ދުނިޔޭގެ އެންމެ ބޮޑު އެއް މެރެތަން ކަމަށްވާ ބާލިން މެރެތަންގައި ވާދަކުރުމަށް ރަނާސް މޯލްޑިވްސްގެ ފަސް ދުވުންތެރިޔަކު އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
ޕްރޮފެޝަނަލް ތަފާތު ވަޒީފާތަކުގައި އުޅެމުން، ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް ދުވާ މީހުން ހިމެނޭ ރަނާސް މޯލްޑިވްސްގެ ޓީމު އަންނަނީ މީގެ ތިން މަސް ކުރިން ފެށިގެން ބާލިން މެރެތަން އަށް ތަމްރީން ހަދަމުންނެވެ.
މެރެތަންގައި ދުވާ ރަނާސް މޯލްޑިވްސްގެ ޓީމުގައި ހިމެނެނީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި އަބްދުﷲ ޚަލީލް (އައްބެ) އާއި މުހައްމަދު ވަހީދު (ސޮނީ ވަހީދު) އާއި ރިފާ ޖަލީލު އަދި ވިލާ ކޮލެޖުގެ އިސް މަގާމެއް ފުރަމުން އަންނަ އަޒީމް ހާރޫން އެވެ.
މީގެ ތެރެއިން އައްބެ އާއި ވަހީދު އަދި އަޒީމް ވަނީ ބޭރުގެ އެކި މެރެތަންގައި މީގެ ކުރިން ވެސް ބައިވެރިވެފަ އެވެ.
"މިއީ ދުނިޔޭގެ އެންމެ ވަރުގަދައެއް މެރެތަންގައި ރާއްޖޭން މިގޮތަށް ޓީމެއް ބައިވެރިވާ ފުރަތަމަ ފަހަރު. ހުރިހާ ބައިވެރިން ވެސް ފުލް މެރެތަން (42 ކިލޯމީޓަރު) ފުރިހަމަކުރާނެ،" ދުވުންތެރިންގެ ކޯޗު އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ދުވުންތެރިޔާ ނަސީރު އިސްމާއިލް ބުންޏެވެ.
ނަސީރުގެ ކޯޗުކަމުގެ ދަށުން، ކޮލަމްބޯ މެރެތަން އިން ފެށިގެން ސިންގަޕޯ މެރެތަން އާއި ޕުކެޓް މެރެތަންގައި ދިވެހިން ވާދަކޮށްފައިވާއިރު އޭނާ ބުނީ ކުރިއަށްތަނުގައި ދުނިޔޭގެ ބޮޑެތި އެހެން މެރެތަންތަކުގައި އޭނާގެ ޓީމުތައް ވާދަކުރާނެ ކަމަށެވެ.
"ބޭނުންވަނީ ދުވުމަށް މީހުން ނެރުމަށް ހިތްވަރު ދޭން. އެންމެ ފުރަތަމަ އަޅުގަނޑުމެން ފަށައިގެން އިރު ޓްރެކަށް ދުވަން ދަނީ މަދު ބަޔެއް. އެކަމަކު މިހާރު ވަރަށް ގިނަ ބަޔަކު ދުވަން ނުކުމޭ. އަޅުގަނޑުގެ އަމާޒަކީ، ޕްރޮފެޝަނަލް ވަޒީފާތަކުގައި އުޅެމުން ވެސް މިއީ ކުރެވިދާނެ ކަމެއްކަން އަންގައިދިނުން،" ނަސީރު ބުންޏެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު ބާލިން އަށް ފުރުމަށް ހަމަޖެހިފައިވާއިރު، އެ ޓީމުން އަންނަނީ ޓީމަށް ސްޕޮންސަރުން ހޯދަމުންނެވެ.
ޖަރުމަނުގެ ވެރިރަށް ބާލިންގައި 1974 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ބާލިން މެރެތަން އަކީ ދުނިޔޭގެ އެންމެ ގިނަ މެރެތަން ރެކޯޑްތައް ގާއިމްކޮށްފައިވާ ދުވުމުގެ ރޭހެވެ. ހަމައެކަނި 2008 ވަނަ އަހަރަށް ބަލާއިރު، އެ ރޭހުގައި 40،827 ދުވުންތެރިން ބައިވެރިވެ 35،913 ދުވުންތެރިން ރޭސް ނިންމި އެވެ. އަދި ރޭސް ބަލަން އެކި ދިމަދިމާލަށް މިލިއަނެއްހާ މީހުން ޖަމާވި އެވެ.