ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކެއް ރޭޕްކުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމާ އެކު އިތުރު ބައެއްގެ ބަންދު އިތުރުކޮށްފި އެވެ.
ގިނަ ބަޔަކު ބައިވެރިވެގެން، އުމުރުން 22 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައަކާއި އިތުރު ކުދިންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފެންމަތިވީ މިމަހުގެ މެދުތެރޭގަ އެވެ.
އެ މައްސަލައާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ؛
- މުހައްމަދު މައިސަން ޝިޔާޒު، 21،
- އަހުމަދު އިފްތިޝާމް ޒަރީރު، 24،
- ނަޖުމުﷲ ހަސަން، 35،
- އާޒިމް މުފީދު، 24،
- އަލީ ހުޒާމް ސައީދު، 31،
- މުހައްމަދު ސޯލިހު އަހުމަދު، 26،
- އަހުމަދު ނޫހު ނިޔާޒު، 20،
- މުހައްމަދު މިޝަލް އަހުމަދު ޒުހައިރު، 20،
- އަހުމަދު ސާނިޖު ސޯދިގު، 32،
އޭގެ ތެރެއިން މުހައްމަދު ސޯލިހާއި މިޝަލް އާއި ނަޖުމުﷲ އަދި ނޫހުގެ ބަންދަށް އެންމެ ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަވުމުން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރީ ނޫހު އެވެ.
ފުލުހުން ބުނީ މިޝަލްގެ ބަންދަށް 30 ދުވަސް އަދި ނަޖުމުﷲ ގެ ބަންދަށް 45 ދުވަސް ދީފައިވާ ކަމަށެވެ. އަދި މުހައްމަދު ސޯލިހާއި ސާނިޖުގެ ބަންދަށް ދީފައި ވަނީ 5 ދުވަސް ދީފަ އެވެ.
އެ މައްސަލާގައި ހިމެނޭ މައިސަން އާއި އާޒިމްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ފުރަތަމަ ފަހަރަށް ހާޒިރުކުރުމުން 15 ދުވަސްދީފައިވާތީ އެމީހުންގެ ބަންދު އަދި ހަމައެއް ނުވެ އެވެ. ދެން އެ މައްސަލާގައި ހައްޔަރުކުރި އިފްތިޝާމް އާއި ހުޒާމުގެ ބަންދަށް 90 ދުވަސް މީގެ ކުރިން ވަނީ ދީފަ އެވެ.
ރޭޕްގެ އެ މައްސަލައާ ގުޅިގެން އެކަމުގެ ތަހުގީގަށް މާލެއިން ހާއްސަ ފުލުހުންގެ ޓީމެއް ވަނީ ގޮސްފަ އެވެ.
ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އަދި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.