މެދުއިރުމަތީގައި އެމެރިކާ އިން ފެށި ހަނގުރާމައާ އެކު ރާއްޖޭގެ ޓޫރިޒަމަށް ހީނަރުކަން އައި ނަމަވެސް މި އަހަރުގެ މިހާތަނަށް 1.4 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ. ދުނިޔޭގެ އިގްތިސާދަށާއި ސަލާމަތަށް އެފަދަ މައްސަލައެއް ދިމާނުވާ ނަމަ ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވީހެވެ. ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ އަސަރު ދުނިޔޭގެ އިގްތިސާދަށް ކުރަނިކޮށް، މިދިޔަ އަހަރު ވެސް ރާއްޖެ އަށް ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވުމީ މީގެ ހެއްކެކެވެ.
"އެހާ ވަރަށް ޓޫރިސްޓުން އަންނައިރު މިތަނުން ޑޮލަރު ނުލިބެނީ ކީއްވެ؟ އެ މީހުން އަންނަނީ ފޮތުގައި ޖަހާފައި ތަ؟،" ރަސްމީ ރޭޓުގައި ޑޮލަރު ނުލިބިގެން ހިތްހަމަ ނުޖެހިފައި ހުރި މީހަކު ސޯޝަލް މީޑިއާ އަށް ދޫކޮށްލި ޕޯސްޓެއްގައި ސުވާލުކުރި އެވެ.
އޭނާ އެ އުފެއްދި ސުވާލު ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ވެސް އުފެއްދި އެވެ. ޑޮލަރުގެ ކަޅުބާޒާރަށް ގުޅާފައިވާ ހޮޅިތައް ހޯދުމުގެ މަސައްކަތް ފެށީ އެހެންވެ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުން ފެށިގެން މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް އެއްކުރި މައުލޫމާތާ ހަވާލާދީ ސަރުކާރުން ބުނެފައިވާ ގޮތުގައި 76.5 މިލިއަން ޑޮލަރު އެ މުއްދަތުގެ ތެރޭގައި ކަޅު ބާޒާރުގައި ދައުރުކުރި އެވެ.
ރާއްޖެ އަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް، ރަސްމީ ސާކިއުލޭޝަނަށް ނުގެން ގޮސް، ކަޅުބާޒާރުގައި އަގުބޮޑުކޮށް ވިއްކައި އެ ބާޒާރު ހިންގުމުގައި އިސްކޮށް ތިބީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތައް އަދި ހާއްސަކޮށް ރިސޯޓް ވިޔަފާރީގައި އުޅޭ މީހުން ކަމަށް ސަރުކާރުން ކުރި ތުހުމަތާ އެކު މައްސަލަ ވަނީ ހޫނުވެފަ އެވެ. އެކަމަކު ޓޫރިޒަމް ދާއިރާގެ މައި ޖަމިއްޔާ، މަޓީ އިން ވަނީ އެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.
ނަމަވެސް "މިހާރު" އަށް ލިބިފައިވާ ބައެއް މައުލޫމާތުން އެނގޭ ގޮތުގައި، ކަޅުބާޒާރަށް މިހާ ގިނަ ޑޮލަރު ނެރުމުގައި، ރިސޯޓް ހިންގާ ކުންފުނިތަކަކާއި ތެޔޮ އެތެރެކުރާ ބައެއް ކުންފުނިތަކާއި އިމާރާތްކުރުމުގެ މަސައްކަތްކުރާ ކުންފުނިތަކެއްގެ ބައިވެރިވުން ބޮޑެވެ.
އެކަމަކު މިއީ އަދި ކުރިއަށްދާ ތަހުގީގަކަށް ވާތީ، ވިޔަފާރިތަކުގެ ނަން ވާނީ އުނިކޮށްފަ އެވެ.
76 މިލިއަން ޑޮލަރުގެ ދެ ބައިކުޅަ އެއް ބައި ގަތީ އެންމެ ތަނަކުން
ކަޅުބާޒާރަށް ނެރުނު ޑޮލަރުގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައެއް ގަނެފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މަނީ ޗޭންޖް ލައިސަންސް ދީފައިވާ ކުންފުންޏަކަށެވެ. އެ ކުންފުނިން 38 މިލިއަން ޑޮލަރަށް ވުރެ ގިނައިން ގަނެފައި ވާއިރު އެ ތަނަށް ޑޮލަރު ސަޕްލައި ކޮށްދިން ވިޔަފާރިތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރިކުރާ ބައެއް ކުންފުނިތަކާއި ތެލުގެ ވިޔަފާރިކުރާ ބައެއް ކުންފުނިތަކުގެ އިތުރުން ބޭރު ފައިސާ ގަނެ ވިއްކާ ހަތަރު ކުންފުންޏެއް ވެސް ހިމެނެ އެވެ.
