޖާ އަށް މިހާރު ވަނީ 18 އަހަރު ފުރިފަ އެވެ.