މާލެ ކައިރިން ބޮޑު ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު ހާދިސާގައި ފަރަށް ލިބުނު ގެއްލުން ބެލުން ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެންވަޔަރްމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެ ބޯޓު އެރި ސަރަހައްދުގެ ސާވޭ އަދި ނުފެށި އޮތީ މޫސުން ގޯސްވުމުން ކަމަށާއި އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ވެސް ލަފާދީފައި ވަނީ އެގޮތަށް ކަމަށެވެ.
ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ނެތި ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ދެ ބޯޓު އުރުނީ ބުރާސްފަތި ދުވަހުގެ ރޭ އައި ގަދަ ކޮޅިގަނޑުގައި ނަގިލި ކަހާލައިގެން ދިއުމުންނެވެ.
އީއާރުއޭ އިން ބުނީ ފަރަށް ލިބިފައިވާ ގެއްލުންތައް ބަަލަން ހަދަން ޖެހޭ އެެސެސްމެންޓް މޫސުން ރަނގަޅުވުމުން ހަދާނެ ކަމަށެވެ.
އޮޔާ ގޮސް އެ ދެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. އެ ހާދިސާގައި މާލޭގެ ފަރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ބައެއް މީހުން ބުނި ގޮތުގައި، ފަރު އޮތީ "އެއްކޮށް އޮމާން ކޮށްލައިފައި،" އެވެ.
އޭގެ ފަހުން، ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖް ގައި ވެސް ޖެހުނެވެ. ބްރިޖުގައި ޖެހުނު ކަމަށް ބެލެވެނީ އެތަނުން އެއް ބޯޓުގެ ދަގަނޑުން ހަދާފައިވާ އެންޓަނާއަކާއި ނެވިގޭޝަން ލައިޓެކެވެ. ބްރިޖުގެ ދަށުން ގޮސް އެ ބޯޓު އެންމެ ފަހުން މާލޭގެ ދެކުނު ފަރާތަށް އޮޔާ ގެންދިޔަ އެވެ.
ހުކުރުދުވަހުގެ ރޭ އެމްއެންޑީއެފުން ބުނީ މާލެއަތޮޅާ ދިމާލުން ރާއްޖޭގެ 30 ނޯޓިކަލް މޭލު ބޭރަށް އެ ދެ ބޯޓް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ދެ ބޯޓު އަޑިއަށް ދިޔައީ އެއީ ވަރަށް ބާވެފައިވާ ދެ ބޯޓަށް ވާތީ، ދިޔަވެގެން ކަމަށާއި އޭގައި ތިބި ފަޅުވެރިން ސަލާމަތް ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޮޔާދިޔައީ ހާލުގައި ޖެހިފައިވާ ބަޔަކު އުޅޭތާ އެތައް ދުވަހެއް ވެފައިވާ ދެ ބޯޓެވެ.
"މިހާރު" އިން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، އައިއެމްއޯ ނަންބަރެއް ރަސްމީކޮށް ދޫކޮށްފައިނުވާ "އޭއެލް 1" ނަމަކަށް ކިޔާ ބޯޓަކާއި ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ އެހެން ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 26 ގަ އެވެ.
އޯމާންގެ ޝިނާސް އިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރާ ކަމަށް ބުނާ އެ ދެ ބޯޓު މާލެ ކައިރީގައި، އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ހަފުތާއެއްހާ ދުވަހު އަޅާފައި އޮތެވެ. ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް އެ ބޯޓުތައް ފާހަގަކުރެވުނީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ.