މީގެ 25 އަހަރު ކުރިން ރިސޯޓެއް ހަދަން ދޫކުރި ޅ. ހުދުފުށި އަދިވެސް އޮތީ ރެކޯޑްތައް ދައްކާ ގޮތުން "އަންޑަ ކޮންސްޓްރަކްޝަން" ގަ އެވެ. ނަމަވެސް އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް ހަގީގަތުަގައި ނުހިނގަ އެވެ.
އެކަމަކު، ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރަން އެތައް އަހަރެއް ކުރިން ކުރަން ފަށާފައިވާ މަސައްކަތްތައް މިހާރު ވެފައި ވަނީ ތިމާވެށީގެ ބޮޑު ކާރިސާއަކަށެވެ. ރަށުގެ ކޮންކްރީޓް މަސައްކަތްތައް ކުރަން ގެނައި ބޮޑު ހިލަފުންޏެއް ގޮނޑުދޮށުގައި ހުއްޓާ، ރަށް ގިރުމުގެ ސަބަބުން މިހާރު ފައިބަމުން ދަނީ މޫދަށެވެ. ވަކިވަރަކަށް ބިނާކުރުމަށް ފަހު، ދޫކޮށްލާފައިވާ ރޫމުތައް މިހާރު ވެފައި ވަނީ މީދާ ހާލިތަކަކަށެވެ. ފެންހަރުލާ ގޮތަށް އެ ތަންމިތަނަށް ދޫކޮށްލާފައިވާ ތަކެތީގެ ސަބަބުން މުޅި ރަށުގައި ބޯކޮށް އޮތީ މަދިރި އެވެ.
މި ހުރިހާ ކަމެއްގެ އެންމެ ބޮޑު ގެއްލުން ލިބެމުން ދަނީ ހުދުފުށްޓާ އިންވެގެން އޮތް "ނަލަ މޯލްޑިވްސް" އަށެވެ.
ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް އިން މި ފަޅުގައި ތަރައްގީ ކުރި ތިން ރިސޯޓާއި ސަޕޯޓް އައިލެންޑެއް ހިމެނޭ "ޖާވާކަރަ ސީރީސް" ގެ އެންމެ ފަހު ރިސޯޓް ކަމަށްވާ ނަލަ މޯލްޑިވްސްއާ ހުދުފުށްޓާ ދެމެދު ހުރީ އެއް ރަށުގައި ހުންނަ މީހާ އަށް އަނެއް ރަށް ރީތިކޮށް ފެންނަ ވަރުގެ ދުރުމިނެކެވެ.
ކްރައުންޑް ޗަމްޕާ ރިސޯޓްސްގެ އިސް އޮފިޝަލަކު މިހާރު އަށް ވިދާޅުވި ގޮތުގައި ނަލަ މޯލްޑިވްސް އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހުދުފުށީގެ ކުނިފުނިތައް ނަލަ އަށް އަންނަ ޓޫރިސްޓުންނަށް ނުފެންނާނެ ގޮތެއް ހެދުމެވެ.
"އެހެރީ އެއް ނު ދަގަނޑުތަކާ އެއްޗިހި އެ އޮންނަނީ އެއްކޮށް ގޮަސްފައި، ހަމަ މޫދަށް ވެސް ދާނެ އެއްނު،" ނަލަ މޯލްޑިވްސްގެ ގޮނޑުދޮށުގައި ހުދުފުށްޓާ ވީ ފަޅީގައި ހުންނަވައި ހުދުފުށި ދައްކަވައިލައްވަމުން އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖާވާކަރަ ފަޅުތެރޭގައި ހުދުފުށްޓާއި ނަލަ އޮތް ސަރަހައްދުގެ ފަޅުތެރެއިން ފެންނަން ހުރި ކަޅުކުލަ އަކީ ހުދުފުށީގައި ހުރި ހިލަ އާއި ހިލަވެއްޔާއި ސިމެންތި ފުންޏެއް ގިރާލައިގެން ފަޅުތެެރެއަށް އެޅުމުގެ ސަބަބުން އަރާފައިވާ ކުލައެކެވެ.
"މިހާރު އެ ދަނީ ލަކުޑި އާއި ދަގަނޑު ތައް ވެސް މޫދަށް. އަޅުގަނޑުމެން ވަރަށް ފަހުން ރިސާޗެއް ވެސް ހަދައިފިން ނިއުޒީލޭންޑްގެ ބަޔަކު ގެނެސްގެން،" އޭނާ ވިދާޅުވި އެވެ.
