އުމުރުން ވަރަށް ޅަ ކުދިންނެވެ. އެކަމަކު ހުއްޓުމެއް ނެތި އެ ކުދިންގެ ބަރުދަން އިތުރުވަމުން ދިޔަ ގޮތުން ކަމެއް ގޯސް ކަމަށް ހުސެއިން ރާމިޒަށް ގަބޫލުކުރެވުނެވެ. މާދަމާ ގައުމާ ހަވާލުވާން ތިބި މި ކުދިންގެ ސިއްހަތަށް، ނޭނގި ނަމަވެސް ދެވެމުން ދިޔަ އެ އަނިޔާތައް ބަލަން އޭނާއަށް އުނދަގޫވި އެވެ.
ބައެއް ކުދިންގެ ބަރުދަން ހުންނަންޖެހޭ ވަރަށް ވުރެ އެތައް ގުނައެއް އިތުރެވެ. ދެން ތިބި ކުދިން އާދަޔާ ހިލާފަށް ފަލަވަނީ އެވެ.
އުފަން ރަށް އއ. ހިމަންދޫ ދުޅަހެޔޮ ޖީލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ އެހާ ހިސާބުންނެވެ.
އެ ރަށު ހެލްތު ސެންޓަރުގައި ކޮމިއުނިޓީ ހެލްތު އޮފިސަރަކަށް މަސައްކަތްކުރާ ރާމިޒު ބުނީ ފުރަތަމަ ދިރާސާ ހެދީ ގައުމީ ޔުނިވާސިޓީގައި 2013 ވަނަ އަހަރު ހެދި ކޯހުގެ ރިސާޗު ޕްރޮޖެކްޓަކަށް ކަމަށެވެ. އެ އިން އޭނާއަށް އިތުރަށް އެނގުނީ ކުދިންގެ ކެއުމުގައި ލޮނާއި ތެޔޮ ބޭނުންކުރާ މިންވަރު އިތުރުކަމެވެ.
އެ ކޯސް ނިންމުމަށް ފަހު ވެސް ރަށުގެ އާއްމުން ހޭލުންތެރިކުރުވަން އޭނާ މަސައްކަތްތައް ކުރި އެވެ. ނަމަވެސް، އިތުރަށް ކުރިއަށް ދެވޭނެ މަގެއް އޭރު ނުފެނުނެވެ.
އެހެންވެ، 2016 ވަނަ އަހަރު ޕަބްލިކް ހެލްތު ރޮނގުން މާސްޓާސް ހެދިއިރު ރާމިޒުގެ ތީސިސް ލިޔުނީ، ގޭގޭގައި ލޮނު ބޭނުންކުރާ މިންވަރު ބަލައި އޭގެ މައްޗަށެވެ. އޭގެ އިތުރުން މޭވާ އާއި ތަރުކާރީ ކާ މިންވަރު ވެސް އެ ދިރާސާގައި ބެލި އެވެ.
ގިނަ ފަހަރު، އެއްޗެއް ކައްކާއިރަށް އެ އެއް މިއެއް ނުބަލައި އަޅަނީ ލޮނެވެ. މޭވާއެއް ތަރުކާރީއެއް ނުކަ އެވެ. ކަސްރަތު ކުރަނީ ވެސް ހާލަކުން ފަހަރަކު އެވެ.
ރާމިޒު ބުނި ގޮތުގައި އޭނާގެ ދެ ވަނަ ދިރާސާ ހެދީ ރަށުގެ 107 ގޭބިސީގެ ތެރެއިން 18 އަހަރުން މަތީގެ މީހުން ޖުމްލަކޮށް ލޮނު ބޭނުންކުރާ މިންވަރުގެ މައްޗަށެވެ. ތިން މަސް ދުވަހުން މައުލޫމާތު އެއްކުރީ، އެ ފަދަ ދިރާސާތައް ހަދާގޮތަށް ރެންޑަމްކޮށް ގޭގެ ހޮވައިގެންނެވެ.
