ގިނަ ދުވަސްތަކެއް ވަންދެން ގެސްޓް ހައުސްއެއްގައި ދިރިއުޅުމަށް ފަހު މަރިޔަމް ވަހީދާ، މާލޭގެ އެހެން އަވަށެއްގައި ހުންނަ ގެއަކަށް ބަދަލުވީ މިދިޔަ ރޯދަމަސް ފެށެން ދެ ތިން ދުވަހަށް ވެފައި ވަނިކޮށެވެ. ރޯދަމަހުގެ ފުރަތަމަ ދުވަހު، އޭނާގެ އެޕާޓްމެންޓުގައި ޓަކި ޖަހާތީ ހުޅުވުމުން ފެނުނީ ނުވެސް ދަންނަ މެދު އުމުރުގެ އަންހެނަކު ހެދިކާ ތައްޓެއް ހިފައިގެން ހުއްޓަ އެވެ.
ރޯދަމަސް ދެ ބައި ވަންދެން، ކޮންމެ ދުވަހަކު ވެސް ދެ ވައްތަރެއްގެ ހެދިކާ ތައްޓެއް، މަޣްރިބު ނަމާދަށް ބަންގި ގޮވުމުގެ ކުރިން އެ މީހާ މަރިޔަމް ވަހީދާ އަށް ގެނެސްދެ އެވެ. ބައެއް ދުވަސް ދުވަހު ބަންގި ގޮވަގޮވާ ހުއްޓާ ވެސް އެ ހަދިޔާ ފޯރުކޮށްދެ އެވެ.
ބަލި ކުއްޖަކާއި އިތުރު ތުއްތު ކުއްޖެއް ވެސް ހުންނާތީ މަރިޔަމްއަކަށް، ހެދިކާ ތަށި ހިފައިގެން އަންނަ އެ އަންހެން މީހާގެ ހަގީގަތް ފުރަތަމަކޮޅު ބެލޭވަރެއް ނުވި އެވެ. އެކަމަކު ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުގެ ގޮތުންނާއި އެވަރުގެ ކަމެއް ކޮންމެ ދުވަހަކު ކުރާނީ ފުދުންތެރި ބަޔަކުކަން އޭނާ ގަބޫލުކުރި އެވެ.
އެ އަންހެން މީހާގެ ގެއަށް ދާން މަރިޔަމް ނިންމީ، ކުއްލިއަކަށް އެ މީހާ "ގެއްލުމުން"ނެވެ. އެ ގެ ހުންނަނީ އޭނާ އުޅޭ ގޭގެ އަނެއް ކަންމަތީގަ އެވެ. އަންހެންމީހާގެ ގެޔަށް ވަން އިރު، އޭނާއަށް ފެނުނީ ހީކުރި ކަހަލަ މަންޒަރެއް ނޫނެވެ.
އެއީ ކުޑަ އެނދެއްގެ ދިގުމިން ހުރި، ކުޑަކުޑަ ގޮޅިއެއް ކަހަލަ ތަންކޮޅެކެވެ. ހެދިކާ ހަދަމުން ދަނީ، ފުރޮޅުލީ ގޮނޑިއެއްގައި އިންނަ، އަންހެން ކުއްޖެކެވެ. މަރިޔަމް އެގެއަށް ވަންއިރު ވެސް އެ އަންހެން ކުއްޖާ ދިޔައީ އޭނާ ނިދާ އާދައިގެ ދަގަނޑު ހަނި އެނދުގެ މަތީގައި، ހެދިކާގެ ބާވަތްތައް އަތުރާލައިގެން އެ މަސައްކަތް ކުރަމުންނެވެ.
"އެ މަންޒަރު ފެނުމުން ބުނާނެ އެއްޗެއް ވެސް ނޭނގިފައި ހުރީ. ހިތަށްއެރީ ހާދަ ހާލެއްގައި އުޅޭ ބަޔެކޭ އަހަރުމެންނަށް މި އެހީވަމުން މި އަންނަނީ. އެގޭގައި އެކައްޗެއް ވެސް ނެތް އިރު، އެހެން މީހުންނަށް ދީގެން ކަމުން އަންނާތީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި ހުރީ،" މަރިޔަމް ބުންޏެވެ.
