މެލޭޝިއާގައި ތިބި ރޮހިންޖާ ދަރިކޮޅުގެ 5,000 މީހަކު އަނބުރާ ގެންދަން މިޔަންމާއިން އެއްބަސްވެފައިވާ ކަމަށް މެލޭޝިއާއިން ބުދަ ދުވަހު ބުނެފި އެވެ.
މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބައެއް ރެފިއުޖީން ހައްޔަރުކޮށް އަދި ރެފިއުޖީން އަނބުރާ ފޮނުވާލަން މަސައްކަތްކުރާނެކަން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. އެކަމަކު ރެފިއުޖީންނާ ހަވާލުވާން މިއަންމާއިން އެއްބަސްވުން ވުމަކީ އެ ގައުމުން އެއްބަސްވާނެ ކަމެއްގެ ގޮތުގައި މީގެ ކުރިން ބެލެވިފައެއް ނުވެ އެވެ.
އދ. ގެ ރެފިއުޖީ އެޖެންސީގައި ރަޖިސްޓްރީވެފައިވާ 215,000 އަށްވުރެ ގިނަ ރެފިއުޖީންނާއި ހިމާޔަތަށް އެދޭ މީހުންނަށް މެލޭޝިއާއިން ބޯހިޔާވަހިކަން ދެ އެވެ. މީގެ ތެރޭގައި މިޔަންމާގައި އަނިޔާލިބެމުންދާ، ބައި މަދު ރޮހިންޖާ ދަރިކޮޅުގެ 126,000 އަށްވުރެ ގިނަ މީހުން ހިމެނޭއިރު، މިއީ އެ ގައުމުގައި އުޅޭ އެންމެ ބޮޑު ރެފިއުޖީ އާބާދީ އެވެ.
"މީހުން ސުވާލުކުރޭ އެ މީހުން އަނބުރާ ފޮނުވާނުލަނީ ކީއްވެގެންހޭ. ފޮނުވާނީ ކޮންތާކަށް؟ މީގެ ކުރިން މިޔަންމާއިން އެ މީހުން ބަލައިގަންނަން އޮތީ އިންކާރުކޮށްފައި،" ވެރިރަށުގެ އިރުމަތީ ސަރަހައްދަކަށް ކުރެއްވި ޒިޔާރަތެއްގައި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
"ނަމަވެސް މިހާރު މިޔަންމާއާ އެކު އޮތް ރަނގަޅު ގުޅުމުގެ ސަބަބުން، މެލޭޝިއާގައި ތިބި މީހުންގެ ތެރެއިން 5,000 މީހަކު އަނބުރާ ގެންދަން އެ މީހުން ވަނީ އެއްބަސްވެފައި،" 'ނިއު ސްޓްރެއިޓްސް ޓައިމްސް' ހިމެނޭ ގޮތަށް ބައެއް މީޑިއާތަކުން އަންވަރާ ހަވާލާދީ ބުނެފައިވެ އެވެ.
އަންވަރު މިހެން ވިދާޅުވެފައި މި ވަނީ ކުއާލަލަމްޕޫރުގައި ހުންނަ އދ. ގެ ރެފިއުޖީ އެޖެންސީގެ އިމާރާތެއްގެ ބޭރުން މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން 100 އަށްވުރެ ގިނަ ރޮހިންޖާ ރެފިއުޖީން ހައްޔަރުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.
މެލޭޝިއާގައި އުޅޭ ރޮހިންޖާ ދަރިކޮޅުގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ބުނީ، ހައްޔަރުކުރި މީހުންނަކީ ބޯހިޔާވަހިކަމަށް އެދިގެން އުޅުނު ބައެއް ކަމަށާއި އެއީ އުތުރުގެ ޕެނާންގް ސްޓޭޓްގައި ގަވާއިދާ ހިލާފަށް ހަދާފައިވާ އާބާދީއަކުން އެ މީހުން ނެރެލާނެކަމުގެ އިންޒާރު ލިބުމުން ކަމަށެވެ.
ހައްޔަރުކުރި މީހުންގެ އަތުގައި އދ. ގެ ރެފިއުޖީންނާ ބެހޭ ހައި ކޮމިޝަނަރުން ދޫކޮށްފައިވާ ސައްހަ ލިޔެކިޔުންތައް ހުރިކަން ކަމާބެހޭ އޮފިޝަލުން ފަހުން ކަށަވަރުކޮށްދެއްވި ކަމަށް ބާރްނަމާ ނިއުސް އެޖެންސީން ބުނެފައިވެ އެވެ.
ފުލުހުންގެ އިސް އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވީ ފަހުން ބެލުމަށް ފަހު، އެ މީހުން ދޫކޮށްލައި، މެލޭޝިއާގެ އެކި ސަރަހައްދުތަކަށް ފޮނުވާލާފައިވާ ކަމަށެވެ.
ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އެއް ރެފިއުޖީ އާބާދީއަކަށް ބޯހިޔާވަހިކަން ދެމުންދިޔަ ނަމަވެސް، މެލޭޝިޔާއަކީ 1951 ގެ ރެފިއުޖީ މުއާހަދާގައި ބައިވެރިވެފައިވާ ގައުމެއް ނޫނެވެ. އަދި ރެފިއުޖީންގެ ދަރަޖަ ރަސްމީކޮށް އެ ގައުމުން ބަލައެއް ވެސް ނުގަނެ އެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ރޮހިންޖާ ދަރިކޮޅުގެ ގިނަ މީހުން މިއާންމާއިން ފިލައިގެން ދިޔައީ 2017 ވަނަ އަހަރު އެ ގައުމުގެ ސިފައިން ހިންގި އަނިޔާވެރި އުދުވާނުތަކާ ގުޅިގެންނެވެ.
ރޮހިންޖާ މީހުންގެ އަވަށުތައް އަންދައި، އާންމުން މެރުން ހިމެނޭ މި އުދުވާނުގެ މައްސަލަ، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ، އދ. ގެ އެންމެ މަތީ ކޯޓުގައި ދަނީ ނަސްލު ނައްތާލުމުގެ މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
މިއަންމާގެ ވެރިން ކުރިން ބުނަމުންދިޔައީ ރޮހިންޖާ މީހުންނަކީ ބަންގްލަދޭޝްއިން އައިސްފައިވާ ދަރިކޮޅެއް ކަމަށާއި، 2017 ގެ ހަމަލާތަކަކީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ އުދުވާނަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ.