ގައުމީ އެއް ވަނަ އަންހެން އެތުލީޓުގެ މަގާމް މަރިޔަމް އަބްދުލް ކަރީމް (މަރީ) ހޯދުމަކީ ހައިރާންކުރުވި ކާމިޔާބީއެކެވެ. އެތުލެޓިކްސްގައި އުޅޭ އޭނާ އަށް ވުރެ މާ ޒުވާން ދުވުންތެރިންގެ މައްޗަށް މަރީ، 41، ކުރި ހޯދީ އެކަމަށް މާ ބޮޑު އުއްމީދެއް ކޮށްގެނެއް ވެސް ނޫނެވެ. އޭނާއަކީ ފުލް ޓައިމް ކަސްރަތު އިންސްޓްރަކްޓަރެކެވެ. ދުވާ މީހެއް ނޫނެވެ.
އެކަމަކު އެއަށް ވުރެ ވެސް ބޮޑަށް ހައިރާންވާން ޖެހެނީ، މަރީ ދުވަން ނުކުންނާތީ އެވެ. ސަބަބަކީ، އޭނާ ބުނާ ގޮތުގައި އެކަން ކުރަނީ ކުރާ ހިތަކުން ނޫނެވެ.
"އަދިވެސް ދުވާ ހިތެއް ނުވޭ،" 2015 ވަނަ އަހަރުގެ އެތުލެޓިކްސް މުބާރާތުގައި ދެ ރަން މެޑަލް ހޯދުމަށް ފަހު މިދިޔަ އޮކްޓޯބަރު މަހު 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުގެ ރަން މެޑަލް ދިފާއުކޮށް 800 މީޓަރު ދުވުމުން ވެސް ރަން މެޑަލް ހޯދައި ގައުމީ އެއްވަނަ އަންހެން އެތުލީޓުގެ ޝަރަފްވެރިޔާ މަރީ ބުންޏެވެ.
ދެ ކުދިންގެ މަންމަ ދުވުމުގެ ތެރެއަށް ވަނީ ވެސް އަދި މުބާރާތްތަކުގައި ބައިވެރިވަނީ ވެސް މާ ބޮޑު ވާދަވެރިކަމެއް، ރޭވުމެއް އޮވެ، އުއްމީދުތަކެއް ކޮށްގެނެއް ނޫނެވެ. ލިބޭ ކޮންމެ ކާމިޔާބީއަކީ އޭނާ އަށް ވެސް ހަމަ ހައިރާންކަމެކެވެ.
ހީޓް ހެލްތު އެންޑް ފިޓްނަސްގައި ކަސްރަތު ކްލާސްތައް ނަގައިދީ، ޕާސަނަލް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރާ މަރީގެ ފުރަތަމަ ދުވުމަކީ 2010ގެ ދިރާގު ރޯޑް ރޭހެވެ. އާއިލާއާ ބައިވެރިވެލުމުގެ ގޮތުން ދުވެލީ އެވެ. އެކަމަކު އަންހެނުންގެ ފަސް ކިލޯމީޓަރުން ދެވަނަ ލިބުނެވެ. ޖެހިގެން އައި އަހަރު ވެސް ދޮށީ ދަރިފުޅާ އެކު އެ ދުވުމުގައި އޭނާ ބައިވެރިވި އެވެ.
މެދުކެނޑުމަކަށް ފަހު ދިރާގުގެ ރޭހުގައި މަރީ ދެން ބައިވެރިވީ 2014ގަ އެވެ. އެ ފަހަރު ވެސް ހަމައެކަނި އަމާޒަކަށް ވީ ދަރިފުޅާ އެކު ދުވެލުމެވެ. އެކަމަކު ފަސް ކިލޯމީޓަރުން އެއްވަނަ ލިބުނެވެ. އެހާ ހިސާބުން މީހުންގެ ސަމާލުކަމަށް މަރީ އަ އެވެ.
ދިރާގު ރޭހަށް މަރީ ދެން ނުކުތީ 10 ކިލޯމީޓަރުގައި ދުވާށެވެ. އެއީ ރައްޓެއްސަކު ދިން ޚިޔާލެކެވެ. އޭނާއާ އެކު ކޮންމެވެސް ވަރަކަށް ފަރިތަކުރިޔަސް، އެ ދުވުމުން ދެވަނަ ހޯދީ ވެސް ކޯޗެއްގެ އެހީއެއް ނެތި އެވެ.
