އޭނާ އޮށޯވެ އޮތް ޖޯއްޔާ މާ ދުރު ނޫން ހިސާބެއްގައި މަސް އައިސްކުރަން އަޅާ ހައެއްކަ ފޮށި ހުއްޓެވެ. ހުރިހާ ފޮއްޓެއް ހުރީ ތަޅުލައިފަ އެވެ. ދެން ފެނުނީ މަސްކަނޑާ ގޮތަށް ތައްޔާރުކޮށްފައިވާ އައްޓެއްގެ ކައިރީގައި ދެތިން މީހަކު ހަރަކާތްތެރިވާ ތަނެވެ. އެ މީހުންގެ ވެރިމީހާ ކޮބައިތޯ އަހައިލުމުން އެކަކު އިޝާރާތުން ދިއްކޮށްލީ ކައިރީގައި ހުރި ޖޯލީގައި އޮތް އުމުރުން 60 އަހަރަށް ވުރެ މަތީގެ މީހަކަށެވެ. 

އަހަރެމެން ތައާރަފުވެ، އިންޓަވިއުއަކަށް އެދުމާ އެކު ވަގުތުން މަރުހަބާ ކިޔައި އެ ނިއުޅާލީ އޭނާގެ މަސައްކަތުގެ ފައިލެވެ. އެއީ އޭނާ ކުރާ މަސައްކަތުގައި ދިގު މާޒީއެއް އޮތް ވަރަށް ޝައުގުވެރި މީހެކެވެ. އައްޑޫގެ ގުޅިފައިވާ ފަސް ރަށުގެ މީހުންނަށް މަސް ވިއްކުމުގެ ވިޔަފާރީގައި ބުޝްރީ މުހައްމަދު (ބުޝްރީބެ) އަވަދިނެތި އުޅޭތާ 40 އަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ. 

މީގެ އެތައް އަހަރެއް ކުރިން އަހަންނަށް ބުޝްރީބެ ފެންނަނީ އައްޑޫ ހިތަދޫގެ ބޮޑުމަގުގައި ހުންނަ ނާސްތާ ކެފޭ ކައިރީގައި ޖާގަ ހަދައިގެން މަސް ވިއްކަނިކޮށެވެ. އޭރު ވަރަށް ޒުވާންކޮށް ހުރި ބުޝްރީބެ ނުފެންނަ ދުވަހެއް ނޯންނާނެ އެވެ.

އެކަމަކު، މިހާރު އުމުރުން 66 އަހަރުގެ ބުޝްރީބެއާ މި ފަހަރު ވާހަކަ ދައްކައިލުމުން  އިވުނީ އާދައިގެ ވާހަކަތަކެއް ނޫނެވެ. އޭރު ބައިސިކަލެއްގައި މަސް ވިއްކަމުން ރަށުތެރޭގައި ދުއްވި ބުޝްރީބެ ދައްކަނީ ބޮޑެތި ވާހަކަތަކެވެ. 

ބުޝްރީބެ: އައްޑޫ މީހުންނަށް މަސް ވިއްކުމުގެ މަސައްކަތުގައި އުޅޭތޭ 43 އަހަރު ވެއްޖެ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ބުޝްރީބެ: އައްޑޫ މީހުންނަށް މަސް ވިއްކުމުގެ މަސައްކަތުގައި އުޅޭތޭ 43 އަހަރު ވެއްޖެ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިއަދު އޭނާގެ އަތުގައި ދޯނިފަހަރު އެބަހުއްޓެވެ. ދެތިން މީހުން މަސައްކަތުގައި ގެންގުޅެ އެވެ. އޭނާގެ އައިސް ބޮކްސްތަކުން މަސް ހުސްވާ އިރެއް ނާދެ އެވެ. ކޮންމެ އިރަކު ވެސް މަސް ލިބޭނެ އެވެ. މަސްވެރިންގެ އަތުން މަސް ގަނެގެން ބުޝްރީބެ މިއަދު ކުރަނީ ބޮޑު ވިޔަފާރިއެކެވެ. އަައްޑޫ ހިތަދޫ ލިންކު ރޯޑުގެ އެއް ފަރާތުން އަތިރިމައްޗާ ދިމާލަށް އޮންނަ އެއްބައި އެއީ ބުޝްރީގެ "މަސް ޖަގަހަ" އެވެ. 