ރާއްޖޭގައި ސިއްހީ ދިރާސާތައް ކުރާ މިންވަރު މަދުވުމުން މި ކަހަލަ ކަންތައް ގިނަ ފަހަރަށް އޮންނަނީ ނޭނގިފަ އެވެ. ޕަބްލިކް ހެލްތު ވޯކަރަކަށް ވެސް މަސައްކަތްކުރަމުން ރާމިޒު މީގެ ނުވަ ވަރަކަށް އަހަރު ކުރިން މި ދިރާސާ ހެދިއިރު، ރަސްމީ އިދާރާއަކުން ފަހުގެ މައުލޫމާތެއް އާއްމުކޮށްފައެއް ނުވެ އެވެ.
އޭރު އެންމެ ފަހުގެ ދިރާސާއަކަށް އެނގެން އޮތީ އެޗްޕީއޭއިން 2009 ވަނަ އަހަރު ނެރުނު ސްޓެޕް ސާވޭގެ ނަތީޖާ އެވެ. އޭގެ 13 އަހަރު ފަހުން، 2022 ވަނަ އަހަރު ވަނީ އޭގެ ދެ ވަނަ ރިޕޯޓު ނެރެފަ އެވެ.
އެންމެ ފަހުގެ ސްޓެޕް ސާވޭއިން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ނުރަނގަޅު އާދަތައް އެނގުނެވެ. އޭގެ ތެރޭގައި، ގިނައިން ލޮނާއި ހަކުރު ބޭނުންކުރުމާއި މޭވާ ކާ މިންވަރު ފެނުނެވެ.
އެމްއެންޔޫއިން ހެދި އެ ދިރާސާއިން އެނގުނީ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ލޮނު އަޅައިގެން ކެއްކުމަށް ފަހު، ކާ އިރު އިތުރަށް ލޮނު ބޭނުންކުރާ މީހުން ކަމެވެ. ކުޑަކަމުދާ ތަކެތީގައި ޑަބްލިއުއެޗްއޯގެ މިންގަނޑަށް ވުރެ ހަތަރު ގުނަ އިތުރަށް ލޮނު ހުއްޓެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރިކޮމެންޑޭޝަނުން ދައްކަނީ ބޮޑެތި މީހުން ލޮނު ބޭނުންކުރަން އެންމެ ރަނގަޅީ ދުވާލަކަށް ފަސް ގްރާމް ނުވަތަ ސައި ސަމުސަލެއްގެ ލޮނެވެ. އެއީ ލޮނު ހިމެނޭ ހުރިހާ ބާވަތެއް ހިމަނައިގެންނެވެ.
އެކަމަކު، ހިމަންދޫގައި ހެދި ދިރާސާއިން، އެ ރަށުގައި ދުވާލަކު 15 ގްރާމަށް ވުރެ ގިނައިން އިތުރަށް ލޮނު ބޭނުންކުރާކަން އެނގުނު ކަމަށް ރާމިޒު ބުންޏެވެ. އެކަކުގެ އެއް ދުވަހުގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން ވެސް ލޮނު ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުކަމަށް ދެއްކި އެވެ.
"ގޭބިސީގައި އެކަކު ވެސް ނޯމަލް ރޭންޖުގައި [ލޮނެއް] ބޭނުމެއް ނުކުރޭ،" އޭނާ ބުންޏެވެ.
މޭވާ އާއި ތަރުކާރީ ކާންޖެހޭ ގޮތަށް ބޭނުންކުރަނީ 23 ޕަސެންޓު މީހުންނެވެ.
ގައިންގަޔަށް ނާރާ ބަލިތަކުގައި ގައުމު ހަލާކުވަމުންދާއިރު، މީހުންގެ ސިއްހަތަށް ހެޔޮ ބަދަލުތައް ގެނެވޭނެ ކަންތައް ކުރަން ރާމިޒަށް މަޖުބޫރުވި އެވެ. އެހެންވެ، ރަށުގައި ހިންގާ ކަސްރަތު ޕްރޮގްރާމްތަކުގައި ސިއްހީ މަރުކަޒުން ބައިވެރިވެ، ކެއުން ގެންގުޅެންޖެހޭ ވައްޓަފާޅި ވެސް ކިޔައިދޭން ފެށި އެވެ.