އެ ރިސާޗުން އެނގިފައިވާ ގޮތުގައި ހުދުފުށިން ޖާވާކަރަ ފަޅަށް އެޅިފައިވާ ހިލައާއި ސިމެންތީގެ ސަބަބުން ލިބިފައި ވަނީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެކެވެ.
"ޖާވާކަރަ" ކިޔަނީ ޅ. އަތޮޅުގެ އިރުމަތީ ބިއް އެކީ އެއްފަޅަކަށް އޮންނަ ސަރަހައްދަށެެވެ. މި ފަޅަކީ ގުދުރަތީ ރީތިކަމުގެ ގޮތުން ބަލާ ނަމަ އާދަޔާ ހިލާފު ރީތި ސިފަތަކެއް ލިބިފައިވާ ރަށްތަކެއް ހުރި ފަޅެކެވެ.
ހުދުފުށްޓާއި އެ ރަށުގެ އުތުރަށް އޮތް ދިއްފުށިމާދުއަކީ އެގޮތުން އެންމެ ރީތި ދެ ރަށެވެ. ހުދުފުށީގެ އެންމެ ހާއްސަ ސިފަ އަކީ "ވީ ޝޭޕަށް" އެ ރަށުގެ ތެރެއަށް ފަޅު ވަދެފައި އޮތުމެވެ. އެގޮތަށް ވަދެފައިވާ ސަރަަހައްދަކީ ފަޅު މިޔަރާއި މަޑި ގިނަ އަދަދަކަށް އާލާވާ "ސޭންކްޗަރީ"އެކެވެ.
ޖެހިގެން އޮތް ދިއްފުށިމާދުއަކީ ތިން ހަތަރުރަށް އެކުވެގެން އުފެދި، މެދުަގައި ވަރަށް ބޮޑު ކުޅިއެއް އޮންނަ ރަށެކެވެ. ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ "މެންގްރޫވް" އެއް އެ ރަށުގައި ހެދިފައި ވެ އެވެ. އެއީ ދިވެހިން ކިޔާ ނަމަ "ކަހަރުވަށް" ގަހެވެ.
ހުދުފުށި އެގޮތަށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން ނަލަ އަށް ލިބޭ އަނެއް ބޮޑު ގެއްލުމަކީ ހުދުފުށިން މީދަލާއި މަދިރި ނަލަ އަށް އައުމެވެ.
"މިހާ ކައިރިވީމާ މީދާތައް ފަތާފައި ނަލައަށް އާދޭ، މަދިރި ވެސް ވަޔާ އެކީ އަންނަނީ މިރިސޯޓަށް،" ކްރައުން އެންޑް ޗަމްޕާގެ އޮފިޝަލް ވިދާޅުވި އެވެ.
ހުދުފުށި އެގޮތަށް އޮއްވާ ފެނުމުން, ރެއަކާ ދުވާލަށް ގްރީން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ދައްކާ ޓުއަރިސްޓުން ޔަގީނުން ވެސް ކަންބޮޑުވާނެ އެވެ. މިއީ ރާއްޖޭގެ ތަސައްވުރު ވެސް ކިލަނބުވާނެ ކަމެކެވެ.
ހުދުފުށީގެ ކުންޏާއި މީދަލާއި މަދިރިން ސަލާމަތް ވެވޭނެ ގޮތެއް މިވަގުތަށް ފެންނަން ނެތުމުން ނަލަ މޯލްޑިވްސްގެ މެނޭޖްމަންޓްގެ ވިސްނުމަކަށް ވެފައި އޮތީ ނަލައިގައި އޭގެ އުނދަގޫ ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން އެ އުދަނގޫތަކާ އެކުގައި ހިންގުމުގެ ވިސްނުމެވެ.
