ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ނުނިމޭ ހާލަތުގައި، ސަރުކާރަށް އިތުރަށް ފައިސާ ދައްކައިގެން މުއްދަތު އިތުރުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވާއިދެއް ހަދައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށެއްގެ ނުވަތަ ފަޅެއްގެ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ތަަރައްގީ ކުރަން ދީފައިވާ ގްރޭސްޕީރިއަޑްގައި މަސައްކަތް ނުނިމޭ ނަމަ ވަކި ޝަރުތުތަކަކާ އެކު މުއްދަތު އިތުރުކޮށްދިނުމުގެ އިހުތިޔާރު އެ މިނިސްޓްރީ އަށް އޮންނާނެ އެވެ. އޭގެ އެއް ޝަރުތަކީ އެ ގަަވާއިދުގައިވާ ކަންތައްތަކަށް ކުއްޔަށް ހިފި ކުންފުނިން އެއްބަސްވުމެވެ.
އެއްބަސްވާން ޖެހޭ ކަންތައްތައް އެ ގަވާއިދުގެ (2) ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައި ވެ އެވެ. އެއީ:
- އިތުރު ކޮށްދޭ މުއްދަތުގެ ތެރޭގައި އެ ތަނެއްގެ މަސައްކަތް ނިންމައި ހިންގަން ފެށުން، ފޭސްތަކަަކަށް ބަހާލައިގެން ތަރައްގީކުރާ ތަނެއް ނަމަ މަދުވެގެން އެއް ފޭހުގެ މަސައްކަތް ނިންމުން.
- ދައުލަތަށް 100،000 ޑޮލަރު ދެއްކުމާ އެކު ސީއެސްއާރް ފުރިހަމަކުރުން.
- ސީއެސްއާރްގެ ގޮތުގައި ހަރަދުކުރަން އެ ގަވައިދުަގައި ކަނޑައަޅާފައިވާ ރޭޓުން ޓޫރިޒަމް ޓްރަސްޓް ފަންޑަށް ފައިސާ ޖަމާކުރުން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްގީގެ މަޝްރޫއަކަށް ހަރަދުކުރުން.
އާ ގަވައިދުގައިވާ ގޮތުން، މި ޝަރުތުތަކާ އެކުަގައި ވެސް ގްރޭސްޕީރިއަޑަށް އިތުރު ކޮށްދޭނީ އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ތަންތަނަށް އެކަންޏެވެ. ކޮންސްޓްރަކްޝަން ނިންމަން ރަށަކަށް ނަމަ އިތުރު ކޮށްދޭނީ ގިނަ ވެގެން އެއް އަހަރު ދުަވަސް ކަމަށާއި ފަޅެއް ނަމަ ގިނަވަގެން ދެ އަހަރު އިތުރުކޮށްދޭނެ ކަމަށް ވެސް ގަވައިދުގައި ވެ އެވެ.
ގަވައިދުގެ ދަށުން އިތުރު ކޮށްދޭ މުއްދަތު ހަމަވާއިރު މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ނަމަ މިނިސްޓްރީން ބަލައި އެކަން ކަށަވަރު ކުރުމަށް ފަހު މުއްދަތު އިތުރު ކޮށްދިނުމުގެ އިހުތިޔާރު އޮންނާނެ އެވެ.
ޓޫރިޒަަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގައި ފަށާފައިވާ ޕްރޮޖެކްޓްތައް ނިންމަން އާ ގަވައިދުގެ ދަށުން މުއްދަތު އިތުރުކޮށްދޭއިރު، އެއް ފިޔަވައްސަށް ވުރެ ގިނަ ފިޔަވަހި ހިމެނޭ ޕްރޮޖެކްޓްތަކަށް މުއްދަތު އިތުރު ކޮށްދޭނީ ފިޔަވަހީގެ އަދަދަށް ބަލައި ފައިސާ ދައްކަން ޖެހޭ ވަރު އިތުރުވާ ގޮތަށެވެ.
ފިޔަވަހިތަކުގެ މުއްދަތު އިތުރު ކޮށްދޭނީ ފުރަތަމަ ފިޔަވަހީގެ މަސަައްކަތް ނިންމާފައިވާ ނަމަ އެވެ. ފުރަތަމަ ފިޔަވަހި ނިންމައި ދެން ހުރި ފިޔަވަހިތަކަށް މުއްދަތު އިތުރު ކުރާ އިރު ދެ ފިޔަވަހި ހިމެނޭ ޕްރޮޖެކްޓެއް ނަމަ 300،000 ޑޮލަރު އަދި ދެ ފިޔަވައްސަށް ވުރެ އިތުރު ނަމަ އިތުރުވާ ކޮންމެ ފިޔަވައްސަކަށް 400،000 ޑޮލަރު ދައްކަން ޖެހޭނެ އެވެ.