ވޮޝިންޓަން (އޮކްޓޯބަރު 16) - ނޯތު ކޮރެއާ އިން ފުރަތަމަ ބޮން ވައްޓާލަންދެން އެ ގައުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.
ސީއެންއެންގައި ވާހަކަ ދައްކަވަމުން ޓިލަސަން ވިދާޅުވީ ނޯތު ކޮރެއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިއަށް ގެންދާ މަޝްވަރާތަކުގެ ސަބަބުން އެ ގައުމާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ވަރަށް ބޮޑު އެއްބާރުލުމެއް އުފެދިފައިވާ ކަމަށެވެ.
ޓިލަސަންގެ މި ވާހަކަތަކުން ރައީސް ޑޮނަލްޑް ޓްރަމްޕާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުކަން ދޭހަވެ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ނޯތު ކޮރެއާއާ މަޝްވަރާ ކުރަން އުޅުން ވާނީ ވަގުތު ބޭކާރު ކުރުމެއް ކަމަށެވެ. ނޯތު ކޮރެއާއާ މަޝްވަރާ ކުރަމުންދާކަން ޓިލަސަން ފުރަތަމަ ފަހަރަށް ހާމަކުރެއްވީ މިދިޔަ މަހު ޗައިނާގަ އެވެ.
އާދިއްތަ ދުވަހު ދެއްވި އިންޓަވިއުގައި ޓްރަމްޕަކީ މޮޔައެއް ކަމަށް ވިދާޅުވި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ކޮމެންޓް ކުރަން ޓިލަސަން ދެކޮޅު ހެއްދެވި އެވެ. ޖުލައި މަހު ޕެންޓަގަންގައި ބޭއްވި ބައްދަލުވުމެއްގައި ޓިލަސަން ވަނީ ޓްރަމްޕަކީ މޮޔައެއް ކަމަށް ވިދާޅުވެފަ އެވެ.
ޓިލަސަންގެ އެ ވިދާޅުވުމަށް ރައްދު ދެއްވާ ޓްރަމްޕް ވަނީ ދެ ބޭފުޅުންގެ ތެރޭން ވިސްނުން ރަނގަޅީ ކާކުތޯ ބަލަން އައިކިޔޫ ޓެސްޓެއް ހެދުމަށް އެދިވަޑައިގެންފަ އެވެ.