ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ވެއްޓިއްޖެ އެވެ.
ރިޕޯޓާސް ވިތައުޓު ބޯޑާސް (އާރްއެސްއެފް) އިން މިއަދު އާއްމުކުރި ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ދައްކާގޮތުން ރާއްޖެ މިހާރު އޮތީ 108 ދަރަޖައިގަ އެވެ. އެއީ، މިދިޔަ އަހަރު ރާއްޖެ އޮތް ރޭންކާ އަޅާބަލާއިރު ހަތަރު ދަރަޖައިގެ ވެއްޓުމެކެވެ.
އެ އިންޑެކްސްގައި މިހާރު ރާއްޖެ އޮތީ 104 ވަނައިގަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ނެރޭ ވޯލްޑް ފްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަނީ 52.46 ޕޮއިންޓުން 49.23 އަށް ދަށަށް ވެއްޓިފަ އެވެ.
އެ އިންޑެކްސްގެ މައިގަނޑު މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން މައިގަނޑު ދާއިރާތަކުން ވަނީ ދަށްވެފަ އެވެ.
- ސިޔާސީ މާހައުލު: 123 އިން 129 އަށް
- އިގްތިސާދީ މާހައުލު: ނޫސްވެރިކަމަށް އޮތް އިގްތިސާދީ ގޮންޖެހުންތައް ވަނީ 118 އިން 157 އަށް ގޮސްފައި
- ގާނޫނީ ކަންކަމުގައި 23 ދަރަޖަ ވަނީ ދަށަށް ގޮސްފައި. އެއީ 103 އިން 126 އަށް
- ސަލާމަތާއި ރައްކާތެރިކަން: ނޫސްވެރިންނަށް ރައްކާތެރިކަން އޮތް މިންގަނޑު 56 އިން 77 ދަރަޖައަށް ވެއްޓި، 21 ދަރަޖަ ފަހަތަށް ޖެހިފައިވޭ
އެ އިންޑެކްސްގައި ރާއްޖެއަށް ހަމައެކަނި ކުރިއެރުމެއް ލިބުނީ އިޖުތިމާއީ ކުރިއެރުމުންނެވެ. އެ މިންގަނޑުގައި 133 ވަނައިން 118 ވަނަ ދަރަޖައަށް ވަނީ ކުރިއަށްޖެހިލައިފަ އެވެ. އެއީ 15 ދަރަޖައިގެ އިތުރުވުމެކެވެ.
ރިޕޯޓާސް ވިތައުޓު ބޯޑާސް އިން ބުނީ މީޑިއާގެ މިނިވަންކަމަށް ގޮންޖެހުމަކަށްވާ ގޮތަށް ހެދި އަބުރުގެ ގާނޫނު ކުރީގެ ސަރުކާރުން އުވާލިއަސް، މި ސަރުކާރުން ގެނައި ބަދަލުތަކުން އެކަން ބަދަލުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނުތަކަށް ގެނައި ބަދަލުތަކާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ކޮމިޝަން އުފެއްދުން ވެސް ފާހަގަކޮށްފައިވެ އެވެ.