އެ ތަނަށް ޑޮލަރު ވިއްކި ކުންފުނިތަކުގެ ތެރެއިން އެންމެ ކުންފުންޏަކުން ވެސް 8 މިލިއަން ޑޮލަރަށް ވުރެ ގިނައިން ވިއްކާފައިވެ އެވެ. އެންމެ މަދުން ވިއްކި ކުންފުނިން ވެސް ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ވިއްކި ކަމަށް ތަހުގީގަށް އެނގިފައިވެ އެވެ.
ދެ ވަނަ އަށް އެންމެ ގިނަ ޑޮލަރު ގަތް މަނީ އެކްސްޗޭންޖުން ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ގަނެފައިވެ އެވެ.
މިތަނަށް ޑޮލަރު ވިއްކި ވިޔަފާރިތަކުގެ ތެރޭގައި ވެސް ރިސޯޓް ވިޔަފާރިތައް ގިނަ އެވެ. އަދި ވަކިވަކި ފަރުދުންގެ ނަމުގަ އާއި ސީދާ ނަގުދު ފައިސާއިން، ކާކުކަން ނޭނގި ވިއްކާފައިވާ ޑޮލަރު ވެސް އެހާ ގިނަ އެވެ.
މި ދެ އެކްސްޗޭންޖް މެދުވެރިކޮށް 56 މިލިއަނަށް ވުރެ ގިނަ ޑޮލަރު މާރުކޮށްފައި ވާއިރު މިއީ ތަހުގީގަށް މައުލޫމާތު އެއްކޮށްފައިވާ މުއްދަތުގައި މާރުކުރި ޑޮލަރުގެ 74 ޕަސެންޓެވެ.
މި ދެ ތަނަށް ޑޮލަރު ވިއްކި ކުންފުނިތަކުގެ ތެރެއިން އެންމެ މަދުން ވިއްކި ކުންފުނިން ވެސް 8 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އެއީ ބޭރު ފައިސާ ގަނެވިއްކާ ވިޔަފާރިއެއްގެ ނަމުގަ އެވެ. ދެން ހުރީ 2-6 މިލިއަން ޑޮލަރާ ދެމެދުގެ އަދަދުތަކުން ޑޮލަރު ވިއްކި ކުންފުނިތަކެވެ. އޭގެ ތެރޭގައި ރިސޯޓް ވިޔަފާރިތަކާއި ލޮޖިސްޓިކް ހިދުމަތާއި ކޮންސްޓްރަކްޝަނާއި އާންމު ވިޔަފާރި ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރުދުން ވެސް ހިމެނެ އެވެ.
ރިސޯޓް ވިޔަފާރިތަކުން 16 މިލިއަން ޑޮލަރު
ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މައުލޫމާތު އެއްކުރި މުއްދަތުގެ ތެރޭގައި ރިސޯޓް ވިޔަފާރިތަކުން އެކަނިވެސް 16 މިލިއަން ޑޮލަރު، މަނީ އެކްސްޗޭންޖުތައް މެދުވެރިކޮށް މާރުކޮށްފައިވެ އެވެ.
އެންމެ މަދުން މާރުކުރި ރިސޯޓް ކުންފުނިން ވެސް 3.5 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އެންމެ މަދުން ވިއްކި ރިސޯޓް ކުންފުނިން 19،000 އަށް ވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ރެކޯޑަށް ފެންނަން ހުރި މައުލޫމާތު އެނގެ އެވެ.
ޖުމްލް އަދަދަށް ބަލާއިރު 76.5 މިލިއަން ޑޮލަރުގެ 21 ޕަސެންޓަށް ވުރެ ބޮޑު ބައެއް ސީދާ ރިސޯޓް ވިޔަފާރިތަކުން ހިއްސާކުރެ އެވެ. އަދި މި ދާއިރާގެ އެހެން އެތައް ކުންފުންޏަކާ އެކު، ޑޮލަރު ވިއްކި ކުންފުނިތަކުގެ ތެރޭގައި ގިނައީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުންފުނިތަކެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކާއި ބޭރުގެ އިންޖިނިއަރިން ކުފުންނިތަކަށް ބޭނުންވާ ދިވެހި ފައިސާ ހޯދަން ވެސް ބޭންކްތަކަށް ޑޮލަރު މާރުކުރުމުގެ ބަދަލުގައި ޑޮލަރު ވިއްކަނީ ކަޅުބާޒާރަށްކަން މައުލޫމާތުން އެނގެ އެވެ. އޭގެ އެއް ކުންފުންޏަކުން 4.7 މިލިއަން ޑޮލަރު އަދި އަނެއް ކުންފުންޏަކުން 3.3 މިިލިއަން ޑޮލަރު، ތަހުގީގުގެ މުއްދަތުގެ ތެރޭގައި އެ ވިޔަފާރިތަކަށް ވިއްކި އެެވެ.
ހޯދުންތަކުން އެނގިފައިވާ ގޮތުގައި ވިޔަފާރި ކުންފުނިތަކުގެ އެކައުންޓުން ކަޅުބާޒާރުގެ އޮޕަރޭޓަރުންނަށް ސަޕްލައިކުރި ޑޮލަރުގެ އިތުރުން އަމިއްލަ މީސްމީހުންގެ އެކައުންޓުންނާއި ނަގުދު ފައިސާގެ ގޮތުގައި ވެސް 7.1 މިލިއަނަށް ވުރެ ގިނަ ޑޮލަރު ކަޅުބާޒާރަށް ނެރުނެވެ.