"އެހެރީ އެއް ނު ދަގަނޑުތަކާ އެއްޗިހި އެ އޮންނަނީ އެއްކޮށް ގޮަސްފައި، ހަމަ މޫދަށް ވެސް ދާނެ އެއްނު،"
ނަމަވެސް ހުދުފުށި އެހާލުގައި އޮއްވާ ޓޫރިސްޓުންނަށް ފެންނަ ނަމަ އެ މީހުން އެ ރަށާ ބެހޭ ގޮުތުން ގިނަ ސުވާލުތައް ކުރާނެ އެވެ. އެހެންވެ، އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭތޯ ނަލައިގައި ހުދުށްޓާ ވީ ފަޅީފައި ބޮޑު ވެލިފުންޏެއް ޖަހާފައި އެބަ ހުއްޓެވެ. އުސްކޮށް ވެލީގެ ފާރެއްހެން ޖަހާފައިވާ އެ ވެލިފުނިން ހުދުފުށީގެ ކުނިފުނިތައް ކޮންމެވެސް ވަރަކަށް ނިވާވި ނަމަވެސް އެ ކުނިފުނިތައް މުޅިން ގެއްލުވައިލުމަކީ ވެވޭނެ ކަމެއް ނޫނެވެ.
މޫދަށް ވަކި ހިސާބަކަށް އެރޭ އިރަށް އެތަންތަން ފެންނާނެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ލިބޭ ކުޑަ ގައުމެއްގެ ހައިސިއްޔަތުުން ބައިނަލްއަގުވާމީ އެކި ފޯރަމްތަކުގައި ރާއްޖޭން އަޑުއުފުލާ އިރު ރާއްޖޭގެ ނާޒުކު ތިމާވެށްޓަށް މިފަދަ ގޮތްގޮތުން ލިބޭ ގެއްލުންތައް ނުހުއްޓުވި ދިގުލައިގެން ދިއުމަކީ ބޮޑު ހުތުރެކެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވައިފި ނަމަ ރާއްޖޭގެ އިގުތިސާދަށް މަހަކު އެތައް މިލިޔަން ޑޮލަރެއް ލިބެން އޮތް ހުދުފުށި ވަކި ކުންފުންޏެއްގެ އަތުގައި ބަންދުވެފައި އޮންނަތާ މިހާރު މިވީ 25 އަހަރެވެ.
ހުދުފުށީގެ ތާރީހު
ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މ. ސްނޯރޯޒް މަރްހޫމް އަބްދުއްރައޫފަށް 2000 ވަނަ އަހަރު ކުއްޔަށް ދިން ހުދުފުށިން ދައުލަތަށް ލިބެން ޖެހޭ 85 މިލިއަން ޑޮލަރު ( 1.09 ބިލިއަން ރުފިޔާ) ދައްކަން ފަށަން ޖެހޭ މުއްދަތު 12 އަހަރު ފަސްކޮށްދީ، ޓޫރިޒަމް މިނިސްޓްރީން އެ ރަށުގެ އެގްރީމެންޓް ވެސް އާކޮށްދިނެވެ.
އެ މިނިސްޓްރީން 2000 ވަނަ އަހަރު އަބްދުއްރައޫފާއެކު ހެދި އެއްބަސްވުން، ޓޫރިޒަމް މިނިސްޓްރީން 2011 ވަނަ އަހަރު އާކޮށްދިނީ ހުދުފުށި ތަރައްގީ ނުކޮށް އަދި ޖުލައި 1، 2002 އިން ފެށިގެން ސަރުކާރަށް ދައްކަންޖެހޭ ކުލި ވެސް އެ ރަށުން ނުދައްކާ އޮތުމުން އެ މައްސަލަ ގިނަ ދުވަސްތަކެއް ވަންދެން ކޯޓުގައި ވެސް ކުރިއަށް ގެންދިއުމަށް ފަހުގަ އެވެ.
ހަވީރު ނޫހުން 2011 ވަނަ އަހަރު ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައޫފާ އެކު އަލުން އެއްބަސްވުން އާކުރިއިރު، ދެ ފިޔަވައްސަކަށް ބަހާލައިގެން ހުދުފުށި ތަރައްގީ ކުރުމަށް އޭނާ އަށް ހަތަރު އަހަރު ދުވަހުގެ މުއްދަތެއް ދިނެވެ. އޭގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި 75 ކޮޓަރި ތަރައްގީކޮށް ނިންމަން ދެ އަހަރުގެ މުއްދަތެއް ދީފައިވާއިރު، ރަށުގެ ކުލި ދައްކަން ފަށަން ޖެހެނީ ވެސް ދެ އަހަރު ފަހުން ފެށިގެންނެވެ.
