ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ކުރިއަށްގެންދާ "ޖާނީ ޓު ދަ ސަނީ ސައިޑް" ޕްރޮމޯޝަނުގެ ދަށުން އިންޑިއާގައި ރޯޑު ޝޯއެއް ފަށައިފި އެވެ.

އިއްޔެ ފެށި މި ރޯޑު ޝޯ ކުރިއަށް ދާނީ މި މަހުގެ 28ގެ ނިޔަލަށް އެ ގައުމުގެ ބެންގަލޫރާއި މުމްބާއީ އާއި ކޮލްކަތާ އާއި ނިއުދިއްލީ އަދި ޗަންދީގަރުގަ އެވެ. މިއީ މި ސިލްސިލާގެ ދަށުން މި އަހަރު ކުރިއަށްގެންދާ ތިންވަނަ ރޯޑު ޝޯ އެވެ.

މި ހަރަކާތުގައި ރާއްޖޭގެ 25 ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ. މި ކުންފުނިތަކަށް އިންޑިއާގެ އޮޕަރޭޓަރުންނާ ބައްދަލުކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ހަރަކާތުގައި ކޮންމެ ސިޓީއަކުން ހޮވާލެވޭ ދެ މީހަކަށް ޝަންގްރިއްލާ ވިލިނގިލި ރިސޯޓު އެންޑް ސްޕާ އިން ސްޕޮންސާކޮށްފައިވާ ދަތުރެއް ލިބޭނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ރޯޑު ޝޯ އަކީ އިންޑިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކޮށް އެ ގައުމުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.

މިއަހަރު ތެރޭގައި އިންޑިއާ އިން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ އެހެން އަހަރުތަކާ އަޅާބަލާއިރު އިތުރުވެފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މެއި މަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި އޮތީ އިންޑިއާ އެވެ.