ކިގާލީ (އެޕްރީލް 23) - މި އަހަރު ބާއްވަން ހަމަޖެއްސި ކޮމަންވެލްތު ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓް ފަސްކޮށްފި އެވެ.
ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ 26 ވަނަ ސަމިޓުގައި 10،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ސަމިޓް ފަށަން ދެ މަހަށްވެފައި ވަނިކޮށް ކެންސަލް ކުރީ މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުންނެވެ. ސަމިޓް ބާއްވާނެ އާ ތާރީޚެއް އިއުލާން ކޮށްފައެއް ނުވެ އެވެ.
މިއީ އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ނެތް ގައުމެއްގައި ސަމިޓް ބާއްވަން ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ބެލްޖިއަމްގެ ކޮލޮނީއެއްގެ ގޮތުގައި ކުރިން އޮތް ރުވާންޑާއިން ކޮމަންވެލްތުގައި ބައިވެރިވީ 2009 ވަނަ އަހަރު އެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އިން އަލުން ކޮމަންވެލްތާ ގުޅިފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު 1 ވަނަ ދުވަހު އެވެ. ކޮމަންވެލްތާ އަލުން ބައިވެރިވުމަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން އޭރު ބުނެފައި ވަނީ ރުވާންޑާގައި މި އަހަރު ބާއްވާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވެރިވާނެ ކަމަށެވެ.