ކިގާލީ (ޖުލައި 25) - އެފްރިކާ އަށް މިހާރު ކުރައްވާ ދަތުރުގައި ރުވާންޑާ އަށް އިއްޔެ ވަޑައިގެން އެ ގައުމުގެ ފަގީރުންނަށް ހަދިޔާއަކަށް 200 ގެރި ދެއްވާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ހިންދޫން މާތްކޮށް ހިތާ ޖަނަވާރެއް ކަމަށްވާ ގެރި، ރުވާންޑާގެ ފަގީރުންނަށް ދެއްވާނެ ކަމަށް މޯދީ ވިދާޅުވި އިރު ރުވާންޑާ ސަރުކާރުން 2006 ވަނަ އަހަރު ވަނީ ފަގީރުންނަށް ގެރި ހަދިޔާ ކުރަން "ގިރިންކާ"ގެ ނަމުގައި ސްކީމެއް ފަށައިފަ އެވެ. "ގިރިންކާ" އަކީ ރުވާންޑާ ބަހުން މަރުހަބާގެ ގޮތުން ވެސް ބޭނުން ކުރާ ލަފްޒެކެވެ. އެ ބަހުގެ މާނައަކީ "ކަލެއަށް ގިނަ ގެރި ދެއްވާންދޭ" އެވެ.

މޯދީ ވިދާޅުވެފައި ވަނީ "ގިރިންކާ" އަކީ ރުވާންޑާގެ ރަށްފުށުގެ ފަގީރުންގެ ހާލަތު ރަނގަޅު ކުރުވާނެ ސްކީމެއް ކަމަށެވެ. މޯދީ ވަނީ އިންޑިއާ އިން ރުވާންޑާ އަށް 200 މިލިއަން ޑޮލަރުގެ ލޯނެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މޯދީގެ ރުވާންޑާ ދަތުރު ބައެއް މީހުން ސިފަކޮށްފައި ވަނީ "ކެޓްލް ނުވަތަ ގެރި ޑިޕްލޮމެސީ" ގެ ގޮތުގަ އެވެ.