ޕެރިސް (ޖޫން 7) - ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތިން ވަނަ ބުރުން މޮޅުވި ނަމަވެސް، ރޮޖާ ފެޑެރާ އެ މުބާރާތުން ވަކިވެއްޖެ އެވެ.
މުބާރާތުގެ ހަތަރު ވަނަ ބުރަށް ދަތުރުކުރި، ފެޑެރާ އިއްޔެ މުބާރާތުން ވަކިވީ، އަނިޔާ އިން ރަނގަޅުވެ ކުޅެން އަލުން ފަށާއިރު އިތުރު އަނިޔާއެއް ވުުމުގެ ބިރުން ސަލާމަތް ވުމަށެވެ.
ދުނިޔޭގެ ކުރީގެ އެއް ވަނަ ކުޅުންތެރިޔާގެ އެންމެ ބޮޑު ޓާގެޓަކީ މި މަހު 28 ގައި ފަށާ ވިމްބަލްޑަން ޓެނިސް މުބާރާތެވެ. ބެލެވޭ ގޮތުގައި ފެޑެރާ ފްރެންޗް އޯޕަން އިން ވަކިވީ ވިމްބަލްޑަނަށް ތައްޔާރު ވުމުގެ ގޮތުން އޭނާ ފިޓްކޮށް ހުރުމަށެވެ.
ހޮނިހިރު ދުވަހު ކުޅުނު ތިން ވަނަ ބުރުގެ މެޗު ފެޑެރާ ކާމިޔާބު ކުރީ ޖަރުމަންގެ ޑޮމިނިކް ކެފާގެ މައްޗަށް 7-6 (7-5) 6-7 (3-7) 7-6 (7-4) 7-5 އިން ކާމިޔާބު ހޯދައިގެންނެވެ. އެ މެޗަކީ ވޭތުވެދިޔަ 18 މަސް ދުވަހުގެ ތެރޭ ފެޑެރާ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ދިގުދެމިގެން ދިޔަ މެޗެވެ.
ފްރެންޗް އޯޕަން ޓެނިސް މުބާރާތާ އޭނާ ކުރިމަތިލީ ދެ ކަކޫ ވެސް އޮޕަރޭޝަން ކުރުމަށް ފަހު ގާތްގަނޑަކަށް އެއް އަހަރު ވަންދެން ރިކަވަރީގައި ހުރުމަށް ފަހު އެވެ. ގްރޭންޑް ސްލޭމްގެ ޗެމްޕިއަންކަން 20 ފަހަރު ހޯދި ފެޑެރާ މިދިޔަ 18 މަސް ދުވަހު ކުޅެފައި ވަނީ މަދު މުބާރާތްތަކެކެވެ.
ފްރެންޗް އޯޕަން އިން ވަކިވާކަން އިއުލާން ކުރަމުން ފެޑެރާ، 39، ބުނީ އޭނާގެ ހަށިގަނޑަށް އަރާމުކުރަން ވަގުތު ބޭނުންވާ ކަމަށެވެ.
"ދެ ކަކުކޫ ވެސް އޮޕަރޭޝަން ކުރުމަށް ފަހު ގާތްގަނޑަކަށް އެއް އަހަރު ވަންދެން ރިކަވަރީއަށް ރިހެބިލިޓޭޝަން ހެއްދުމަށް ފަހު އަހަންނަށް ވަރަށް މުހިންމު ކަމެއް އަހަރެންގެ ހަށިގަނޑަށް ވިސްނުން. އަހަރެންގެ ރިކަވަރީގައި އެހާ އަވަސް އަރައި ނުގަތުން އަހަންނަށް ވަރަށް މުހިންމު."
ފެޑެރާ އަކީ ފްރެންޗް އޯޕަން ފެށި ފަހުން އެ މުބާރާތުން ވަކިވި ހައި ޕްރޮފައިލް ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ދުނިޔޭގެ އަންހެން ރޭނިކްންގެ ދެ ވަނަ ކުޅުންތެރިޔާ ޖަޕާންގެ ނައޯމީ އޮސާކާ ވަނީ ފްރެންޗް އޯޕަން އިން ވަކިވެފަ އެވެ. އޭނާ ވަކިވީ މުބާރާތުގެ ޕްރެސް ކޮންފަރެންސްތައް ބޮއިކޮޓް ކުރުމަށް ފަހު އެވެ.