ހިމަންދޫގެ ތިން އިދާރާއަކުން ކޮންމެ އަހަރަކު ވެސް ތިން ކަސްރަތު ޕްރޮގްރާމް ހިންގަ އެވެ. އެއް މަސް ދުވަހަށް ހިންގާ އެ ޕްރޮގްރާމްގައި ރަށުގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވެ އެވެ. ނަމަވެސް، އޭގައި ވެސް ގިނައިން ބައިވެރިވަނީ އަންހެނުންނެވެ.
"މި ޕްރޮގްރާމްތަކުން ވެސް ފާހަގަވީ ބަރުދަން ހުންނަންޖެހޭ ވަރަށް ވުރެ ބަރު މީހުން ގިނައީ ހަމައެކަނި ސްކޫލުގައި ނޫންކަން. އެއީ އާއްމުންގެ ތެރޭގައި ވެސް އޮތް ބޮޑު މައްސަލައެއްކަން،" ސިއްހީ މަރުކަޒުގެ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރާ ރާމިޒު ބުންޏެވެ.
އެ ކަންބޮޑުވުންތަކާ ހެދި މުއައްސަސާތަކާ ގުޅިގެން، 35 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ސްކްރީނިން ޕްރޮގްރާމް ހެދި އެވެ. ޕްރެޝަރު މަތިވުމާއި ކޮލެސްޓްރޯލް މައްޗަށް ދިއުމާއި ކެއުމުގެ ވައްޓަފާޅި ވެސް ވަރަށް ގޯސްކަން އެކަމުން އެނގުނެވެ.
ރާމިޒު ބުނީ ދެން އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ ޕްރެޝަރު މަތިވާ ޒުވާނުން ގިނަވުމެވެ. އާއިލީ ޒިންމާތަކާއި ބުންވަރު ހުރި ޒުވާނުން ބޭހަށް ބަރޯސާވެގެން އުޅޭ ތަން ފެނުމުން އޭނާއަށް ލިބުނީ މާޔޫސްކަމެވެ.
ހާއްސަކޮށް 20ގެ އަހަރުތަކުގައި ތިބި ޒުވާނުން ކޮލެސްޓްރޯލާއި ޕްރެޝަރު މައްޗަށް ދާތީ ބޭސް ކެއުމުގައި އުޅޭއިރު އަނެއްކޮޅުން ގެއަށް ވަދެފައި ކަނީ ރިހާކުރާއި ގިނައިން ލޮނު ހިމެނޭ ކެއުންތަކެވެ.
"މިއިން ދެއްކީ ހަމަ ވަރަށް ބިރުވެރި މަންޒަރެއް. މި ރަށުގެ ޕްރެޝަރު މައްޗަށްދާ ޒުވާން ކުދިންގެ ތެރޭގައި ހަކުރު ވެސް މަތި. އެކަމަކު ޕްރެޝަރު މައްޗަށް ދާ ކުދިން މި އޮންނަނީ ލޮނު އެއްޗެހި ކެއުންބުއިމުގައި ބޭނުންކުރުން ގިނަވެގެން ކަންނޭނގެ. އެއްވެސް ގެއެއް ނެތް ރިކުއަމެންޓަށް ފިޓްވާ ގޮތަށް ކައި އުޅޭ،" ރާމިޒު ބުންޏެވެ.
ހާލަތު ބަދަލުކުރަން ސީދާ ގޭގެއަށް
ރާމިޒު ބުނީ ހާލަތު އެނގުނަސް އެކަން ރަނގަޅުކުރެވޭނެ މަގުތަކެއް ރަށުގައި މާ ބޮޑަށް ފަހިވެފައި ނެތް ކަމަށެވެ. އެހެން ހުއްޓައި އޭނާއަށް ލިބުނީ އެޗްޕީއޭއިން ބޭއްވި ބިހޭވިއޭ ޗޭންޖު ކޮމިއުނިކޭޝަން ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުސަތެވެ. އެއިން ދަސްވި ފިލާވަޅުތަކާ އެކު، ސީދާ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތަށް އަމާޒުކޮށް ރަށުގައި ކެމްޕެއިނެއް ފެށި އެވެ.
