މެޑްރިޑް (މާޗް 17) - ސީޒަނުގެ ފަހު ކޮޅުގައި ކުޅޭ މުހިއްމު މެޗުތަކުގައި ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ތަފާތު ދައްކާނެ ކަމަށް ރެއާލްގެ ކުރީގެ ތަރި ރައުލް ގޮންޒާލޭޒް ބުނެފި އެވެ.
ފަހަކަށް އައިސް ރެއާލްގެ މެޗުތަކުގައި ރޮނާލްޑޯގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ރެއާލުން އެންމެ ފަހުން ކުޅުނު ގިނަ މެޗުތަކުގައި އެ ޓީމުގެ މުހިއްމު ލަނޑުތައް ކާމިޔާބު ކޮށްފައިވަނީ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް އެވެ.
ރައުލް ބުނީ ރާމޮސް އަކީ ފަހަތަށް ކުޅުނު ނަމަވެސް އަބަދުވެސް ގޯލާ ރައްޓެހި ކުޅުންތެރިޔެއް ކަމަށެވެ.
"ރާމޮސް އަކީ ޑިފެންޑަރެއް އެކަމަކު އޭނާ އަކީ ވަރަށް ގޯލު ޖަހާ ކުޅުންތެރިޔެއް. މި ވަގުތު އޭނާ ރަނގަޅު ފޯމެއްގައި ހުރެ މުހިއްމު ލަނޑުތަކެއް އެބަޖަހާ. އެކަމަކު އަހަރެން ބުނާނީ ސީޒަންގެ ފަހު ކޮޅުގައި މި ފަހަރު ވެސް ރޮނާލްޑޯ ތަފާތު ދައްކާނެޔޭ،" ރައުލް ބުންޏެވެ.
މިިދިޔަ އަހަރު ރޮނާލްޑޯ ދެެއްކި މޮޅުކުޅުމާ އެކު އޭނާ އަށް ވަނީ ހަތަރު ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ލިބިފަ އެވެ. އަދި ފީފާ އިން ހޮވި މޮޅު ކުޅުންތެރިޔާ އަށްދޭ ބެސްޓް އެވޯޑް ވެސް ލިބުނީ އޭނާ އަށެވެ.
ރައުލް ބުނީ ރެއާލްގެ ކޯޗު ޒިދާން އަންނަނީ މުހިއްމު މެޗުތަކަށް ރޮނާލްޑޯ ފިޓްކޮށް ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
"ޒިދާން އަންނަނީ ރަނގަޅު ރޭވުންތަކަކާ އެކު ރޮނާލްޑޯ ބޭނުން ކުރަމުން. ބައެއް މެޗުތަކުގައި ރޮނާލްޑޯ އަށް ފުރުސަތު ނުދެނީ ސީޒަނުގެ ފަހުކޮޅުގައި ހުރި މުހިއްމު މެޗުތަކަށް ވިސްނާފައި. އެއީ ރޮނާލްޑޯ އަކީ ކޮންމެ މެޗެއް ބަދަލުކޮށްލެވޭފަދަ ހުނަރުވެރި ކުޅުންތެރިޔެއް،" ރައުލް ބުންޏެވެ.
ރެއާލް އެންމެ ފަހުން ސްޕެނިޝް ލީގު ޗެމްޕިއަންކަން ހޯދީ 2012 ވަނަ އަހަރު އެވެ. ރައުލް ބުނީ މި ފަހަރު އެ ޓީމަށް ލީގު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
"ލީގުގައި ބާކީ ގިނަ މެޗުތަކެއް އެބަހުރި އެކަމަކު މިއީ ރެއާލް ތަށި ގެންނާނެ ފަހަރެއް. އެއީ ބާސެލޯނާ ވެސް އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫން،" ރައުލް ބުންޏެވެ.