ކުރިން ނުދައްކާ އޮތް ބޮޑު ކުއްޔާއި ޖޫރިމަނާ އަށް ވާ އެއް ބިލިއަން ރުފިޔާ ދައްކަން ފަށަން ޖެހޭ ތާރީހެއް ކަމަށް އާ އެގްރިމެންޓުގައި ބުނެފައި ވަނީ ކުލި ދައްކަން ފަށަން ޖެހޭ ތާރީހުން ފެށިގެން 10 އަހަރު ހަމަކޮށް 11 ވަނަ އަހަރުން ފެށިގެން ކަމަށެވެ.
އޭރު ރިޕޯޓްކޮށްފައިވާ ގޮތުގައި 2011 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ކުލި ވެސް ހުދުފުށިން ދައްކާފައި ނުވާއިރު، ފުރަތަމަ ދެ އަހަރާއި އިތުރު ތިން މަސް ދުވަހުގެ ކުއްޔާއި އަދި އިތުރު ދެ އަހަރު ދުވަހުގެ ކުލި ވެސް ޓޫރިޒަމް މިނިސްޓްރީ ވަނީ ފަސްކޮށްދީފަ އެވެ.
އެ އަހަރުގެ ތެރޭގައި، ޖޫން 1 ގެ ކުރިންނާއި ޑިސެމްބަރު 1 ގެ ކުރިން ދެ ޕޭމަންޓެއްގެ ގޮތުގައި 750،000 ޑޮލަރު (ޖުމްލަ 1.5 މިލިއަން ޑޮލަރު) އެ ރަށުން ކުލީގެ ގޮތުގައި ނުދައްކައިފި ނަމަ އެގްރިމެންޓް ބާތިލުވާނެ ކަމަށް އެގްރީމެންޓުގައި ބަޔާންކޮށްފައި ވެ އެވެ.
އަދި ހަތަރު އަހަރު ދުވަހާއި އިތުރު ތިން މަސް ދުވަހަށް ވާ ކުލީގެ ތެރެއިން ތިން މިލިއަން ޑޮލަރު ދެއްކުމުގެ މުއްދަތު ވެސް ވަނީ މާޗް 27، 2015 އާ ހަމައަށް ފަސްކޮށްދީ، ހަތަރު ވަރަކަށް އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ހަމަޖައްސައިދީފައި ކަމަށް ވެސް އޭރު ރިޕޯޓްކޮށްފައި ވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ރައޫފާ އެކު ހަދާފައިވާ އެއްބަސްވުން އާކުރީ، ކޯޓު މެދުވެރިކޮށް ވެސް ޓޫރިޒަމް މިނިސްޓްރީ އަށް އެ މައްސަލަ ކާމިޔާބު ވާނެ ކަމަށް ނުފެންނާތީ އެވެ. މި އެއްބަސްވުން އާކުރި ނަމަވެސް ރަށުގެ ކުލީގެ މުއްދަތާއި އެއް ބިލިއަން ރުފިޔާގެ އަދަދާ ދޭތެރޭ ޓޫރިޒަމް މިނިސްޓްރީ އާއި ރަށް ކުއްޔަށް ހިފާފައިވާ ފަރާތުން އެއްބަސްވާ ގޮތުގައި ވެސް ތަފާތުތަކެއް ވެސް އޭރު ހުއްޓެވެ. ހުދުފުށީގެ ކުއްޔަކީ އަހަރަކު ދެ މިލިއަން ޑޮލަރެވެ.
ހުދުފުށިން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 1.09 ބިލިއަން ރުފިޔާގެ ތެރެއިން 976.6 މިލިއަން ރުފިޔާއަކީ އެ ރަށުގެ ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާ އަށް އަރާފައިވާ އަދަދެވެ.
މިހެން ކަންތައް ހުރި ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ދަފުތަރުން ދައްކާ ގޮތުގައި ހުދުފުށި އަދި ވެސް އޮތީ މަރްހޫމް ރައޫފްގެ ވާރިސުންނަށެވެ.
ހުދުފުށި އެހެން ބަޔަކާ ހަވާލުކޮށްގެން ތަރައްގީ ކުރަން ގާނޫނީ ގޮތުން ސަރުކާރަށް އޮތީ ކޮންކޮން ގޮންޖެހުންތަކެއް ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް ދައުލަތަށް ބޮޑު މަންފާއެއް ލިބެން އޮތް ހުދުފުށި މި ގޮތަށް ދޫކޮށްލާފައި އޮތުމަކީ އެ ފަޅުގައި ހުރި އެހެން ރަށްތަކަށާއި ރާއްޖޭގެ ތިމާވެށްޓަށް އޮތް ބޮޑު ގެއްލުމެކެވެ.