ރާމިޒު އޭރު އެންމެ ކަންބޮޑުވީ ބަލި ޖެހޭ ޒުވާނުން ގިނަވުމުން ކަމަށް ވާތީ އޭނާގެ ޓާގެޓް އަމާޒުކުރީ އެ އުމުރަށެވެ.
ޒުވާނުންނަށް ހާއްސަކޮށްގެން "ހެލްތު ސެޝަން ވިތު ކޮފީ" ނަމުގައި ކެފޭތަކުގައި ބައްދަލުވުންތައް ބޭއްވި އެވެ. އެއަށް ފަހު، ބަލިތަކުގެ ނުރައްކާތައް އާއްމުންނަށް ވިސްނައިދިނުމަށް އޭގެ ގްރާފު ހަދައިގެން ރަށުގެ ކޮމިއުނިޓީ ވައިބާ ގްރޫޕުތަކަށް ފޮނުވައިގެން ވެސް ގިނަ ބަޔަކަށް މައުލޫމާތު ދިނެވެ.
ރާމިޒު ބުނީ ކޮންމެ ބުދަ ދުވަހަކު ރަށުގެ ގެތަކަށް ޒިޔާރަތްކޮށް ހިމަންދޫގައި ސްޓްރޯކާއި ބޮޑެތި ބަލިތައް އިތުރުވަމުންދާ ކަން މީހުންނަށް ވިސްނައިދިން ކަމަށެވެ. އަދި އެ މަސް ނިމޭއިރު، ކޮންމެ ގެއަކަށް ވެސް އެއް ފަހަރު ދެވި، އެ މީހުންގެ ހާލަތު ކައިރިން ބެލުނެވެ.
ލޮނު ބޭނުންކުރާ މިންވަރު އިތުރުވެ، ލޭ މައްޗަށް ދާ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެހެންވީމަ މި ހާލަތަށް ބަދަލެއް ނުގެނެވިއްޖެ ނަމަ ސްޓްރޯކާއި ހާޓް އެޓޭކް ޖެހޭ މީހުން ނިސްބަތުން ގިނަވެގެންދާނެ ކަމަށް ވެސް ވިސްނައިދިނެވެ.
"ސޯޝަލް މީޑިއާގައި ވެސް ނުތިބޭ މީހުންނަށް، މައިންބަފައިންގެ މައްޗަށް ބާރުފޯރުވޭ މީހުން މި ތިބެނީ ގޭގައި. އެ މީހުންނާ ހަމައަށް ވެސް ވާސިލްވާން ވެގެން ގޭގެއަށް މި ދިޔައީ. ގޮސްފައި މި ކިޔައިދެނީ ގިނައިން ލޮނު ބޭނުންކުރީމަ ވާނެ ގޮތްތައް،" ރާމިޒު ބުންޏެވެ.
ކެއުން ބުއިމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރަން ކުރެވޭނެ ކަންކަމާއި އެކަމުން ދުރުވާނެ ގޮތާއި ރައްކާތެރި ގޮތް ވެސް ކިޔައިދިނެވެ. އަދި ލޮނު ގިނަވެއްޖެ ނަމަ ވާނެ ކަންކަމާއި ބޮޑެތި ބަލިތަކުން ދުރުވާން ކުރެވިދާނެ ކަންތައްތަކާއި، ކެއުން ބައްޓަން ކުރަންވީ ގޮތް ވެސް ޑައިޓީޝަން ގެންގޮސް ކިޔައިދޭ ކަމަށް ރާމިޒު ބުންޏެވެ.
މަސައްކަތުން ބަދަލުތަކެއް ފެނިއްޖެ
ޕަބްލިކް ހެލްތު ވޯކަރަކަށް އުޅޭތާ އަންނަ އޮކްޓޯބަރުގައި 17 އަހަރު ފުރޭ ރާމިޒު ބުނީ އާއްމުން ހޭލުންތެރިކުރުވަން ފުޅާ ދާއިރާއެއްގައި މަސައްކަތް ފެށިއިރު ސްޓްރޯކާއި ހާޓްއެޓޭކް ޖެހޭ މީހުން އެ ރަށުގައި ވަރަށް ގިނަ ކަމަށެވެ.
