އިންޑިޔާގެ ޓީވީ ސިލްސިލާތަކުގައި ވަރަށް ގިނަ މުސްލިމް އެކްޓަރުން މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި ކިތަންމެ ބުރަކޮށް ފިލްމު ޝޫޓިންގައި އުޅެން ޖެހުނަސް ރޯދަ ދޫކޮށްނުލާ އެކްޓަރުން އެބަ ތިއްބެވެ. އޭގެ ތެރެއިން ބައެއް އެކްޓަރުން އެމީހުންގެ ތަޖުރިބާ ކިޔައިދިނެވެ.
ސާރާ އަފްރީން ޚާން
"ލަވް ކާ ހޭ އިންތިޒާރު"ގައި މަހާރާނީ ވިޖަޔާލަކްޝްމީގެ ރޯލު އަދާކުރާ ސާރާ ބުނީ ޝޫޓިން އޮތަސް ނެތަސް ރޯދަ ދޫނުކުރާނެ ކަމަށެވެ. ރޯދަމަހު ރޯދަ ދޫކޮށްލާނީ ވަރަށް ބަލިވެގެން ނުވަތަ ދަތުރެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ކަމަށް ވެސް ބުންޏެވެ.
ސާރާ ބުނި ގޮތުގައި ގިނަ ވަގުތު އަދި ބުރަކޮށް ޝޫޓިންގައި އުޅުނަސް އެއްވެސް އުނދަގުލެއް ދިމާއެއް ނުވެ އެވެ. ރޯދައަށް ހުންނަން އަޒުމް ކަނޑައަޅާ މީހަކަށް މަސައްކަތަކީ ދަތިކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.
ބޭކާރު ގޮތުގައި ހަކަތަ ހިނގާދާނެތީ ރޯދަމަހު އެހެން މީހުންނާ ވާހަކަދެއްކުން އޭނާ މަދުކޮށްލަ އެވެ.
މުހައްމަދު ނާޒިމް
"ސާތު ނިބާނާ ސާތިޔާ"ގައި އެހެމްގެ ރޯލު އަދާކުރާ މުހައްމަދު ނާޒިމް ބުނީ ރޯދަމަސް އޭނާއަށް ވަރަށް މުހިއްމު ކަމަށެވެ. ފިލްމު ޔުނިޓްގެ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށާއި އޭނާއާ އެކު ރޯދަ ވީއްލަން އެންމެން ވެސް ބައިވެރިވާކަމަށް ނާޒިމް ބުންޏެވެ.
އީޖާޒް ޚާން
"ޔޭ މޯހަ މޯހަ ކޭ ދާގޭ"ގެ ބަތަލު އީޖާޒް ޚާން އަށް ވެސް ރޯދަ ހާއްސަ އެވެ. ނަމަވެސް ފިލްމު ސެޓުގައި ރޯދަ ހިފުން ވަރަށް އުނދަގޫ ކަމަށް ބުންޏެވެ. އޭގެ ސަބަބަކީ ބައެއް މަންޒަރުތަކުގައި ކައިބޮއި ހަދަން ޖެހޭތީ އެވެ. އޭނާ ބުނި ގޮތުގައި ރޯދައަށް ހުންނާތީ ކޮންމެ ފަހަރަކު ވަކި މަންޒަރުތަކެއް ނުނަގަން ބަހަނާ ދެއްކޭކަށް ވެސް ނޯންނާނެ އެވެ. ނަމަވެސް ހުރިހާ ރޯދައެއް ފުރިހަމަކުރެވޭތޯ މިފަހަރު ވެސް އޭނާ މަސައްކަތް ކުރި ކަމަށް ބުންޏެވެ.
އަދާ ޚާން
"ނާގިން" ގައި ޝޭޝާގެ ރޯލު އަދާކުރާ އަދާ ޚާން އަށް މި ފަހަރުގެ ރޯދަމަސް އެހާ ނަސީބު ރަނގަޅެއް ނޫނެވެ. ބަނޑުގެ އިންފެކްޝަނަކާ ހެދި ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން ބައެއް ރޯދަތައް ގެއްލުނު ކަމަށް ބުންޏެވެ. އާދައިގެ ހާލަތަކަށް ސިއްހަތު އެޅޭހާ އަވަހަކަށް ގެއްލުނު އެ ރޯދަތައް ހިފާނެ ކަމަށް ވެސް އަދާ ބުންޏެވެ.