ވޮޝިންޓަން (ޑިސެމްބަރު 7) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން ރައީސް ޑޮނަލްޑް ޓްރަމްޕް ރޭ އިއުލާން ކުރެއްވުމާ ގުޅިގެން ތެލް އަވީވުގައި މިހާރު ހުރި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުގެ މަސައްކަތް ސްޓޭޓް ޑިޕާޓްމަންޓުން ވަގުތުން ފަށާފައިވާ ކަމަށް ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.
ޓްރަމްޕުގެ ނިންމެވުމާ ގުޅިގެން މުޅި ދުނިޔެއިން ދަނީ އެކަން ކުށްވެރި ކުރަމުންނެވެ. އަދި މެދުއިރުމަތީގައި އިތުރު ހަމަނުޖެހުން އުފެދިދާނެ ކަމުގެ އިންޒާރުތައް ވަނީ ދޭން ފަށައިފަ އެވެ.
ޓިލަސަން ވިދާޅުވީ މެދުއިރުމަތީގައި އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
ޓްރަމްޕުގެ ނިންމެވުމަށް ފާޑުކިޔުންތައް އަމާޒުވަމުންދާ މައްސަލާގައި ޓިލަސަން ވިދާޅުވީ ޓްރަމްޕް އެގޮތަށް ނިންމެވީ ރަހުމަތްތެރި ގައުމުތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
"މެދުއިރުމައްޗަށް ސުލްހަ ހޯދުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް އެމެރިކާ އިން ގަބޫލް ކުރޭ،" ޓިލަސަން ވިދާޅުވި އެވެ.