ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމުތައް ސަރުކާރުން މިއަދު އިފްތިތާހުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމްކުރި 6.4 މެގަވޮޓްގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފައިވާ ކަމަށެވެ.
މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި އިމްޕޯޓްކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ އިތުރުން، ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެެވެ.
"ޕްރިޕެއަރިން އައުޓަ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް)" ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މި މަޝްރޫއުގެ ދަށުން މި ނިޒާމުތައް އިފްތިތާހުކުރީ ރ. ކިނޮޅަހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ފަހަރު މި ނިޒާމް ގާއިމްކުރި ރަށްރަށަކީ ރ. އަލިފުށި، ރ. ވާދޫ، ރ. ރަސްގެތީމު، ރ. އަނގޮޅިތީމު، ރ. މާކުރަތު، ރ. ރަސްމާދޫ، ރ. އިންނަމާދޫ، ރ. މަޑުއްވަރީ، ރ. އިނގުރައިދޫ، ރ. ފައިނު، ރ. މީދޫ، ރ. ކިނޮޅަސް، ރ. ހުޅުދުއްފާރު، ރ. ކުޑަރިކިލު، ބ. ކަމަދޫ، ބ. ކެންދޫ، ބ. ކިހާދޫ، ބ. ދޮންފަނު، ބ. ދަރަވަންދޫ، ބ. މާޅޮސް، ބ. އޭދަފުށި، ބ. ތުޅާދޫ، ބ. ހިތާދޫ، ބ. ފުޅަދޫ އަދި ބ. ފެހެންދު އެވެ.
ޕޮއިސްޑް މަޝްރޫއުގެ ތަފުސީލް
- މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ 160 ރަށެއްގައި ގާއިމްކޮށްފައިވާ ޑީސަލުން ކަރަންޓު އުފައްދާ ނިޒާމުތައް ސޯލާ ޕީވީ ހައިބްރިޑް ނިޒާމުތަކަކަށް ބަދަލުކުރުން
- މި މަޝްރޫއުގެ ދަށުން މިހާތަނަށް 72 ރަށެއްގެ މަސައްކަތް ނިމި، އެ ރަށްރަށުގައި އަންނަނީ ހައިބްރިޑް ނިޒާމުތައް ބޭނުންކުރަމުން
- މި ރަށްރަށުގައި ޖުމްލަ 13.4 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10.6 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމްކުރުން
- މި ސިސްޓަމްތަކަށް ބޭނުންވާ އެނާޖީ މެނޭޖްމަންޓް ސިސްޓަމް (އީއެމްއެސް) ހަރުކުރުން އަދި އެކަމަށް ބޭނުންވާ ގްރިޑް އަޕްގްރޭޑްކުރުން ވެސް މީގެ ތެރޭގައި ހިމެނޭ.
- 27 މެގަވޮޓްގެ ޑީސަލް ޖަނަރޭޓަރު ފޯރުކޮށްދިނުން
މިނިސްޓްރީން ބުނީ މިއަދު އިފްތިތާހުކުރި 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓް އަވާގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ހިމެނޭ ކަމަށެވެ. އަދި މި ނިޒާމުތަކުން އަހަރަކު 10.4 ގިގަވޮޓް އަވާގެ ސާފު ހަކަތަ އުފެއްދޭނެ ކަމަށާއި މީގެ ސަބަބުން އަހަރަކު ތިން މިލިއަނަށް ވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިއަދު އިފްތިތާހުކުރި ރަށްރަށާ އެކު، ޖުމްލަ 97 ރަށެއްގައި ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މަސައްކަތް ނިމި، ޖުމްލަ 19.8 މެގަވޮޓްގެ ސޯލާ ޕީވީ ކެޕޭސިޓީ އާއި 20.6 މެގަވޮޓް އަވާގެ ބެޓަރީ ސްޓޯރޭޖް ގާއިމްކޮށް ނިމި ބޭނުންކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އިތުރު 23 ރަށެއްގައި މި މަސައްކަތް މިހާރު ކުރިއަށް ގެންދާއިރު، އަންނަ އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ޕޮއިސްޑް ޕްރޮޖެކްޓަކީ ގައުމީ ހަކަތައިގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް، 2028 ވަނަ އަހަރުގެ ނިޔަލަށް ހެދުމެވެ.