ރިއޯ ޑި ޖެނީރޯ (އޮގަސްޓް 21) - ރިއޯ އޮލިމްޕިކްސްގެ 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި، 5000 މީޓަރާއި 10،000 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ދެ ވަނަ އެތުލީޓުގެ ޝަރަފް އިންގްލެންޑުގެ މުހައްމަދު ފަރާހް (މޮ ފަރާ) ހޯދައިފި އެވެ.
އުމުރުން 33 އަހަރުގެ މޮ ފަރާ ވަނީ އޭނާ ނިސްބަތްވާ ލަންޑަނުގައި މީގެ ހަތަރު އަހަރު ކުރިން ބޭއްވި އޮލިމްޕިކްސް އިން ވެސް މި ދެ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. ޖުމްލަ ހަތަރު ރަން މެޑަލާ އެކު މޮ ފަރާ ވެފައިވަނީ، ޓްރެކް އެންޑް ފީލްޑް އެތުލެޓިކްސްގައި އެންމެ ކާމިޔާބުކުރި އިނގިރޭސި އެތުލީޓަށެވެ.
އޭނާ 5000 ކިލޯމީޓަރު (މާލެ ވަށައި ނަމަ އެއް ބުރު) ގެ ރޭސް ނިންމީ 13 މިނެޓު 3.39 ސިކުންތުންނެވެ. ރިހި މެޑަލް ހޯދީ 13 މިނެޓު 3.90 ސިކުންތުން ރޭސް ނިންމި އެމެރިކާގެ ޕައުލް ކިޕްކެމޮއީ އެވެ. އިތިއޯޕިއާގެ ހާގޯސް ގެބްހިވެޓް ލޯ މެޑަލް ހޯދީ 13 މިނެޓު 04.35 ސިކުންތުން ރޭސް ނިންމައިގެންނެވެ.
"މިކަމުން ދައްކައިދިނީ ލަންޑަނުގައި އަހަންނަށް މެޑަލް ހޯދުނީ އޮޅުމަކުން ނޫންކަން. އަލުން މި ކާމިޔާބީ ތަކުރާރުކުރެވުމަކީ ބޮޑު ހާސިލްވުމެއް. ގަބޫލުކުރަން ވެސް ދަތި،" މޮ ފަރާ ބުންޏެވެ.
އޭނާ ބުނީ ކުޑައިރު އުއްމީދުކުރީ އެންމެ މެޑަލަކަށް ކަމަށާއި މިއަދު މިހިސާބަށް އާދެވުނީ ބުރަ މަސައްކަތުން ކަމަށެވެ. އަދި އުއްމީދެއް އޮވެގެން، ބުރަކޮށް މަސައްކަތްކޮށްފި ނަމަ ކާމިޔާބީ ހޯދޭނެ ކަމަށް ސޮމާލިއާ އަށް އުފަން މުސްލިމް ދުވުންތެރިޔާ ބުންޏެވެ.
އޭނާ އިއްޔެ ހޯދީ މި ފަހަރުގެ އޮލިމްޕިކްސްގައި ގްރޭޓް ބްރިޓަންގެ 27 ވަނަ ރަން މެޑަލެވެ. އަދި ޖުމްލަ 65 ވަނަ މެޑަލެވެ.