މި ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އުފައްދައި ހިންގަނީ ވަރަށް ރޭވުންތެރިކަމާ އެކު، އޮޕަރޭޓްކުރާ ބޮޑު ނެޓްވޯކަކުން ކަމަށް ބެލެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތަށް ބެލެވެނީ އެއް މަނީ އެކްސްޗޭންޖަކުން އަނެއް އެކްސްޗޭންޖަކަށް ޑޮލަރު ފޯރުކޮށްދީފައި ހުންނަ ގޮތުންނެވެ.
40 ޕަސެންޓް ޑޮލަރު ބޭންކަކަށް މާރުކޮށްގެން ކޮން ގެއްލުމެއް؟
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރަން ސަރުކާރުގެ ފަރާތުުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހަޅުއްވާފައިވާ ބިލަށް، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އޭ ކެޓަގަރީގެ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކަަކަށް މާރުކުރަން ޖެހޭނެ އެވެ.
މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި އެ ބިލްގައިވާ ގޮތުން ބޭރު ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކަކަށް މާރުކުރުން ފަށަން ޖެހޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ވިޔަފާރިތަކަށް އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ކަމަށެވެ.
މުނައްވަރު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެމްއެމްއޭ އަށް މިދިޔަ މަހުގެ ނިޔަލަށް މާރުކުރި ޑޮލަރުގެ ތެރެއިން 56 ޕަސެންޓު ބޭނުންކޮށްފައި ވަނީ ދައުލަތުގެ ދަރަނިތައް ދެއްކުމަށް ކަމަށެވެ.
ގާނޫނަށް މި ބަދަލު ގެންނަން ފާސްކުރީ ރިސޯޓުތަކުން ދޭ ހިދުމަތްތަކާއި އެހެން ކަންކަމަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭތީ، ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނެފައި ވަނިކޮށެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި، ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.
އެކަމަކު ޓޫރިޒަމް ވިޔަފާރިތަކުން މިހާރުވެސް އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަމުން ދާއިރު ގިނަ އަދަދެއްގެ ޑޮލަރު ކަޅުބާޒާރަށް ނެރެމުންދާކަން ސާފުކޮށް ފެންނަން އޮތުމުން، ޑޮލަރުން ކުރަންޖެހޭ ހޭދައަށް ޑޮލަރު މަދުވެގެން ދަތިވެދާނެ ކަމަށް ބުނާ ވާހަކައާ ފުށުއެރުން އެބަހުއްޓެވެ.
ބައެއް ރިސޯޓު އޮޕަރޭޓަރުން ގާނޫނާ ހިލާފު މުއާމަލާތްތައްކޮށް، ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު އުފުލުމަށް މަގުފަހިކުރާ ކަމަށް ތަހުގީގަކަށް ފަހު ތުހުމަތުކޮށްފައި ވިޔަސް، މަޓީން ބުނީ އެފަދަ ކަމެއްގެ މައުލޫމާތު އެ ޖަމިއްޔާ އަށް ލިބިފައި ނުވާ ކަމަށެވެ. އެ ހުރިހާ ރިސޯޓު އޮޕަރޭޓަރުން ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަބަދުވެސް އެ ޖަމިއްޔާ އިން އިލްތިމާސްކުރާ ކަމަށް މަޓީން ބުންޏެވެ.
ކަޅު ބާޒާރަށް ޑޮލަރު ސަޕްލައިކުރާ ކުންފުނިތައް ދެނެގަންނަން ކޮށްފައިވާ ތަހުގީގުން ސާފުކޮށް އެނގޭ ކަމަކީ ރިސޯޓްތަކަށާއި ތެލުގެ ވިޔަފާރިކުރާ ކުންފުނިތަކާއި ޝިޕިން ކުންފުނިތަކުގެ އިތުރުން ކޮންސްޓްރަކްޝަން ކުންފުނިތަކުން ވެސް މިލިއަނުން ޑޮލަރު ވިއްކާފައިވާ ކަމެވެ. ކަޅު ބާޒާރަށް ޑޮލަރު ނެރެނީ އެ ކުންފުނިތަކަށް ބޭނުންވާ ދިވެހި ފައިސާ، އިތުރު ބުރައަކާ ނުލައި ހޯދުމުގެ ބޭނުމުގަ އެވެ.
ބޭންކަށް ޑޮލަރު މާރުކުރަމުން އަދި ކަޅުބާޒާރަށް ވެސް ޑޮލަރު މާރުކުރަމުން ދާއިރު، ބޭރުފައިސާއާ ބެހޭ ގާނޫނަށް އެންމެ ފަހުން މި ގެނައި ބަދަލާ އެއްގޮތަށް ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކޮށްގެން އެ ކުންފުނިތަކަށް އޮތް ގެއްލުމަކާ މެދު ސުވާލު އުފެދެ އެވެ.