ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ބޭކާރު ގޮތުގައި އޯޓީ ޖެހުން ހުއްޓުވުމުގެ ގޮތުންނާއި އިތުރު ގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އިސްލާހުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ. 

ޕީސީބީން ބުނީ ހަފުތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭ ގޮތަށް ކުންފުނިތަކުގެ އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު ބަދަލުކުރަން ކުންފުނިތަކަށް މިއަދު އަންގާފައިވާ ކަމަށެވެ.

އެއީ މާލީ ނިޒާމު ހަރުދަނާކޮށް، ހުރިހާ ކުންފުންޏެއްގެ ސިޔާސަތުތައް އެއްހަމަކުރުމަށް ގެނައި ބަދަލެއް ކަމަށް ވެސް ޕީސީބީން ބުންޏެވެ.

ޕީސީބީން ވަނީ މިހާރު އިތުރު ގަޑީގެ ފައިސާ ދިނުމުގައި މަތީ މިންގަނޑެއް ކަނޑައަޅާފައިވާ ކުންފުނިތަކުން، މިހާރުގެ އުސޫލުތަކާއި އާ އުސޫލު އަޅާ ކިޔުމަށްފަހު، އެންމެ ފައިދާ ހުރި އަދި ހަރަދު ކުޑަ ގޮތެއް އިހުތިޔާރުކުރަން އަންގައިފަ އެވެ. 

ޕީސީބީން ބުނީ އެ ބަދަލުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަށާއި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި ބޭކާރު ގޮތުގައި އިތުރު ގަޑީގެ މަސައްކަތް ކުރުން ކުޑަވާނެ ކަމަށް ބެލެވޭ ކަމަށެވެ. 

އިތުރު ގަޑީގެ ހަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން ކުންފުނީގެ މުހިއްމު މަސައްކަތްތަކާއި ހިދުމަތްތައް ރަނގަޅު ކުރުމަށް އިތުރު ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ޕީސީބީން ބުންޏެވެެ. 

އެހެންވެ، ޕީސީބީން އެންގީ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ކުންފުނިތަކުގެ އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ އިސްލާހަށް އަމަލު ކުރަން ފެށުމަށެވެ.

ޕީސީބީން އެގޮތަށް އެންގިއިރު، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އެެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށް ޕީސީބީން ކުރިން ވަނީ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް ވެސް އަންގައިފަ އެވެ.