ދައުލަތުގައި ގިނަ އަހަރު ހޭދަކޮށް އަދި ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ މުހައްމަދު ހުސެއިން މަނިކު، ހިދުމަތުން މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމުގައި މިވަގުތު ހުންނެވި މަނިކުގެ ރިޓަޔާމަންޓާ ގުޅޭގޮތުން އެ އޮތޯރިޓީން ކުރި ޕޯސްޓުގައި ވަނީ ރާއްޖޭގެ އިގުތިސޯދީ އަދި ގައުމުގެ ތަރައްގީއަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފަ އެވެ.

އޭނާގެ މޭސްތިރިކަމުގައި ކެޕިޓަލް މާކެޓް ކުރިއަރައި އަދި ދެފުށް ފެންނަ އަދި ހަރުދަނާ މާލީ ދާއިރާއަކަށް އެ އޮތޯރިޓީގެ ދައުރު އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

ސީއެމްޑީއޭގެ ސީއީއޯއަކަށް މަނިކު އައްޔަންކުރެއްވީ ޖެނުއަރީ، 2021 ގަ އެވެ. 

ފިނޭންސް މިނިސްޓްރީއާ އެމްއެމްއޭގައި މަސައްކަތްކުރައްވާފައިވާ މަނިކު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން އަދި އޭގެފަހުން އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ފުރުއްވައިފަ އެވެ.

މީގެ 17 އަހަރު ކުރިން އުފެއްދި ޕެންޝަން އޮފީހުގެ އެންމެ ފުރަތަމަ ސީއީއޯއަކީ ވެސް މަނިކެވެ. އޭނާ ވަނީ ގިނަ އަހަރުތަކެއް ވަންދެން އެ މަގާމު ފުރުއްވައިފަ އެވެ.