މުޅި އިންޓަވިއު އިން ވެސް އެނގުނު އެއްކަމަކީ މިއީ ފައިސާ ހޯދަން ދަންނަ، އޭގެ ހުނަރު ހުރި ވިޔަފާރިވެރިއެއް ކަމެވެ. 

އުމުރުން ތޭވީހަކަށް އަހަރުން ފެށިގެން މަސްވެރިންގެ އަތުން މަސް ގަނެގެން އެ ވިއްކުމުގެ މަސައްކަތުގައި އޭނާ ގެންގުޅޭ ފަލްސަފާއަކީ އަތުން ފައިސާ ގޮސްގެން ނޫނީ ކުރިއަށް ނުދާނެ ކަމެވެ. ފައިސާ ލިބެން އޮތިއްޔާ އެ ދޫކޮށްލާނެ އެކަކު ވެސް ނުހުންނާނެ ކަމެވެ. އެގޮތަށް އުޅޭ މީހުންގެ ލިސްޓަށް ބުޝްރީބެ އަމިއްލަ އަށް އޭނާގެ ނަން ވެސް ލި އެވެ. 

ބުޝްރީބެ މިދިޔަ ހަފުތާގައި "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ބުޝްރީބެ މިދިޔަ ހަފުތާގައި "މިހާރު" ގެ ނޫސްވެރިންނާ ވާހަކަ ދައްކަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަމިއްލަ ނަފުސަަށް އިޝާރާތްކޮށް ބުޝްރީބެ ބުނީ "[އަތުން] ލާރި ނުގޮސް ލާރި ހޯދާނެ" ކަމަށެވެ.

"އެހެން މީހުން ލާރި ހޭދަކޮށްގެންތާ ލާރި ހޯދަނީ. ބުޝްރީބެގެ އެ ސިޔާސަތެއް ނޯންނާނެ. ތިޔަބޭފުޅާ ވެސް ދުރުން ފެންނަ އިރަށް ބުޝްރީބެ ދަންނާނެ މިއީ މަސް ގަންނާނެ މީހެއްކަން. މި އަތޮޅުގެ އެންމެން ވެސް މިކަން ގަބޫލު ކުރާނެ،" މަސް ވިއްކުމުގައި ބުޝްރީބެ ގެންގުޅޭ ހުނަރާ ގުޅޭ ގޮތުން ބުންޏެވެ. 

އެކަކަށް 1،000ރ. އަށް ވިއްކާ އެއް ފެންވަރުގެ މަސް ވެސް އަނެއްމީހާ އަށް 2،000ރ. އަށް ވިއްކަން ބުޝްރީބެ ޖެހިލުމެއް ނުވެ އެވެ. އެ އަށް ބާރު ދީ، ބޮލުގައި އަތް ޖައްސާލަމުން ބުޝްރީބެ ބުނީ ފައިސާ ހޯދަން ބޭނުމިއްޔާ ސިކުނޑީގެ ބޭނުން ހިފަންޖެހޭނެ ކަމަށެވެ. 

"ސިކުނޑި މަސައްކަތް ކޮށްގެން ސިކުނޑީގެ މަސައްކަތުން ލާރި ހޯދަނީ. [މީހަކު] ފެލަން ވެއްޖިއްޔާ ފެލަން ވެސް ފެލާނަން. ދޫދޭން ވެއްޖިއްޔާ ދޫވެސް ދޭނަން. އަތުގައި އަބަދުވެސް އޮންނާނެ 10،000ރ. އެއީ މި މަސައްކަތަށް އަބަދުވެސް އޮންނަ ވަރު. އެކަމަކު ދޯނިފަހަރުން ނަގާނަން އަބަދުވެސް 50،000-60،000ރ. ވަރު،" ބުޝްރީބެ ކިޔައިދިނެވެ. 

