ވިލިމާލޭގެ މަސްޖިދުއްސަލާމް ހުރި ބިމުގައި "ފިޔަ ފައުންޑޭޝަން" އިން އިމާރާތްކުރާ މިސްކިތުގެ ބިންގާ މިއަދު އަޅައިފި އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އިސްކޮށް ހުންނަވައިގެން ހިންގަވާ ފިޔަ ފައުންޑޭޝަނުން މަސްޖިދުއްސަލާމް ހުރި ބިމުގައި އިމާރާތްކުރާ 1،000 މީހުންގެ ޖާގައިގެ މިސްކިތުގެ ބިންގާ އަޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ފިޔަ ފައުންޑޭޝަނުން ބުނި ގޮތުގައި އެ މިސްކިތް ބިނާކުރަން ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރަޝީދުގެ އާއިލާގެ ބޭފުޅުންގެ އިތުރުން އާރުސީސީގެ ޗެއާމަން އަދި ރަޝީދަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.
އެ މިސްކިތުގެ ބިންގާ އަޅަން މިއަދު ބޭއްވި ރަަސްމިއްޔާތުގައި ޝަހީމްް ވިދާޅުވީ އެއީ ވިލިމާލޭގައި ބިނާކުރާ ޖާގަ ތަނަވަސް ރީތި މިސްކިތަކަށް ވާނެ ކަމަށާއި އެއީ އެ އަވަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއް ކަމަށެވެ.
ދެބުރިއަށް އިމާރާތްކުރާ އެ މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން ދެ ކުލާސްރޫމާއި އިމާމު ކޮޓަރިއެއް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.