އޭނާ އެ ގެ ސިފަކުރީ އާދައިގެ ކަންނެލި ދޯންޏެއްގެ ގެގަނޑެއް ކަހަލަ ކުޑަ ތަންކޮޅަކާ އެވެ. ދޯނީގެ މީހުން ނިދާ ތަނަކީ ވެސް އަދި ހިފާ ގެންގުޅޭ ގިނަ ސާމާނުތައް ބަހައްޓަނީ ވެސް އެ ގެގަނޑުގަ އެވެ. އެ ގޭގައި ނުކުޅެދުންތެރިކަން ހުންނަ އެ އަންހެން ކުއްޖާ އާއި އޭނާގެ މަންމަ އާއި އަދި އިތުރު ކުޑަ ފިރިހެން ކުއްޖަކު އުޅެނީ އެތަނުގަ އެވެ.
އެ ގޭގެ މަތީގައި ޑެގެއް އަޅާފައި ހަމަ އެވަރުގެ ތަންކޮޅެއް ހަދާފައި ހުރެ އެވެ.
މަރިޔަމް ވަހީދާ ބުނި ގޮތުގައި ދެމައިން ހަދާ ހެދިކާ، އޭނާއާ ހަމައަށް ގެންގޮސް ދެނީ މަންމަ އެވެ. އޭނާއަށް ހެދިކާ ލިބުން ހުއްޓުނީ އެ މަންމަ ރަށުގައި ނެތުމުންނެވެ.
މަންމަ ނެތުމުން ކަނީ ކިހިނެއްތޯ އެހުމުން އަންހެންކުއްޖާ އާއި އޭނާގެ ކޮއްކޮ ބުނީ ތިމާގެ އެހެން ގެއަކަށް ކާން ދަނީ ކަމަށެވެ.
އަވަށްޓެރިއާގެ ހާލު ބަލަން ނިކުތް މަރިޔަމް ވަހީދާ އެނބުރި ގެއަށް އައީ އަމިއްލަ ނަފުސު ކުށްވެރިކުރަމުންނެވެ. އިސްލާމް ދީނުގައި އަވަށްޓެރިޔާގެ ހައްގުތައް ބޮޑު ނަމަވެސް އެއިން އެއްވެސް ކަމަކާ އޭނާއަށް ކުރިން އަޅާނުލެވުމުންނެވެ.
"ހަގީގަތުގައި ކިތަންމެ ބިޒީކޮށް އުޅުނަސް އަހަރުމެންނަށް އެވަރެއް ނޫން ވާން ޖެހޭނީ. އެހާ ކުޑަ ތަންކޮޅެއްގައި އެހާ ނިކަމެތިކޮށް ވެސް އެ މީހުން އެ އުޅެނީ ފުދިގެން. މިއީ އަހަރުމެންގެ ފަރާތުން ނުފެންނަ މަންޒަރެއް،" މަރިޔަމް ބުންޏެވެ.
އުޅެން ޖެހޭލެއް ބުރަކަމުން މި ރޯދަ މަހު އޭނާއަށް ބަދިގެއަށް ވަދެވެނީ ފަހެއް ޖަހާކަންހާއިރު އެވެ. ދީލަތި އަވަށްޓެރިޔާ ގެންނަ ހެދިކާ ތަށިތަކަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. އަދި އިބުރަތެއް ލިބުނު ހާދިސާއެއް ވެސް މެ އެވެ.
މި ވާހަކަތައް މަރިޔަމް ވަހީދާ ފޭސްބުކްގައި ހިއްސާކުރުމާ އެކު އެތައް ސަތޭކަ ބަޔަކު، އެ ޕޯސްޓް ވަނީ ޝެއާކޮށްފަ އެވެ.