ލަންޑަން (ޖުލައި 10) - އޭނާގެ ނަޒަރުގައި މި ވަގުތަށް ބަލާއިރު މި އަހަރުގެ ބެލޮންޑިއޯ (މޮޅު ކުޅުންތެރިޔާ) އަށް ވާދަކުރާނެ ތިން ކުޅުންތެރިންގެ ތެރޭގައި ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލްގެ ފޯވާޑް ރޮބިން ވެން ޕާސީ ބުނެފި އެވެ.
ވެން ޕާސީގެ މި އަހަރުގެ ގަދަ ތިނެއްގެ ތަރުތީބަކީ ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ އާއި މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާ އަދި ލިވަޕޫލްގެ ސަޑިއޯ މާނޭ އެވެ. ވެން ޕާސީގެ މި ގަދަ ތިނަކާ އެއްގޮތަށް ގޮސްފިނަމަ މި ވެގެންދާނީ 2006 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މި އެވޯޑްގެ ގަދަ ތިނަކުން މެސީ އާއި ރޮނާލްޑޯ އަށް ޖާގަ ނުލިބިދާ ފުރަތަމަ އަހަރަށެވެ.
"މިއީ އަހަރެން ދެކޭ ގޮތް މި ބުނަނީ މި ގޮތަށް ވާނެއޭ އެއް ނޫން. އަހަރެންގެ ނަޒަރުގައި ގަދަ ތިނަކީ ލެވަންޑޯސްކީ އާއި ޑިބްރޭނާ އަދި މާނޭ،" ފުރަތަމަ ޓްވިޓާގައި ހާމަކުރި ގަދަ ތިން ކުޅުންތެރިންނާ ބެހޭގޮތުން ފަހުން ނެދަލެންޑްސްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ވެން ޕާސީ ބުންޏެވެ.
ބަޔާނާ އެކު ޖަރުމަނު ލީގު ކާމިޔާބުކުރި ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި 43 މެޗުން 52 ގޯލު ޖަހައިފަ އެވެ. މިީގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ޖެހި 11 ގޯލު ހިމެނެ އެވެ. ބަޔާނަށް އަދި މި ސީޒަނުގެ ޗެމްޕިއަންސް ލީގު ބާކީ އެބައޮތެވެ.
ޑިބްރޭނާ ވަނީ ސިޓީ އަށް މި ސީޒަނުގައި ކުޅުނު މެޗުތަކުގައި 11 ގޯލު ޖަހައި 18 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސިޓީން މި އަހަރު ލީގު ކަޕް ކާމިޔާބުކޮށްފައިވާއިރު، އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. ލިވަޕޫލުން 30 އަހަރަށް ފަހު ލީގު ޗެމްޕިއަންކަން ހޯދި ޓީމުގައި މާނޭގެ ދައުރު ބޮޑެވެ. އޭނާ ވަނީ 16 ގޯލު ޖަހައި ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
މި ސީޒަނުގައި އަދިވެސް މެސީ އަށް ބާސެލޯނާއާ އެކު ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތެވެ. މެސީ ވަނީ މި ފަހަރު ލީގުގައި އެކަނި ބެލިޔަސް ތަފާތު ދައްކައިފަ އެވެ. އެ ގޮތުން ލީގުގައި 22 ގޯލު ޖަހައި 19 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. ޔުވެންޓަސް އަށް ގާތްގަނޑަކަށް އިޓާލިއަން ލީގު ޔަގީންވުމާ ގާތުގައި އޮތްއިރު ރޮނާލްޑޯ ވަނީ މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ. އެ ގޮތުން ރޮނާލްޑޯ 26 ގޯލު މިހާތަނަށް ޖަހާފައިވާއިރު، އޭނާ އަކީ ފާއިތުވި 60 އަހަރު ތެރޭ ލީގު ސީޒަނެއްގައި ޔުވެންޓަސް އަށް އެ އަދަދަށް ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އެވެ.