"ވަކި ވަރަކަށް ވޯމްއަޕް ވީމަ ދެން ހަމައަކަށް އެޅޭނެ. ކޮންމެ ކަމެއްގައި ވެސް އެ ހިސާބަށް ދަންދެން ހިފަހައްޓާލަން ޖެހޭނީ. އޭރުން ދެން އޯކޭ ވާނެ."
ގައުމީ އެތުލެޓިކްސް މުބާރާތުގައި ފުރަތަމަ ފަހަރަށް 2015 ވަނަ އަހަރު މަރީ ބައިވެރިވީ އެތުލެޓިކްސް ކޯޗު އަދި ރާއްޖެ އިން އުފެދުނު އެންމެ މޮޅު އެއް ދުވުންތެރިޔާ ނަސީރު އިސްމާއިލް ބޭނުންވެގެންނެވެ. މަރީގެ ގެ އަށް ގޮސް ނަސީރު އެދުނީ އޭނާ ކޯޗު ކޮށްދޭ ރަނާސް މޯލްޑިވްސް ތަމްސީލްކޮށްދޭށެވެ. މުބާރާތުގައި މަރީ ބައިވެރިވީ ދެ މަހެއްހާ ދުވަހުގެ ތަމްރީނަކަށް ފަހުގަ އެވެ.
މަރީ އަދިވެސް ދުވުންތަކުގައި ވާދަކުރަމުން ގެންދާނެ އެވެ. އެކަމަކު އޭނާ ބުނަނީ ދުވުމަކީ، އަމިއްލަ ޝައުގުވެރިކަމަށް ވުރެ ބޮޑަށް، އެހެން މީހުންގެ އުއްމީދުތަކާ ގުޅިގެން ކުރާ ކަމެއް ކަމަށެވެ.
"ފިރިމީހާ ވަރަށް ބޭނުންވޭ މަރީ ދުވުންތަކުގައި ބައިވެރިވާން. މަރީ އަށް ކާމިޔާބީ ލިބޭ ކަމެއް ވީމާ ވަރަށް ބޮޑަށް ހިތްވަރު ދީ އެހީތެރިވެދޭ. ކޯޗު ވެސް ވަރަށް ބޮޑަށް ބޭނުންވޭ އަދި ވަރަށް ބޮޑަށް މަސައްކަތްކޮށްދޭ،" މަރީ ބުންޏެވެ.
"އެހެންވީމާ ބައެއްގެ އެކްސްޕެކްޓޭޝަނާ ހެދި ކުރެވޭ ކަމެއް މިއީ. އެކަމަކު މަރީއަކީ ކުރާ ކަމެއް ވަރަށް ރަނގަޅަށް ކުރަން ބޭނުންވާ މީހެއް. ވަނައެއް ލިބުނީމާ ވަރަށް އުފާ ވެސް ވޭ. ކޮންމެ ފަހަރަކު ވަރަށް ބޮޑު ސަޕްރައިޒަކަށް ވަނީ ވެސް."
ދުވުމާ ޚިލާފަށް މަރީގެ ހަގީގީ ލޯތްބަކީ އޭނާގެ ކެރިއަރެވެ. އެރޮބިކްސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ބަނޑޮސް އައިލެންޑް ރިސޯޓުގެ ޖިމްގައި މަސައްކަތްކުރަން ފެށި ގޮތަށް އޭނާ ވަނީ އެ ދާއިރާގައި 15 އަހަރު ހޭދަކޮށްފަ އެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން އިންސްޓްރަކްޓަރުންގެ ތެރޭގައި މަރީ ހިމެނެ އެވެ. ބަނޑޮހުގައި ހަތް އަހަރު އުޅެފައި މާލެ ބަދަލުވީ ފުރަތަމަ ދަރިފުޅަށް ބަލިވެއިނީމަ އެވެ. ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އޭނާ އަނެއްކާވެސް މަސައްކަތަށް ނުކުތެވެ. ހީޓުގައި އުޅޭތާ އަހަރުތަކެއް ވެފައިވާ އިރު އަދިވެސް ކްލާސްތައް ނަގައިދެމުން ގެންދިޔުމަކީ މަރީގެ ޚާއްސަ ސިފައެކެވެ.
