ލަންޑަން (އޮގަސްޓް 4) - މެންޗެސްޓާ ޔުނައިޓެޑް ކުރިން ހޯދި ކާމިޔާބީއާ ހިސާބަށް އަލުން އެނބުރި އަންނަން ވަރަށް އުނދަގޫވާނެކަމަށް ކުރިން އެ ޓީމާ އެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ނެދަލެންޑްސްގެ ރޮބިން ވެން ޕާސީ ބުނެފި އެވެ.

މިދިޔަ ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލި ވެން ޕާސީ ވަނީ ދާދި ފަހުން މަޝްހޫރު ސްޕޯޓްސް މީޑިއާ ބީޓީ ސްޕޯޓްސްގެ އެނަލިސްޓެއްގެ ގޮތުގައި މަަސައްކަތް ފަށައިފަ އެވެ. ވެން ޕާސީ ވަނީ އާސެނަލަށް އަށް ސީޒަނުގައި ކުޅެދީފަ އެވެ. އޭނާ 2012 ވަނަ އަހަރު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވިއިރު އެކަމަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ފުރަތަމަ ސީޒަނުގައި ވެސް އޭނާ އެ ޓީމާ އެކު ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ.

ބީޓީ ސްޕޯޓްސްގެ ޝޯއެއްގައި ވެން ޕާސީ ބުނީ ޔުނައިޓެޑު މިހާރު އޮތް ހާލަތަށް ވެއްޓެން ދިމާވި ސަބަބުތައް ގިނަ ކަމަށާއި އޭގެ ތެރެއިން އޭނާ އަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ކުރީގެ ކޯޗު އެލެކްސް ފާގަސަން ގެންގުޅުނު ހަރުދަނާ އުސޫލު ދޫކޮށްލުމުގެ އިތުރުން އަވަސް އަވަހަށް ކޯޗުން ބަދަލުކުރުމެވެ.

ފާގަސަން ދިޔަ ފަހުން ޔުނައިޓެޑުގެ ކޯޗުކަމަށް އައިސް ވަޒީފާ ގެއްލުނު ކޯޗުންނަކީ ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލް އަދި ހޯސޭ މޮރީނިއޯ އެވެ. ވެން ޕާސީ ބުނީ އޭގެއިން އެއްވެސް ކޯޗަކަށް އެކަށީގެންވާ ވަގުތެއް ލިބުނު ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި މިހާރު ޕްރިމިއާ ލީގުގައި އެންމެ ވަރުގަދަ އަށް އޮތް ޓީމުތަކަށް ނަތީޖާ އެ ނެރެވެނީ ވަގުތު ލިބިގެން ކަމަށެވެ.

"ކޯޗެއްގެ ފިލޯސަފީ ކްލަބެއްގައި ތަތްގަނޑު ޖަހަން ބޭނުންވަނީ އެއް ސީޒަނެއް ނޫން. އެއީ ވަގުތު ލިބިގެން ކުރެވޭނެ ކަމެއް. ގާޑިއޯލާ ސިޓީގައި ފުރަތަމަ ސީޒަން ދިޔައީ ގޯސްކޮށް. ލިވަޕޫލްގައި ކްލޮޕަށް ކާމިޔާބު ހޯދައިދެވުނީ އަހަރުތަކެއް ދިޔަ ފަހުން. އެކަމަކު އެ ދެ ކްލަބު މިހާރު އެ ހިސާބުގައި އެ އޮތީ ވަގުތު ލިބިގެން. އެކަމު ޔުނައިޓެޑަށް ދިމާވީ އެހެން ގޮތެއް،" ވެން ޕާސީ ބުންޏެވެ.

އުމުރުން 35 އަހަރުގެ ވެން ޕާސީ ބުނީ ޔުނައިޓެޑުން ފާގަސަން ގެންގުޅުނު އުސޫލުތައް ދޫކޮށްލީ މާ އަވަހަށް ކަމަށެވެ.

"މީގެ ކުރިން ޔުނައިޓެޑްގެ ކުޅުންތެރިއަކަށް މީޑިއާގައި ބޭނުންވާ ވާހަކަތަކެއް ނުދެއްކޭނެ. ކްލަބަށް އިހުތިރާމް އޮންނާނެ. އެއީ ފާގަސަން ކަނޑައަޅާފައި އޮތްގޮތެއް. ކުޅުންތެރިން ސޯޝަލް މީޑިއާ ބޭނުންކުރުން އޮންނާނީ ގަވާއިދެއްގެ ތެރެއިން. އެކަން ވެސް ފަހުން އޮތީ ބޮއްސުންލާފައި. މި ފަދަ ކުދިކުދި ގޯސްތަކަކުން ފެށިގެން ޔުނައިޓެޑް މިހާރު އޮތް ހާލަތަށް ދިޔައީ،" ވެން ޕާސީ ބުންޏެވެ.

"އަލުން ޔުނައިޓެޑް އޮތް ހިސާބަށްދާން އެންމެ އެއް މިސްރާބެއްގައި މަސައްކަތްކުރަންޖެހޭނީ. އެއީ ކޯޗު ވިޔަސް. ދެން ތިބޭ އިސް ވެރިން ވިޔަސް. އެކި މިސްރާބަށް ގޮސްގެން ވާނެ ކަމެއް ނެތް. މިހާރު އޮތް ގޮތުން އަދި އެނބުރި އަންނަން އުނދަގޫވާނެ."

ޔުނައިޓެޑްގެ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ވަގުތު ލިބިއްޖެނަމަ އޭނާ އަށް ކްލަބްގެ ސަޕޯޓަރުންގެ އެހީގައި ހާލަތު ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެެވެ.