އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުންތަކެއް ބިނާކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައާރަފްކުރެއްވި މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތުގެ) ތަމްރީނަށް ނުހޮވުނު ކުދިންނަށް ސަރުކާރުން ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހަށް އިއްވެވި މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެ ޕްރޮގްރާމަށް ދަސްވެނިވެފައިވާ ކުދިންގެ ތެރެއިން އެ ތަމްރީނުތަކަށް ނުހޮވޭ ކުދިން، ވަޒީފާ އަދާކުރަން ޝައުގުވެރިކަން ފާޅުކުރި ތަންތަނުން ސަރުކާރުން ވަޒީފާ ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

އޭގެ ތެރެއިން 38 ކުދިން ބޭނުންވީ އަމިއްލަ ތަންތަނުގައި މަސައްކަތް ކުރަން ކަމަށް ވާތީ އެ މީހުންނަށް އެ ފުރުސަތު ދީ، ރިލީސް ކޮށްފައިވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވަޒީފާ ހަމަޖައްސައިދީފައިވާ ތަންތަން:

  •  އެމްއެންޑީއެފަށް 171 ކުދިން
  • އެމްއެންޑީއެފް އޮގްޒިލަރީ ފަޔާމަނުންނަށް ހަތް ކުދިން
  • އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް 32 ކުދިން
  • ފުލުހުންގެ އިދާރާ އަށް 32 ކުދިން
  • އިމިގްރޭޝަނަށް ފަސް ކުދިން
  • އެމްއޭސީއެލްއަށް ތިން

ރައީސް ވިދާޅުވީ ޑްރަގާއި މަރާމާރީ އާއި ގޭންގް ކުށްތަކާއި އެހެނިހެން ނުރަނގަޅު އަމަލުތަކުން ޒުވާނުންނާއި ކުޑަކުދިން ސަލާމަތްކޮށް، ފައިދާހުރި ބޭނުންތެރި ބަޔަކަށް ހެދުމަކީ ދައުލަތެއްގެ ޒިންމާއެއް ކަމަށެވެ. އެއީ ހާއްސަކޮށް ސަރުކާރުގެ ޒިންމާއެއްކަން ފާހަގަ ކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ދާއިރާއަކީ ޒުވާނުންގެ ތަރުބިއްޔަތު ކުރުން ކަމަށެވެ.

"މާދަމާ މި ލޮބުވެތި ވަތަން ދަތުރުކުރާނީ މިއަދުގެ ޒުވާނުން އަމާޒު ހިފި މިސްރާބަކަށް. އެ ޒުވާނުންގެ ހަކަތައިން. އެހެންކަމުން ޒަމާންތަކެއް ވަންދެން ޒުވާން ޖީލަށް އަޅައިނުލެވި އޮތް އޮތުން ނިމުމަކަށް ގެނެސް، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް މިސަރުކާރުން ފެށި ހާއްސަ މަސައްކަތެއް ކަމަށްވާ ދިވެހި ވަތަނީ ހަރަކާތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުން 344 ޒުވާނުން ތަމްރީނުވެ މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހު ވަނީ ދަސްވެނިވެފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ ތެރެއިން ހޮވުނު 65 ކުދިން ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނަށް މިދިޔަ މަހުގެ 15 ގައި ބ. ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގައި ފަށާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އަދި ދެވަނަ ބެޗުގެ ތަމްރީނުތަކަށް 350 ޒުވާނުން ޖެނުއަރީ 24ގައި މާފިލާފުށްޓަށް ފުރާފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރު ތެރޭގައި އިތުރު 1000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަކުރުން ކަމަށެވެ.