ކިގާލީ، ރުވަންޑާ (އޮގަސްޓް 15) - ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ބްރެންޓްފޯޑް އަތުން އާސެނަލް ބަލިވުމުން ރުވަންޑާގެ ރައީސް އަދި އާސެނަލްގެ ސަޕޯޓަރު ޕޯލް ކަގާމޭ ކޯފާވެއްޖެ އެވެ.

އިނގިރޭސި ޓޮޕް ޑިވިޝަނަށް 74 އަހަރު ފަހުން އެނބުރި ދިޔަ ބްރެންޓްފޯޑުން އާސެނަލް ބަލި ކުރީ 2-0 އިންނެވެ. އެ މެޗުން އާސެނަލް ބަލިވުމުން ރުވަންޑާގެ ސަރުކާރަށް ވަނީ ޕްރެޝަރު ކުރިމަތިވެފަ އެވެ.

ކަގާމޭގެ ސަރުކާރުން ވަނީ އާސެނަލް ސްޕޮންސާކޮށްފަ އެވެ. ރުވަންޑާގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް އާސެނަލްގެ ޖޯޒީގެ އަތު ކުރީގައި "ވިޒިޓް ރުވަންޑާ" ޖަހާފައިވެ އެވެ.

"ބަހަނާ ދައްކައިގެން ވެސް ނުވާނެ އަދި ދަށް ނަތީޖާތައް އަހަރެމެން ބަލައިގަނެ ގަބޫލުކޮށްގެން ވެސް ނުވާނެ،" އާސެނަލް އާ މެދު ދޭތެރެދޭތެރެއިން ޓްވީޓް ކުރައްވާ ކަގާމޭ ލިޔުއްވާފައި ވެއެވެ. "ޓީމުގައި ބިނާ ކުރަން ޖެހޭނެ މަގްސަދަކަށް ވާން ޖެހޭނީ މޮޅުވުން، މޮޅުވުން، މޮޅުވުން."

އާސެނަލްއަށް ކުރިން ކުޅުނު ސްކޮރޯޓިސް: އާސެނަލްގެ ޖޯޒީ ހިފަހައްޓައިލައިގެން ހުރި އިރު ވިޒިޓް ރުވަންޑާގެ އިސްތިހާރު --- ފޮޓޯ: އާސެނަލް
އާސެނަލްއަށް ކުރިން ކުޅުނު ސްކޮރޯޓިސް: އާސެނަލްގެ ޖޯޒީ ހިފަހައްޓައިލައިގެން ހުރި އިރު ވިޒިޓް ރުވަންޑާގެ އިސްތިހާރު --- ފޮޓޯ: އާސެނަލް

އިތުރު އެހެން ޓްވީޓެއްކޮށް އޭނާ ވަނީ މަސައްކަތް ކާމިޔާބު ވާނެ ޕްލޭނެއް އެކުލަވާލުމަށް ޑިމާންޑްކޮށްފަ އެވެ.

"މިކަހަލަ ގޮތަކަށް ޓީމަކަށް ވެގެންދާކަށް ސަޕޯޓަރުންނަށް ހައްގެއް ނުވޭ."

"ވިޒިޓް ރުވަންޑާ" އިސްތިހާރަށް ރުވަންޑާއިން ވަނީ 42 މިލިއްން ޑޮލަރުގެ އެއްބަސްވުމެއް 2018 ގައި އާސެނަލްއާ އެކު ހަދައިފަ އެވެ.

ރުވާންޑާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ އާސެނަލްގެ އެއްބަސްވުމަކީ ބޭކާރު ހަރަދެއް ކަމަށެވެ. ނަމަވެސް ރުވާންޑާގެ ސަރުކާރުން ބުނަނީ އެއްބަސްވުމުގެ ސަބަބުން ޓޫރިޒަމުން ރުވާންޑާ އަށް މާ ބޮޑު ފައިދާއެއް ވާ ކަމަށެވެ.

ރުވާންޑާގެ ރައީސް ކަމުގައި ކަގާމޭ ހޭދަ ކުރައްވާތާ 21 އަހަރުވީ އެވެ. ރުވާންޑާގައި އޮތް ދާހިލީ ހަމަނުޖެހުންތަކާއި ނަސްލީ އިމްތިޔާޒު ނައްތާލުމުގައި ކަގާމޭ ވަނީ ގިނަ ކާމިޔާބުތަކެއް ހޯއްދަވައިފަ އެވެ.

ވޯލްޑް ބޭންކުން 2018 ގައި ނެރފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ތަރައްގީގެ މަގުގައި ރުވާންޑާއިން ކާމިޔާބުތަކެއް ހޯދާފައިވާ ކަމަށެވެ.

ނަމަވެސް ރުވާންޑާގައި ހަނިކޮށްފައިވާ ސިޔާސީ މިނިވަންކަމާއި އިންސާނީ ހައްގުތަކުގެ މައްސަލައިގައި ގައުމުން ބޭރުންނާއި އެތެރެއިން ކަގާމޭ އަށް އޮތް ފާޑު ކިޔުން ބޮޑެވެ.