ނަމަވެސް، އަހަރުތަކެއް ކުރިން ފެށި މަސައްކަތުން އާއްމުންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނެވިފައިވާކަން އޭނާ ގަބޫލުކުރެ އެވެ. އެކަމަށް ހެކި ދެނީ އަލަށް ލޭމައްޗަށް ދިއުމާއި ހަކުރު ބަލި ޖެހޭ ޒުވާނުންގެ ނިސްބަތް ވަރަށް ބޮޑަށް މަދުވުމުންނެވެ.
"އަދި ވެސް އޭރަށް ވުރެ މަދުވިއަސް ނިސްބަތް މަތިކޮށް ފެންނަނީ. މިސާލަކަށް، ހަކުރު ބަލި، ކޮލެސްޓްރޯލް މައްޗަށް ދިއުން، ޕްރެޝަރު މައްޗަށް ދިއުން،" ރާމިޒު ބުންޏެވެ.
"އެންމެ އެދެވޭ ބަދަލެއް ނާދޭ. އަޅުގަނޑުމެންނަށް އަދިވެސް ކުރަންވާ ވަރަށް މަސައްކަތްތަކެއް ނުކުރެވޭ. އެއީ އެކްސްޕާޓުން ގެނެސްފައި އަބަދު އަޅުގަނޑުމެން އެއްބަޔަކު މި ވާހަކަތައް ދައްކާތީ ބައެއް މީހުން ފޫހިވާނެ. އެހެން ނަމަވެސް، އެކްސްޕާޓުން ގެނެސްގެން ގިނައިން ޖެއްސުން ލެކުވާ ކަމަށް ގަބޫލުކުރެވެނީ."
އޭނާ ބުނީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމާ ގުޅޭ ރިސްކު ފެކްޓާގެ މީހުން ނުވަތަ ހަކުރު ބަލީގެ ނުރައްކާ އޮތް މީހުން ކަސްރަތުކުރުމާއި ލޮނު ބޭނުންކުރާ ވަރު މަދުވުމާއި ދަރިވަރުން ސްކޫލު އިންޓަވަލްއަށް ގެންދާއިރު ލޮނުގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި ކާ އެއްޗެހި ގެންދާކަން މިހާރު ފާހަގަވާ ކަމަށެވެ. އަދި ކާ އެއްޗެއް ގަންނައިރު ވެސް، އޭގައި ލޮނު ހިމެނޭ މިންވަރު ބަލަން އާދައަކަށް ހެދުމަކީ، ރާމިޒު ކުރި ބުރަ މަސައްކަތުގެ އެއް ނަތީޖާ އެވެ.
"އެންމެ އެދެވޭ ވަރަކަށް ބަދަލެއް ނުގެނެވޭ، އެހެން ނަމަވެސް ފުދޭ ވަރަކަށް ބޮޑު ބަދަލެއް އައިސްފި އާއްމުންނަށް. މިހާރު ފިހާރައަކަށް ވަދެފައި އެއްޗެއް ގަންނައިރު ލޮނު ގަދަ ކަމަށް ވަންޏާ އެ އެއްޗެއް ބަހައްޓާ."
ރާމިޒު ބުނި ގޮތުގައި އޭނާގެ އަމާޒަކީ ޒުވާނުންގެ ފަސް ޕަސެންޓު މީހުންގެ ވައްޓަފާޅި ބަދަލުކުރުމެވެ. ނަތީޖާ ގެނެވޭނެ ވަރަށް މަސައްކަތް ކުރެވޭނީ އެ ވަރުގެ މަދު އަދަދެއް ނަގައިގެން ކަމަށް އޭނާ ބުންޏެވެ.
"ޕަސެންޓޭޖުން ބަލާ ކަމަށް ވަންޏާ އަޅުގަނޑަށް ކުރިއެރުންތަކެއް އައިސްފި. ކުރީގެ އެ ރޭންޖުތަކަށް ބަލާއިރު މިހާރު ހަމަ ވަރަށް ބޮޑު ބަދަލެއް ގެނެވިއްޖެ ކަމަށް ފާހަގަކުރެވޭ،" ރާމިޒު ބުންޏެވެ.