"ބުޝްރީބެގެ ގެއަށް ގޮސް ބަލާބަލަ. ގެ ވެސް ހުންނާނީ ރަނގަޅު ފެންވަރަކަށް ހަދާފައި. މަސް ވެސް ހުންނާނެ ކައްކާފައި. ކުރު މަސް ވެސް ހުންނާނެ. ގެއަކީ ވެސް ފެކްޓަރީއެއް. މުޅި އަތޮޅަށް ވެސް އަޅުގަނޑު އެނގޭނެ. މަރަދޫން ވެސް ފޭދޫން ވެސް ރަނގަޅު މަސްކޮޅެއް ބޭނުމިއްޔާ ގުޅާނީ ބުޝްރީބެއަށް. އެއީ ހުންނަލެއް ކޮލިޓީކަމުން."

އެއީ އޭނާ ސަޅި ކަނޑަށް އަހަރެމެން ކައިރީގައި ބުނި ވާހަކައެއް ކަމަށް ހީވިޔަސް އެ ދައްކަނީ ހަގީގީ ވާހަކައެކެވެ. ބުޝްރީބެގެ އަށް ގޮސް ބެލިއިރު އެއީ އެ ބުނާ ކަހަލަ ހުރިހާ ކަމެއް ހަމަވާ ގެއެކެވެ. ވަޅޯމަހާއިި ވެކިއުމް މަސް ހުއްޓެވެ. ރިހާކުރު ކައްކަ އެވެ. ގަނެފައި ހުރީ އެންމެ ޒަމާނީ ވެކިއުމް މެޝިނެކެވެ. މަސްކައްކައި ވިއްކަ އެވެ. އެކަމަކު، އެއީ ފިހާރަތަކަށް ލައިގެން ވިއްކާ އެއްޗިއްސެެއް ނޫނެވެ.

ބުޝްރީބެ ބުނި ގޮތުގައި އެ ވެސް ވިއްކާނީ އޭނާ ބޭނުން މީހަކަށެވެ. ރައްޓެހިންނަށް ވެސް ބުޝްރީބެގެއިން މަސް ވިއްކާނީ އެވެ. 

ބުޝްރީބެގެ ގޭގައި ހިންގާ "މަސް ފެކްޓަރީ" ގައި ބަންދުކޮށްފައިވާ ވަޅޯމަސްތަކެއް އޭނާގެ މުވައްޒަފަކު ދައްކާލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ބުޝްރީބެގެ ގޭގައި ހިންގާ "މަސް ފެކްޓަރީ" ގައި ބަންދުކޮށްފައިވާ ވަޅޯމަސްތަކެއް އޭނާގެ މުވައްޒަފަކު ދައްކާލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ބުޝްރީބެގެ ހުރިހާ ވެސް އެެއްޗަކީ އޭނާގެ ސިކުނޑި އެވެ. އެތައް ބަޔަކަށް ކްރެޑިޓަށް މަސް ދޫކުރާއިރު އެއްވެސް ލިޔެކިޔުމެއް ނެތެވެ. އެތައް ދޯންޏަކުން މަސް ގަންނައިރު އެ ހިސާބުތައް ވެސް ރައްކާކުރަނީ ހަމަ ބުޝްރީބެގެ ސިކުނޑީގަ އެވެ. އެއްފަހަރާ ހިސާބު ޖަހާލާފައި އޮޑިވެރިން މިވެނި ވަރަކަށް ފައިސާ ދޭން އެދުމުން ފައިސާ ދޫކޮށްލަނީ ލިޔެކިޔުމެއް ބެލުމެއް ނެތި އެވެ. 

