އެމްސްޓެޑަމް (ޖެނުއަރީ 20) – އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ރޮބިން ވެން ޕާސީ 14 އަހަރަށް ފަހު އޭނާގެ ކުޑައިރުގެ ކްލަބް ނެދަލެންޑްސްގެ ފެޔަނޫޑަށް ބަދަލުވެއްޖެ އެވެ.

އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ އެ ޓީމަށް ބަދަލުވަނީ ތުރުކީގެ ފެނަބާޗޭ ދޫކޮށްލުމަށް ފަހު ހިލޭ ޓްރާންސްފާއެއްގަ އެވެ.

ފެޔަނޫޑޫގެ ޔޫތު ޓީމަށް ކުޅުމަށް ފަހު އޭނާ އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2001 ވަނަ އަހަރު އެވެ. އޭނާ 2004 ވަނަ އަހަރު އާސެނަލަށް ބަދަލުވީ ފެޔަނޫޑަށް 78 މެޗުން 22 ގޯލް ޖަހައިދިނުމަށް ފަހު އެވެ.

ވެން ޕާސީ ވަނީ އާސެނަލަށް އަށް ސީޒަނުގައި ކުޅެދީފަ އެވެ. އޭނާ 2012 ވަނަ އަހަރު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވިއިރު އެކަމަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. ފުރަތަމަ ސީޒަނުގައި ވެސް އޭނާ އެ ޓީމާ އެކު ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ.

ވެން ޕާސީ ވަނީ ނެދަލެންޑްސް ގައުމީ ޓީމަށް 2005 ވަނަ އަހަރުން ފެށިގެން ކުޅެ 102 މެޗުން 50 ގޯލް ޖަހައިދީފަ އެވެ. އަމިއްލަ ގައުމުގެ ލީގަށް އަލުން ބަދަލުވިއިރު ފެނަބާޗޭގައި އޭނާ އަށް ކޯޗުކޮށްދޭނީ އޭނާއާ އެކު ނެދަލެންޑްސް ގައުމީ ޓީމަށް ކުޅެފައިވާ ޖިއޮވާނީ ވެން ބްރޮންކްހޯސްޓެވެ.