ދުވުމުގައި ލިބޭ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ވެސް މަރީ އަދާކުރާ ވަޒީފާ އެވެ. ކަސްރަތު އިންސްޓްރަކްޓަރަކަށް ވާތީ އޭނާގެ ފިޓްނެސް ބަރާބަރީ އެވެ.
"ހާއްސަކޮށް ޖިމްގައި ނަގައި ދޭ ބޮޑީ އެޓޭކް ކްލާސް ފާހަގަކޮށްލެވޭ. އެ ކްލާހުގެ 70 ޕަސެންޓަކީ އެތުލެޓިކް މޫވްސް. ދުވުމުގެ ޓްރެއިނިން ނެތި ސްޕީޑް ބިލްޑްވެފައި ހުރީ އޭގެ ސަބަބުން. އަދި މަރީ ދެކޭ ގޮތުގައި ވެއިޓް ޓްރެއިނިންގެ ދައުރެއް ވެސް އޮންނާނެ. މަސްލްސްގައި ބާރު ހުރެގެންނޭ ދުވެވޭނީ، މަރީ ގަބޫލުކުރަނީ، އެހެން،" އޭނާ ބުންޏެވެ.
އެކަމަކު ކަސްރަތާއި ދުވުމަކީ މުޅިން ތަފާތު ދެ ކަމެއް ކަން އޭނާ ފާހަގަކުރެ އެވެ.
"މަރީއަކަށް އަދިވެސް ދުވުމާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ނޭނގޭ. ވަކި ޓެކްނީކްތަކެއް އެބަހުރި އަދި ދަސް ނުވާ،" އޭނާ ކިޔައިދިނެވެ.
"ދުވާ އިރު ނޭވާ ލާ ގޮތާއި، ފައި އަޅާ ގޮތާ އެއްޗެހި އެނގެން ޖެހޭ. އަދި އެންމެ މުހިއްމު ކަމަކަށް، މެންޓަލީ ތައްޔާރުވާން ޖެހޭ."
އެކަމަކު މަރީ ބުނީ ފިޓްނެސް ކިތަންމެ ރަނގަޅަސް ހިތްވަރާއި އަޒުމް ވަރުގަދަ ނުކޮށެއް ދުވުމުގައި ކާމިޔާބު ނުވާނެ ކަމަށެވެ.
"ހަމަ އެންމެ ބޮޑު އެއްޗަކީ ޑެޑިކޭޝަން އާއި ކޮމިޓްމެންޓް،" އޭނާ ބުންޏެވެ.
"މިސާލަކަށް ކޯޗު ބުނަނީ ވާނެއޭ، އެހެންވީމާ ކުރަން ޖެހޭނެ. އެންމެ ކުޑަމިނުން ޓްރައި ކުރަން ޖެހޭނެ. ދެން އަންނާނެ ވަރަށް ސަކަރާތް ދުވަސްތައް ވެސް. އެކަމަކު މުހިއްމީ ހުއްޓާނުލައި، ކޮންމެ ދުވަހަކު ވެސް ގޮސް ކޯޗު ބުނާ ގޮތަށް ހެދުން."
ދުވުމުގައި ވެސް އަދި ކަސްރަތުގައި ވެސް މަރީ ގަބޫލުކުރާ އެއް ކަމެއް އޮވެ އެވެ. އޭނާ ދެކެނީ އެއީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ކާމިޔާބީ ހޯދަން ގެންގުޅެވިދާނެ ސިޔާސަތެއް ކަމަށެވެ.
"ވަކި ވަރަކަށް ވޯމްއަޕް ވީމަ ދެން ހަމައަކަށް އެޅޭނެ. ކޮންމެ ކަމެއްގައި ވެސް އެ ހިސާބަށް ދަންދެން ހިފަހައްޓާލަން ޖެހޭނީ. އޭރުން ދެން އޯކޭ ވާނެ،" މަރީ ބުންޏެވެ.