"އެންމެ ކޮމްޕިއުޓަރެެއް މަސައްކަތްކުރާނީ. އެ މިހުރީ ބޮލުގައި. ތި ކުދިންނަށް ނޭނގޭނެ އަހަރެން މިހެން ބުނީމާ މިއީ ތެދެއް ކަމެއް. އެކަމަކު މި ރަށުގެ އެންމެން ވެސް ގަބޫލުކުރާނެ މިތާނގައި ނޯންނާނެކަން އެކައުންޓެއް. އެކަމަކު 600ރ.-700ރ. ގެ ކަންނެލި ވެސް ދެނީ ހަމަ ކްރެޑިޓަށް. މިއަދު ވެސް 400ރ. ގެ ކަންނެލި ހިނގައްޖެ. އެ މީހުން ލިބުނު ދުވަހަކުން ގެނެސްދޭނެ."

މަސް ފިނިކުރުމަށްޓަކައި ބުޝްރީބެ ގެންގުޅޭ އައިސް ބޮކްސްއެއް ދައްކާލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މަސް ފިނިކުރުމަށްޓަކައި ބުޝްރީބެ ގެންގުޅޭ އައިސް ބޮކްސްއެއް ދައްކާލަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ބުޝްރީބެ މަސް ވިއްކުމުގެ މަސައްކަތަށް ވަދެވުނީ ރައްޓެއްސަކު ދިއްކޮށްލި ހާހެއްހާ ރުފިޔާ އިންނެވެ. އެ ފައިސާ އިން މަސްގަނެ، ހިތަދޫގައި ވިއްކަން އުޅުމުގެ ތެރޭގައި ކުޑަ ޕިކަޕެއް ގަތީ އެވެ. އެއީ އައްޑޫގައި އެއްފަސްކޮށް އޮންނަ ހުރިހާ ރަށަކަށް މަސް ވިއްކާށެވެ.

ގަމުގެ އެއާޕޯޓުން ފެށިގެން ހުރިހާ ރަށަކަށް މަސް ވިއްކުމުގެ މަސައްކަތް އެ ޕިކަޕުގައި އޭނާ ކުރި އެވެ. އައްޑޫގައި މިހާތަނަށް ހުރިހާ ރިސޯޓެއް ހެދިއިރު އެ ތަންތަނުގައި މަސައްކަތްކުރި މީހުންނަށް މަސް ވިއްކީ ބުޝްރީބެ އެވެ. 

"މަހަށް ދިއުމަށް ވުރެ މަސް ވިއްކަން ހުރީމާ މާ ފައިދާ ބޮޑު. އެހެންވެ މަހަކަށް ނުދަން،" އޭނާ ބުންޏެވެ. 

ބުޝްރީބެ މަސް ވިއްކުމުގެ މަސައްކަތް ކުރާ ސަރަހައްދު.---ފޮޓޯ: ނިޝާން އަލީ| މިހާރު
ބުޝްރީބެ މަސް ވިއްކުމުގެ މަސައްކަތް ކުރާ ސަރަހައްދު.---ފޮޓޯ: ނިޝާން އަލީ| މިހާރު

ބުޝްރީބެ ބުނާ ގޮތުން ނަމަ އޭނާ އަށް ބައެއް ދުވަސްދުވަހު ހާހެއްހާ ރުފިޔާ ވެސް ފައިދާގެ ގޮތުގައި ލިބިދާނެ އެވެ. ރަނގަޅު ދުވަސްވަރު ނަމަ 10،000ރ. ގެ މަސް ވެސް ވިކިދާނެ އެވެ. 

ބުޝްރީބެގެ ފަސް ކުދިން ތިބިއިރު އެ ހުރިހާ ކުދިން ވަނީ ހިތަދޫ މުހިއްބުއްދީން ސްކޫލްގެ ގްރޭޑް 12 ނިންމައިފަ އެވެ. ބުޝްރީބެ އަށް ކާފަ ކިޔާ 11 ކުދިން އެބަތިއްބެވެ. 