ޕަބްލިކް ހެލްތު ވޯކަރުން ތެދުވާންޖެހޭ
ރާއްޖޭގައި އޮތީ ވަރަށް ތަފާތު ސަގާފަތެކެވެ. ބަލިން ރައްކާތެރިވުމަށް ވުރެ ބޮޑަށް ސަރުކާރަށް ވެސް އިސްކަންދެވެނީ ބަލި ވުމުން ބޭސްފަރުވާ ކޮށްދޭށެވެ. އޭގެ ބުރަ މި ފެންނަނީ އާސަންދައިންނެވެ.
ރާއްޖޭގައި 80 ޕަސެންޓު މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށް ވާއިރު، އެ ބަލިތަކުން ސަލާމަތްކޮށްދޭން ވެސް އަހަރަކު ބިލިއަނުން ހަރަދުކުރެ އެވެ.
ރާމިޒު ވެސް ބުނީ މީހުން މަދު ދާއިރާއަކަށް ވިއަސް ޕަބްލިކް ހެލްތު ވޯކަރުންނަށް ރަށްރަށުގައި ގިނަ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.
ކޯހުގައި ކިޔެވި އެއްޗެހި ބޭނުންކޮށްގެން ރަށުގައި ދިރާސާކޮށް މަސައްކަތްތައް ކުރެވިއްޖެ ނަމަ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ޕަސެންޓޭޖް ކުޑަކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
ހެލްތު މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުން ދައްކާގޮތުން، ރާއްޖޭގައި މި ވަގުތު މަސައްކަތް ކުރަނީ 358 ހެލްތު ކެއާ ވޯކަރުންނެވެ. ނަަމަވެސް، ސިއްހީ ހިދުމަތްދޭ ތަނުގެ ލެވެލަށް ބަލައި، ސަރުކާރުގެ ތަންތަނަށް މި ވަގުތު ޖުމްލަ 911 ހެލްތު ކެއާ ވޯކަރުން ބޭނުންވާ ކަމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދި މައުލޫމާތުތަކުން ދައްކަ އެވެ.
އެ އަދަދަށް ބަލާއިރު، އިތުރަށް 553 މީހުން ބޭނުންވެ އެވެ.
މިނިސްޓްރީން ވެސް ބުނީ ހެލްތު ވޯކަރުން މަދު ކަމަށެވެ. އެހެންވެ، އިތުރު މުވައްޒަފުން ހޯދަން ތަމްރީނު ދިނުމާއި ކިޔަވައިގެން އަންނަ މީހުންނަށް މަގާމު ހޯދަން ރިކުއަމަންޓު ހަދައި މަގާމުތައް އިތުރުކުރުން އަދި ޓްރެއިނިން ރިކުއަމަންޓުގައި ހިމެނޭ ޕަބްލިކް ހެލްތު ދާއިރާގެ ޕޭ ލީވް އަދި ނޯ ޕޭލީވްގައި ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ކަމަށެވެ.
ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރަން މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ބަޔަކީ ޕްރައިމަރީ ނޫނީ ޕަބްލިކް ހެލްތު ކެއާ ވޯކަރުންނެވެ. ޝިގެއްލާ، ކޮލެރާ އަދި ހިމަބިހި ފަދަ ބަލިތަކުން ދުނިޔޭގައި ރާއްޖެއިން ހޯދި ކުރިއެރުންތަކުގެ ފަހަތުގައި ތިބީ އެ ވޯކަރުންނެވެ.
އެހެންވެ، ދެއަތް އުރާލައިގެން ނުތިބެ، ރާމިޒު ގޮތަށް މަސައްކަތްކުރާނެ އެތައް ބަޔަކު އެބަ ބޭނުންވެ އެވެ. އޭރަށް ހަމަ ގައިމު ވެސް ނަތީޖާ ފެންނާނެކަން ހިމަންދޫއިން ވަނީ ދައްކައިދީފަ އެވެ.