ޕްރިޔަންކާ ޗޯޕްރާ ކުޅޭ އެމެރިކާގެ ސީރީޒް "ކުއަންޓިކޯ"ގެ ތިން ވަނަ ސީޒަންގެ ޝޫޓިންގައި ވަރަށް ބުރަކޮށް އުޅެމުން ވެސް ޕްރިޔަންކާ ސޯޝަލް މީޑިއާގައި ފޭނުންނާ ގުޅުން ދަމަހައްޓަ އެވެ.

އެގޮތުން އޭނާ އެންމެ ފަހުން އިންސްޓަގްރާމް ކުރި ފޮޓޯއިން "ކުއަންޓިކޯ"ގެ މިފަހަރުގެ ސީޒަންގައި އޭނާގެ އިސްތަށިގަނޑު ހުންނަނީ ކުރުކޮށް ކޮށާފައިކަން ވަނީ ޔަގީންވެފަ އެވެ.

"ދިގު އިސްތަށިގަނޑަށް ބައިބައި. ސީޒަން ތިނެއްގައި އެލެކްސް ޕަރިޝް ހުންނަނީ ކޮން ގޮތަކަށް ކަން ވަރަށް އަަވަހަށް އެނގޭނެ،" ކޮށާލާފައިވާ އިސްތަށިތަކުގެ ފޮޓޯއަކާއެކު ޕްރިޔަންކާ އިންސްޓަގްރާމް ކޮށްފައިވާ މެސެޖްގައިވެ އެވެ.

"ކުއަންޓިކޯ"ގެ އިތުރުން ޕްރިޔަންކާ އަންނަނީ ހޮލީވުޑް ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ޖިމް ޕާސަންސް އާއި އޮކްޓޭވިއާ ސްޕެންސާއާ އެކު ކުޅޭ "އަ ކިޑް ލައިކް ޖޭކް" އާއި ރެބެލް ވިލްސަން، އެެޑަމް ޑެވިން އަދި ލިއާމް ހެމްސްވޯތު އާއެކު ކުޅޭ "އިޒިންޓް އިޓް ރޮމެންޓިކް؟" އެވެ.

ބޮލީވުޑްގެ ބައެއް ފިލްމުތައް ކުޅެން ޕްރިޔަންކާ އެއްބަސް ވެފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައި ވިޔަސް މިހާތަނަށް އޭނާ އެއްވެސް ފިލްމެއް ކުޅެން ސޮއިކޮށްފައެއް ނުވެ އެވެ.