ސ. ހިތަދޫ ކޯޓުން ޕްރޮސެކިއުޓާ ޖެނެރަލަށް ރައްދުދީ ނޫސް ބަޔާނެއް ނެރުނު މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގާ ތަހުގީގުގެ ތެރެއިން އިތުރު ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބަލަން އެ ކޮމިޝަނުން ނިންމައިފި އެވެ.

މިއަހަރުގެ ކުރީކޮޅު ހިތަދޫ ކޯޓުން ޕީޖީއަށް ރައްދުދީ ބަޔާނެއް ނެރުނީ 98 ކިލޯ ޑްރަގް މައްސަލާގައި ދައުވާލިބޭ މީހަކު އެ ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ބުނެ ޕީޖީ ހުސައިން ޝަމީމް އޭރު ޓްވީޓް ކުރެއްވުމުން ހިތަދޫ ކޯޓުން ބަޔާން ނެރުނީ އެއީ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށް ބުނެ އެވެ.

ބަޔާން ނެރުނު މައްސަލާގައި ޖޭއެސްސީން އެންމެ ފުރަތަމަ ބަލަން ފެށީ ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ މައްސަލަ އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގެ ތަހުގީގުގެ ތެރެއިން ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމާއި ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތާހިރު ވެސް ސުލޫކީ މިންގަނޑާ ޚިލާފްވެފައިވާ ކަމަށް ބެލެވޭތީ އެ ދެ ބޭފުޅުންގެ މައްސަލަ ވެސް ބަލަން ފަށާފައިވާ ކަމަށެވެ.

އެ މައްސަލާގައި ޕީޖީ އާއި ކޯޓާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރީ ހައި ކޯޓުގެ އަމުރެއްގެ ދަށުން އެ މީހާ ބަންދު ކޮށްފައި ވަނިކޮށް ހިތަދޫ ކޯޓުން އެ އަމުރު ސަސްޕެންޑް ކުރުމަށްފަހު އެ މީހާ ދޫކޮށްލުމުންނެވެ. އެއީ ރާއްޖޭގައި ދަށު ކޯޓަކުން މަތީ ކޯޓުގެ އަމުރެއް ސަސްޕެންޑްކުރި ފުރަތަމަ ފަހަރެވެ.