ބުޝްރީބެގެ މުޅި އިންޓަވިއުގައި ވެސް އޭނާ އެންމެ ހާއްސަ ނަމަކަށް ފާހަގަކުރީ ހިތަދޫގެ ވިޔަފާރިވެރިއެއް ކަމަށްވާ ސަނީ ހަމްދޫންގެ ނަމެވެ. އެއީ ބުޝްރީބެގެ ފަސް ކުދިންގެ ކޮންމެ އަހަރެއްގެ ފޮތް ލިސްޓަށް ހަރަދުކުރި މީހާ ކަމަށް ވާތީ އެވެ. 

"އެ ގެއަށް [ސަނީ އެންޓަޕްރައިސަސް ހަމްދޫންގެ ގެ] މަ މަސް ދޭނީ ހިލޭ. ބޭނުންވަރަކަށް އެ ގެއަށް މަސް ދޭނަން. އޭނާ ގަންނަ މަހަށް އަރާ ކޮންމެ މަހަކު 2،000-3،000ރ. ދެން މަ ބުނީ އޭނާ ކައިރީ މި ވަރަށް ދޭނެ ކަމެއް ނެތޭ. ކަލޭ ދޭށޭ މި ފަސް ކުދިންގެ ކޮންމެ އަހަރެއްގެ ފޮތް ލިސްޓު،" ސަނީ ހަމްދޫނަށް ތައުރީފު ކުރަމުން ބުޝްރީބެ ބުންޏެވެ. 

"އޭގެ ފަހުން ގަވާއިދުން ފޮތް ލިސްޓު ދޭނެ."

މަސް ވިއްކުމުގެ މަސައްކަތުން ލިބުނު ފައިސާއިން ބުޝްރީބެ ހެދި ގެ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މަސް ވިއްކުމުގެ މަސައްކަތުން ލިބުނު ފައިސާއިން ބުޝްރީބެ ހެދި ގެ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ ގުޅުން މިއަދު ވެސް އޮތީ އެ ގޮތުގަ އެވެ. ބުޝްރީބެ އަށް ކަމޭހިތައި، ހެޔޮކަމެއް ކޮށްދިން މީހެއް ނަމަ އޭނާ އެކަން ދަނެ އެވެ. މިހާރު ވެސް ބުޝްރީބެގެ އެހީތެރިންގެ ގޮތުގައި ވިއްސަކަށް މީހުން ތިބެ އެވެ. އެކަމަކު، ދުވަހު މުސާރައަށް ގެންގުޅެނީ ތިން މީހުންނެވެ. އެ ތަނުން އެކަކު އެއީ މަސް ކައްކަން ގެންގުޅޭ ދިވެއްސެކެވެ. އެ މީހުންނަށް ދުވާލަކު ދެނީ 300-400ރ. އެވެ.

ބުޝްރީބެ އަތުގައި އަބަދުވެސް ގާތްގަނޑަކަށް ދެ ޓަނުގެ އައިސް ރައްކާ ކޮށްފައި ހުރެ އެވެ. އަހަރެމެންނަށް އިންޓަވިއު ދިން ދުވަހު ވެސް އައިސް ބޮކްސްތަކުގައި 20،000ރ. އާ ގާތްކުރާ އަދަދަކަށް މަސް ހުރި ކަމަށް ބުންޏެވެ. 

ނަމަވެސް ބުޝްރީބެ ގަބޫލުކުރާ ގޮތުގައި އޭނާއަކީ މުއްސަންޖެއް ނޫނެވެ. ސިކުނޑި ރަނގަޅީ މަސްވެރިންގެ އަތުން މަސް ގަނެ، އާންމުންނަށް މަސް ވިއްކުމުގައި ގެންގުޅޭ އުކުޅުތަކަށެވެ. ކުރުކޮށް ބުނާ ނަމަ ލިބިގަންނައިރު ލިބިގަންނަން ބުޝްރީބެ ގަބޫލުކުރާ ގޮތުގައި އޭނާގެ ސިކުނޑި "މުއްސަންޖެވެ". އެކަމަކު މުއްސަނދިވާކަށް ނޭނގެ އެވެ.