ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އަށް 25 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލު ކުރި މައްސަލައެއް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެމްއެންޑީއެފްގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސިންގަލް ސިފައިންގެ ނުވަ ބުރީގެ އިމާރާތަށް ފަރުނީޗަރު ސަޕްލައި ކުރުމުގެ މަސައްކަތް ކުރުމަށް ސޯސް ޕްރޮކިއުމަންޓް އުސޫލުން 2019 ވަނަ އަހަރު 1.5 މިލިއަން ރުފިޔާ އަށް ސިފްކޯ އާ ވަނީ ހަވާލުކޮށްފަ އެވެ. އަދި ޅ. މާފިލާފުށިގައި ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރެއްގެ މަސައްކަތް ކުރުމަށް 16.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް ހަމަ އެ އަހަރު ހަވާލު ކުރި އެވެ.
އޭގެ އިތުރުން އެމްއެންޑީއެފްގެ ހުޅުލެ ޕޯސްޓް ރީލޮކޭޓް ކުރުމަށް 6.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް 2020 ވަނަ އަހަރު ވަނީ ހަވާލުކޮށްފަ އެވެ.
ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން ހިދުމަތް ހޯދާއިރު ޕްރޮކިއުމަންޓުގެ އަގު 35،000ރ. އަށް ވުރެ ބޮޑުވާނަމަ އެ ހިދުމަތެއް ހޯދަން ޖެހޭނީ އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލްކަން ޔަގީން ކުރުމަށް ފަހުގައި ކަމަށް މާލިއްޔަތު ގަވައިދުގައި ބަޔާން ކޮށްފައިވެ އެވެ.
އެމްއެންޑީއެފް އިން ސިފްކޯ އާ ހަވާލުކޮށްފައިވާ މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށާއި އެ މަސައްކަތް ލަސްވެފައި ވަނީ ސިފްކޯ އާ ހަވާލު ކުރުމުގެ ކުރިން އެ ކުންފުނީގެ އޮޕަރޭޝަނަލް ކެޕޭސިޓީ ރަނގަޅަށް ނުބެލޭތީ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ބައެއް މަސައްކަތްތަކަށް އެޑްވާންސްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ސިފްކޯ އަށް ދީފައިވާ ކަމަށާއި ނަމަވެސް ދައުލަތުގެ ބަޖެޓުން ހަރަދު ކުރަން ޖެހޭނީ މަސައްކަތް ނިންމާ ވަރަކުން ދެވޭ ޕްރޮގްރެސިވް ޕޭމަންޓެއް ގޮތުގައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ނޫން ނަމަ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރުން ދޭ އަހަންމިއްޔަތުކަން ކުޑަވެ، މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމަށް މަގުފަހިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ނިޔަލަށް ލިބެން ޖެހޭ އެމްއެންޑީއެފް އަށް ލިބެން ޖެހޭ 4.5 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާ މައްސަލަ އެވެ. އަދި އެ ފައިސާ ހޯދަން އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓުގައި ބުނެފައިވެ އެވެ.
ސިފްކޯ އަކީ އެމްއެންޑީއެފްގެ ތެރޭގައި ސިފައިންނަށް އެހީވުމަށް އުފައްދާފައިވާ ކޯޕަރޭޓިވް އެކެވެ.